އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވާ މީހުންނަށް ފުލުހުން ހުރަސްއަޅައި މީހުން ހައްޔަރު ކުރަމުންދަނީ ސަރުކާރު އިސްވެރިންގެ އޯޑަރަށް ކަމަށް އިދިކޮޅު ޕީޕީއެމުން ތުހުމަތުކޮށްފިއެވެ.
އިދިކޮޅުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހަރަކާތުގެ ބައިވެރިން ހައްޔަރުކުރަނީ، "އިންޑިއާ އައުޓް" ނުގޮވޭނެ ކަމަށާއި އިންޑިއާ އައުޓް ޓީޝާޓު ލައިގެންވެސް ނޫޅެވޭނެ ކަމަށް ބުނެ ކަމަށެވެ.
ނަމަވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށްވާ އިރު، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައްޔިތުން ނުކުމެ އަޑުއުފުލުމުން، އަނިޔާވެރިކަމާއެކު އެފަރާތްތައް ހައްޔަރުކުރަނީ މި ސަރުކާރު އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ވެއްޓިފައި އޮތުމުން ކަމަށް ބުންޏެވެ.
ޕީޕީއެމުން ބުނީ، އިހުތިޖާޖުގެ ތެރެއިން މީހުން ހިފައި ހައްޔަރުކުރަނީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކަމަށާއި ހައްޔަރުކުރާ މީހުން އެތައް ގަޑިއިރެއް ވަންދެން ބަންދުގައި ބަހައްޓާ ކަމަށެވެ.
"...މިފަދަ ހުދުމުހުތާރު ގޮތަކަށް އަމަލު ކުރަމުންދަނީ ސީދާ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށްކަން ވަރަށް ސާފެވެ. މިކަންކަން ރާއްޖޭގައި ގާއިމުކުރެވިފައިވާ ތަހުގީގީ އިދާރާތަކުން މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ގޮވާލަމެވެ. އަދި މިއަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމުން ވަނީ، މިނިވަންކަމާއެކު ސުލްހަވެރި އެއްވުންތައް ބޭއްވުމަށް ފުރުސަތު ދިނުމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލައިފައެވެ. އަދި މިސަރުކާރުގެ އިސްވެރިން މިގައުމަށް ގައްދާރުވެ، އިންޑިއާގެ ބާރާއި ނުފޫޒުގެ ތެރެއަށް ގައުމުގެ މިނިވަންކަން ވައްޓާލާފައިވާތީ، އެކަމާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.