އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ކުޅުނު ފޯރިގަދަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ޗެލްސީގެ ހޯމް، ސްޓެންފޯޑު ބްރިޖުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަތަރު ގޯލުވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. ޗެލްސީން މެޗުން ޕޮއިންޓުން ހޯދީ ލިވަޕޫލް ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ.
މިރޭގެ މެޗު އެއްވަރުވުމާއެކު މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ އެއްވަނައިގައި ދަމަހައްޓަމުން އައި ލީޑު އޮތީ 10 ޕޮއިންޓުގެ ފަރަގެއްގައެވެ. ޗެލްސީ އާއި ސިޓީންވެސް 21 މެޗު ކުޅެފައިވާ އިރު، ސިޓީއަށް ލިބިފައި ވަނީ 53 ޕޮއިންޓެވެ. ޗެލްސީ ދެވަނައިގައި އޮތީ 43 ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން 42 ޕޮއިންޓާ އެކުގައެވެ. ލީގުގެ ހަތަރުވަނައިގައި މިވަގުތު އޮތީ 20 މެޗުން 35 ޕޮއިންޓާއެކު އާސެނަލްއެވެ.
މެޗަށް ޗެލްސީން ނުކުތީ ރޮމެލޫ ލުކާކޫ ނުލައެވެ. މީޑިއާގައި ޗެލްސީއާ ގުޅިގެން ދެއްކި ވާހަކަތަކެއްގެ ސަބަބުން ޗެލްސީ ސްކޮޑުން ލުކާކޫ ބޭރު ކުރިކަމަށް މެޗުގެ ކުރިން ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފައެވެ. އަނެއްކޮޅުން ލިވަޕޫލުން ނުކުތީ ގޯލްކީޕަރު އެލިސަން ބެކާ އާއި ޑިފެންޑަރު ޖޮއެލް މަޓިޕް އަދި ރޯބާޓޯ ފިރްމީނޯވެސް ސްކޮޑުގައި ނުހިމަނައެވެ. އެ ތިން ކުޅުންތެރިންވެސް މެޗުން ނުފެނުނީ ކޮވިޑަށް ޕޮސިޓިވް ވުމުންނެވެ. އޭގެ އިތުރުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްވެސް ކޮވިޑްގެ ސަބަބުން ބެންޗުގައި ނެތެވެ.
މެޗުގެ ފުރަތަމަ ފުރުސަތު ފަހިވީ ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗަށެވެ. އެލެކްސެންޑްރާ އާނޯލްޑަށް ހެދުނު ގޯހުން ޕުލިސިޗަށް މުޅިން ހުސްކޮށް ލިބުނު ބޯޅައިގައި އޭނާ ލިވަޕޫލް ގޯލްކީޕަރު ނައްޓާލަން އުޅެނިކޮށް ކީޕަރު ކެލެހާ ނުކުމެ ބޯޅަ ދުއްވާލިއެވެ. އެ ފުރުސަތު އެއްލާލުމުން އަނެއްކޮޅުން ޗެލްސީ ހެދި ގޯހުގެ ބޭނުން ހިފައި ލިވަޕޫލް ލީޑު ނެގިއެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރު ޓްރެވާ ޗަލޮބާ ހެދި ގޯހުން ފައިދާ ނަގައި ލީޑު ނަގައިދިނީ ސަޑިއޯ މާނޭއެވެ.
އެ ގޯލާއެކު ކުޅުން ރަނގަޅުކުރި ލިވަޕޫލްގެ ދެވަނަ ގޯލު މެޗުގެ 26 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ސަލާހެވެ. އަރިމަތިން ވަދެ މާކަސް އެލޯންސޯ ނައްޓާލައި، ސަލާހު ހިތްގައިމުކޮށް ގޯލަށް ބޯޅަ ވައްދާލީ މެންޑީގެ ހަނި އޭންގަލުންނެވެ.
ދެ ގޯލާއެކު ލިވަޕޫލް ހަމަޖެހިލި ނަމަވެސް ޗެލްސީން ދިޔައީ ނުރައްކާ ކުރަމުންނެވެ. އެ ޕްރެޝަރުގެ ނަތީޖާއެއްގެ ގޮތުން ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޗެލްސީ ފުލުފުލުގައި ދެ ގޯލެއް ޖެހިއެވެ. ފުރަތަމަ ގޯލަކީ ކޯނަރެއްގެ ބޭނުން ހިފައި މަޓެއޯ ކޮވަސިޗް އޭރިއާ ބޭރުން ފޮނުވާލި ވޮލީއަކުން ޖެހި ގޯލެކެވެ. ހާފުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ޗެލްސީން ދެވަނަ ގޯލެއް ޖެހީ ކްރިސްޓިއަން ޕުލިސިޗްގެ ގޯލަކުންނެވެ.
މެޗުގެ ދެވަނަ ހާފުވެސް ފެނުނީ ޝައުގުވެރި ކޮށެވެ. އެޓޭކް ކުރުމުގައި ދެޓީމުވެސް ހަމަހަމަ ކޮށް ފެނުނު އިރު، ގޯލްކީޕަރުންގެ ދައުރު ބޮޑެވެ. ލިވަޕޫލްގެ ސަލާހުގެ ދެ ހަމަލާއެއްގެ އިތުރުން މާނޭގެ ހަމަލާއެއްވެސް ޗެލްސީގެ ސެނެގާލް ގޯލްކީޕަރު މެންޑީ ހުށިޔާރުކަމާއެކު މަތަކުރި އިރު، އަނެއްކޮޅުން ޕުލިސިޗް ޖެހި ނުރައްކާތެރި ބޯޅައެއް ލިވަޕޫލްގެ ގޯލްކީޕަރު ކެލެހާ މަތަކުރިއެވެ.
މިރޭގެ މެޗަކީ ޗެލްސީ އާއި ލިވަޕޫލުންވެސް އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ދާ ކުޅުންތެރިން، މުބާރާތަށް ދިޔުމުގެ ކުރިން ކުޅުނު ފަހު މެޗެވެ. މަހެއް ދުވަހަށް ގައުމީ ޓީމަށް ކުޅެންދާނެ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ގޯލްކީޕަރު މެންޑީ އާއި މާނޭގެ އިތުރުން މުހައްމަދު ސަލާހުވެސް ހިމެނެއެވެ. އޭގެ އިތުރުން ލިވަޕޫލްގެ މަޓިޕް އަދި ނަބީ ކެއިޓާވެސް އެފްކޮންއަށް ދާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު