ކޮވިޑުގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަރަންޓީނު ކުރަމުންދާ މުއްދަތު 10 ދުވަހުގެ މުއްދަތަށް ކުރުކުރަން ނިންމައިފިއެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑުގެ އާ ވޭރިއަންޓު ފެތުރެމުންދާ އިރު، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމުގައި ލުއިތަކެއް ވަނީ ދީފައެވެ.
ހެލްތު މިނިސްޓްރީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައިވެސް ކޮވިޑު ޖެހޭ މީހުން އެކަހެރިވާންޖެހޭ މުއްދަތު ކުރުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑުން ދިފާއުވުމަށް ދޭ ވެކްސިން ފުރިހަމަކޮށްފައިވާ މީހަކު ޕޮޒިޓިވްވެ، އިތުރު އަލާމާތެއް ނެތް ނަމަ، 10 ދުވަސް ފަހުން، ޓެސްޓު ނުކޮށް ދޫކޮށްލާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ފަސް ދުވަހުގެ މުއްދަތައް ކަރަންޓީނު ކުރުމަށްފަހު ފަސް ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓެއް ހެދުމަށްފަހު އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަވެސް ކަރަންޓީނުން ދޫކޮށްލާނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ކަރަންޓީނުގެ މުއްދަތު ކުރު ކުރި ނަމަވެސް ވެކްސިން ނުޖަހާ މީހުންނަށް އެއްވެސް ލުޔެއް ނެތެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ފުރިހަމަ ނުކުރާ މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުން ދޫކޮށްލާނީވެސް ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވިދާޅުވިއެވެ.