ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަގޫދޫ ބަނދަރާއި، ކުލާސްރޫމުތަކުގެ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް

އިބްރާހިމް ޒަކީ

ނ. މަގޫދޫ ބަނދަރު ހެދުމުގެ މަސައްކަތްތަކާއި އެރަށު ސްކޫލަށް ބޭނުންވާ ކުލާސްރޫމްތަކާއި، އިދާރީ ބޭނުންތަކަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މީގެ އިރުކޮޅެއް ކުރިން އެ އަތޮޅު މަގޫދޫއަށް ވަޑައިގެން ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކުރަން ޖެހޭ އަސާސީ ވަރަށް ގިނަ މަސައްކަތްތައް މަގޫދޫގައި އެބަހުރި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މީގެ ތިން އަހަރު ކުރީން އެމަނިކުފާނު މަގޫދޫއަށް ވަޑައިގެންނެވުމުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރަށު ރައްޔިތުން ފާހަގަ ކުރި އެއްކަމަކީ، ލަފާފުރުމުގެ ދަތިކަމުގެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭރު އުޅަނދުފަހަރު ވަދެ ނިކުތުމަށް ބޭނުން ކުރެވެން އޮތީ، ވަރަށް ކުޑަ ތަންކޮޅެއް ކަމަށާއި، ބޮޑުބަޔަށް އޮތީ ފަސް އަރާފައި ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ގުޅިގެން ފަސްގަނޑު ނަގައި ވަގުތީ ގޮތުން ބޭނުން ކުރެވޭގޮތަށް ހެދި ނަމަވެސް އެ ބަނދަރަކީ ރަށު ރައްޔިތުންނަށް އެކަށީގެންވާ ބަނދަރެއް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭތީ، އެރަށުގެ ބަނދަރު ބޮޑުކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެރަށު ސްކޫލްގެ ދަރިންނަށް ތައުލީމު ދިނުމަށް ބޭނުންވާ ކުލާސްރޫމްތަކާއި، އިދާރީ ބޭނުންތަކަށް ބޭނުންވާ އިމާރާތްތައް ކުރުމަށްވެސް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައްވެސް މިއަހަރުގެ ތެރޭއި ފެށޭނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މީގެކުރިން އެރަށަށް ކުރެއްވި ދަތުރުފުޅުގައި، ގިނަ އަހަރުތަކެއް ވެގެންދިޔައިރުވެސް ސަރުކާރުން އެރަށުގައި އެކަށީގެން ވާ މިސްކިތެއް ހަދައިދީފައި ނުވާ ވާހަކަ ރައްޔިތުން ދެއްކި ކަމަށެވެ. އެދުވަހުން ފެށިގެން އެ ރަށުގައި މިސްކިތެއް އިމާރާތްކުރަން ސަރުކާރުން ނިންމައި، ރައްޔިތުންނަށް ބޭނުން ކުރެވޭ ވަރުގެ މިސްކިތެއް ހަދައި މިދިޔަ އަހަރު ހުޅުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެރަށުގެ އިންޖީނުގެއަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ތަނަކަށް ވުމުގެ ސަބަބުން، ދިރިއުޅުމަށް މީހުންނަށް އުނދަގޫވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް، މުޅި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ވަރުގެ އިންޖީނުގެއެއް އިމާރާތްކޮށް ހިދުމަތް ދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.