ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތަރައްގީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމު ތަރައްގީކޮށް އެމީހަކު ހުރި ރަށަކުން ހިދުމަތް ދިނުން: ރައީސް ސޯލިހު

1

ރާއްޖޭގެ ތަރައްގީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކޮށް އެ މީހަކު ހުރި ރަށަކުން ބޭނުންވާ ހިދުމަތް ދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްގީކޮށް އެ މީހަކު ހުރި ހިސާބަކުން، ހުރި ރަށަކުން ބޭނުންވާ ހިދުމަތް ދީ، ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް ގުޅާލުންކަމުގައެވެ.

މަނަދޫ ސްކޫލްގައި ކުރިޔަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި މަނަދޫ ރައްޔިތުން ވަނީ ތަރައްގީއާ ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިހުސާސްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ގޮތުން މަނަދޫ ރައްޔިތުން ވަނީ އިއާދަ ކުރަނިވި ހަކަތައާއި މަގުހެދުމާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި ބޯހިޔާވަހިކަމުގެ އިތުރުން އިގްތިސޯދީ ހަރަކާތްތައް ހިންގުމަށް ލޯކަލް މާރުކޭޓެއް ހެދުމާއި މަނަދޫ ސިއްހީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ މަނަދޫގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށް މާލޭގައި އެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަކީ ހައްލެއް ނޫންކަމަށާއި މާލެއަށް މީހުން ޖަމާ ނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް، ރަށްރަށުގައި އަސާސީ ހިދުމަތްތައް ތަރައްގީކުރުމަކީ މުހިންމުކަމެއް ކަމަށެވެ.