އެމްޑީޕީގެ މެންބަރުންނަކީ އައުޓް ނުވެ، ގިނައިރު މަސައްކަތުގައި އުޅެގެން ކަންކަން ރަނގަޅުކުރަން އެނގޭ ބައެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝީދު (ރާޑޯ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުމުން އެކި ގޮތްގޮތުން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުން އަންނަ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ރާއްޖެ އިސްލާހުކޮށް ރާއްޖެ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށަށް ބޭނުންވާ އަސާސީ ގިނަ ކަންކަން ފުއްދައިދެމުން އަންނަނީ މިސަރުކާރުން ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތައް ބަދަލުކުރުމަށް، އިދިކޮޅަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެހާ ފަސޭހައެެއްކޮށް އައުޓެއް ނުވާނޭ. އަޅުގަނޑުމެންނަށް އެނގޭނެ އައުޓް ނުވެ، ގިނައިރު މަސައްކަތުގައި އުޅެގެން މިކަންކަން ރަނގަޅަށް ކުރަން. އެބޭފުޅުން އަވަހަށް އައުޓްވިއެއްކަމަކު އަޅުގަނޑުމެން ޖާގައެއް ނުދޭނަން ދިވެހިރާއްޖެއަށް މިއައި ބަދަލުތައް އައުޓްކޮށްލައިގެން އެބޭފުޅުން ބޭނުންގޮތަކަށް ކަންތައް ކުރާކަށް" ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ގެންނަން އުޅުމުން އެ ނިޒާމު ހަލާކުކޮށްލަން ބަޔަކު މަސައްކަތްކުރި ކަމަށާއި ނަމަވެސް އެފުރުސަތު ދެން ނުދެއްވާނެ ކަމަށެވެ.
އެމްޑީޕީ މެންބަރުންނަކީ އައުޓް ނުވެ ގިނައިރު މަސައްކަތްކުރަން އެނގޭ ބައެއްކަމަށް ފައްޔާޒް ވިދާޅުވިއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. އެ ހަރަކާތް ލީޑުކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.