އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ތަޖުރިބާގެ އަލީގައި މި ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަން ޔަގީން ކުރެވޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ނަޝީދަށް މަރުހަބާ ދަންނަވައި ސޯލިހު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މި ވަގުތު ވަރަށް ގިނަ. އެ މަސައްކަތްތައް ކުރުމުގައި މަނިކުފާނުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު ޝައްކެއް ނުކުރަން،" ސޯލިހު ވިދާޅުވިއެވެ.

މި އިންތިހާބަކީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއްކަމަށްވެސް ސޯލިހު ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން ދެން މި އިންތިހާބުގައި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ސޯލިހު ވަނީ މީކާއީލަށް ތާއީދު ކުރައްވައި ކެމްޕޭނުގައި ބައިވެރިވެވަޑައިގެންފައެވެ.

ސޯލިހު ވިދާޅުވީ މީކާއިލަކީ އުޖާލާ ސިޔާސީ މުސްތަގުބަލެއް އޮތް ބޭފުޅެއް ކަމަށެވެ.