ޚަބަރު

ރައީސް ޔާމީން، ކެމްޕޭނަށް ކޮމަންޑޫއަށް ވަޑައިގެންފި

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން ވާދަކުރާ މޫސާ ފަތުހީގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ށ. ކޮމަންޑޫއަށް ވަޑައިގެންފިއެވެ.

ފަތުހީގެ ކެމްޕޭނަށް ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަންނަވާނެކަން އެމަނިކުފާނު ލީޑުކުރައްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހާމަކުރީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެ ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ، ފަތުހީގެ ކެމްޕޭނު ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި "އިންޑިއާ އައުޓް" ކެމްޕޭނު ހަރަކާތް ވެސް އެރަށުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ޔާމީންގެ އަރަހިގުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސް ބޭފުޅުން ވެސް މިއަދު ވަނީ ކޮމަންޑޫއަށް ވަޑައިގެންފައެވެ. އެ ބޭފުޅުންގެ ތެރޭގައި، އެމަނިކުފާނުގެ ވެރިކަމުގެ ހައުސިން މިނިސްޓަރު، މިހާރު މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އާދަމް ޝަރީފުގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުއެވެ. އަދި ފަތުހީ ވެސް ރައީސް ޔާމީންއާއެކު ވަނީ ކޮމަންޑޫއަށް ވަޑައިގެންފައެވެ.

ފަތުހީއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ މުހައްމަދު ރާޝިދުއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކީ އަބްދުލް ހަންނާނު އިދުރީސްއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.