އިންތިހާބެހޭ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކުގައި މީގެ ކުރިން ފިޔަވަޅު އަޅާފައިވެސް ވާނެ ކަމަށާއި، ނަމަވެސް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ތަހުގީގުކުރުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އޮންނަ ބާރެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ބައެއް ޕާޓީތަކުގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މިހާރު ބައި އިލެކްޝަން ބާއްވަން ތައްޔާރުވެފައިވާ ކޮމަންޑޫ ދާއިރާގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޝަކުވާއެވެ.
އެ މައްސަލައިގައި ޕާޓީތަކުން ބުނެފައިވަނީ ބަޖެޓުގައި ހިމަނާފައި ނެތް މަޝްރޫއުތައްވެސް ސަރުކާރުން އެ ދާއިރާގައި ކުރަމުންގެންދާ ކަމަށެވެ. އެކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ފަރާތަތަކުން ބުންޏެވެ.
އޭގެ ތެެރެއިން ކޮމަންޑޫ ދާއިރާގައި ވާދަކުރާ އެއް ޕާޓީ ކަމަށްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެންއެންޕީ)ގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އުޝާމު ވިދާޅުވީ އެގޮތަށް ބަޖެޓުގައި ނެތް ކަންތައްތަކެއް ކުރިއަށްގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި އެއީ އިންތިހާބާބެހޭ ގާނޫނާވެސް ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން އީސީން އިސް ނަގައިގެންވެސް އެފަދަ ކަންތައްތައް ބަލަންޖެހޭ ކަމަށާއި އެއީ އީީސީގެ މަސްއޫލިއްޔަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އެގޮތަށް އީސީން އިސް ނަގައިގެން މިހާތަނަށް މައްސަލަ ބަލައިފައެއް ނުވާނެ ކަމަށެވެ. އަދި އެގޮތަށް އީސީން މައްސަލަ ބަލަން ފަށައިފިނަމަ އެއީ ތަފާތުކުރުން ގެންގުޅެނީ ކަމަށް ބެލެވޭނެ ކަމަށާއި، އެއް ކެންޑިޑޭޓެއްގެ މައްސަލަ ނުބަލައި އަނެއް ކެންޑިޑޭޓެއްގެ މައްސަލަ ބަލަނީކަމަށް ކަނޑައެޅިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިންތިހާބާބެހޭ ޝަކުވާތައް ހުށަހަޅާނެ އުސޫލެއް ކަނޑައަޅައި އިސީން އެ އުސޫލު އާއްމުކޮށްފައިވާނެ ކަމަށާއި، އެ އުސޫލުގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އެގޮތަށް ސަރުކާރާ ބެހޭގޮތުންވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، މީގެ ކުރިންވެސް އިންތިހާބާބެހޭ ޝަކުވާތައް ހުށަހެޅުމުން އޭގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކަށް ފިޔަވަޅު އަޅައި ދައުވާ ކުރަންޖެހޭ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިގެން ދައުވާކޮށްފައިވާނެ ކަަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ސަރުކާރުން ހިންގާ މަޝްރޫއުތައް ބަލައި އެ މަޝްރޫއުތައް ބަޖެޓުގައި އޮތްތޯ ނުވަތަ ނެތްތޯ ބެލުމަކީ އިސީގެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް އެފަދަ ކަމަކާ ބެހޭގޮތުންވެސް އިންތިހާބާބެހޭ ޝަކުވާއެއް، ހުށަހަޅަން އޮންނަ އުސޫލުން ހުށަހަޅައިފިނަމަ ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާތަނަށް އެއްވެސް ފަރާތަކުން އެފަދަ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން ހިންގާ ކަންކަމަކީ އީސީއާ ގުޅޭ ކަންތައްތަކެއް ނޫން ކަމަށެވެ. ހަމަ އެގޮތަށް ސަރުކާރުން ކުރާ ކަންތައްތައް ތަހުގީގު ކުރުމުގެ ބާރަކީ އީސީއަށް އޮތް ބާރެއް ނޫން ކަމަށާއި، ހެތްކާއެެކު އިންތިހާބާބެހޭ މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް އިސީން ބަލާނެ ކަމަށެވެ. އަދި އެކަމަކީ އިންތިހާބާބެހޭ ކުށަކަށް ވާނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ށ. ކޮމަންޑޫއާއި އެރަށާ އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުންނެވެ. އެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު