އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބާއްވާ އިންތިހާބު ކާމިޔާބު ކުރައްވާ ކޮންމެ ބޭފުޅަކާއެކުވެސް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ހުންނަވާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ، ޕާޓީގެ އާ ލީޑާޝިޕުންވެސް އިސްކަންދޭނީ މިހާރުގެ ސަރުކާރު ޒިންމާދާރު ކުރުވުމަށްކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުން މި ސަރުކާރަށް "ނޫނެކޭ" ބުނެފައިވާކަން ގަބޫލުކޮށް، އެ އަޑުތަކާއެކު ކުރިއަށް ދިއުމަކީ ލީޑާޝިޕްގެ ޒިންމާއެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ގޮތަކަށް މި ނިމިގެންދިޔަޔަސް އަޅުގަނޑު ދެކޭގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެން ފަށާފައި މިވާ މަސައްކަތް ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފައި އޮތް ބުނުން އަޅުގަނޑުމެން އެއާ އެކީގައި ކުރިއަށްދާންޖެހޭ އެއްޗެއްކަން ގަބޫލުކޮށްގެން ލީޑާޝިޕުން ކުރިއަށްދާނެ ކަމުގެ އުންމީދު އަޅުގަނޑަށް ވަރަށް ބޮޑު" ސޯލިހު ވިދާޅުވިއެވެ.
"ކޮންމެ ގޮތަކަށް މި ނިމުނަސް، ހަމަ ގައިމުވެސް އަޅުގަނޑު ކުރިއަށްދާނީ އެމްޑީޕީއާ އެކީގައި. ކޮންމެ ލީޑާޝިޕަކާއެކީގައިވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އަޅުގަނޑު ހުންނާނަން."
ސޯލިހު ވިދާޅުވީ، މީކާއީލް ނަސީމް އިންތިހާބުވެއްޖެ ނަމަ، ޕާޓީގެ ހިންގުން ޒުވާން ޖީލެއްގެ އަތްމައްޗަށް ފުރޮޅިގެންދާނެ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ، އެމަނިކުފާނު މަސައްކަތް ކުރައްވާނީ ވެރިކަން ކުރެއްވުމުގެ މުއްސަނދި ތަޖުރިބާއާއެކު ކަމަށެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީ 2028 ގައި ތަކުރާރުވުމަށް އެއްވެސް މެންބަރަކު ބޭނުންނުވާނެ ކަމަށާއި، އާ ހަކަތައާއެކު ޕާޓީ ވަރުގަދަވާނެކަމަށް އުންމީދު ކުރައްވާކަމަށް ސޯލިހު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު