މިއަހަރަކީ، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ އަހަރެކެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވީ މިއަހަރުގައެވެ. ސިޔާސީ ރޭހުގައި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއާއި އިދިކޮޅު، ޕީޕީއެމުން އެންމެ ބޮޑަށް ކެމްޕޭން ކުރީ، ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށެވެ. އަތޮޅުތަކަށް ޓީމުތައް ހަދައިގެން ދަތުރުތައް ކުރިއެވެ. ދޮރުން ދޮރަށް ހިނގައި ޕާޓީގެ ސިޔާސަތުތައް ކިޔައިދިނެވެ.

ގިނަ ބަޔަކު ހީކޮށްގެން ތިބީ، އަދި ސިޔާސީ ފަރާތްތަކުން ހިސާބު ޖަހައިގެން ތިބީ، އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ މި ފަހަރުވެސް އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. ހާއްސަކޮށް، މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. މާލޭ ރައްޔިތުންނަކީ "ރަން ބިސް އަޅާ ކުކުޅެއް"ގެ ގޮތުގައި، މައި ދެޕާޓީންވެސް އައީ ދެކެމުންނެވެ. އެހެންވެ، އިންތިހާބުގެ ކުރިން މާލޭގެ ރައްޔިތުންގެ ރުހުން ހޯދަން އެބަ ޖެހެއެވެ. އެމްޑީޕީން މަސައްކަތް ކުރަމުން އައީ މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުމަށެވެ. އެއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭނީ އެ ސިޔާސަތުތައް ގަބޫލުކުރާ އެމްޑީޕީގެ ރީނދޫ ލޭ ހިނގާ މެންބަރުން ކައުންސިލްތަކުގައި ތިބެގެން ކަމަށް އެމްޑީޕީން ގަބޫލު ކުރާތީއެވެ. ޒަމާނުއްސުރެ ކަން އޮތީ ވެސް އެހެންނެވެ. މާލެއަކީ އެމްޑީޕީގެ ތަނެކެވެ. ބުނަނީ އެހެންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ވެރިކަމުގެ ރޭހުގައި، އެމްޑީޕީން ނުކުންނެވީ، މާލޭގެ މޭޔަރަކަށް އެއިރު ހުންނެވި ޝިފާ ޕްރައިމަރީގައި ބަލިކުރެއްވުމަށް ފަހު، އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި އަނަސް އަބްދުލް ސައްތާރެވެ. އަނަސްއާ ވާދަކުރުމަށް އިދިކޮޅު ޕީޕީއެމުން ނެރުނީ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އަނަސްގެ ކެމްޕޭނަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. އަނަސްގެ އިނގިލިކުރީގައި ހިއްޕަވައިގެން ދޮރުން ދޮރަށް ހިންގެވިއެވެ. މާލޭގެ މޭޔަރުކަމަށް އަނަސް ގެންނަން ޖެހޭ ސަބަބުތައް ތިލަކޮށްދިނެވެ. ނަމަވެސް މާލޭގެ ރައްޔިތުން އަނަސް އަށް ބުނީ ނޫނެކޭ އެވެ. ވޯޓުދީ ހޮވީ މުއިއްޒުއެވެ. މުއިއްޒުއަށް މޭޔަރުކަން ދީ، މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުވެސް މާލޭގެ ރައްޔިތުން ދިނީ އިދިކޮޅު ޕީޕީއެމަށެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، މޭޔަރު މުއިއްޒު ހިމެނޭހެން، ޕީޕީއެމްގެ ކެންޑިޑޭޓުން ވަރަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ހާއްސަކޮށް މޭޔަރު މުއިއްޒު ވަނީ، ދޮރުން ދޮރަށް ހިންގަވައި، މާލޭގެ ރައްޔިތުންގެ އަޑު ކައިރިން އައްސަވާފައެވެ. މާލޭގެ މޭޔަރުކަމަށް އިންތިހާބުކޮށްދީފި ނަމަ، މާލޭގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ވައުދު މުއިއްޒު ވިއެވެ. މާލޭ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެގެން ތިބި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ހިތި ކަމަށް ބުނެވިދާނެއެވެ. ރާއްޖޭގެ ކައުންސިލްތަކުގެ 68 ޕަސަންޓް ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމުންނެވެ. މާލެ ސިޓީ ހިމެނޭހެން ބޮޑެތި ސިޓީތަކުގެ މެޖޯރިޓީވެސް ނެގީ ޕީޕީއެމުންނެވެ. މިއީ ފާއިތުވި 11 އަހަރު މާލޭގެ ވެރިކަން އެމްޑީޕީގެ އަތުން ފުރޮޅުނު ފުރަތަމަ ފަހަރެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑި ކާމިޔާބުކުރީ ޕީޕީއެމުންނެވެ. ފަސް ގޮނޑި އެމްޑީޕީއަށް ލިބުނުއިރު، ޖުމްހޫރީ ޕާޓީއަށް ވަނީ ގޮނޑިއެއް ލިބިފައެވެ. މާލޭގެ މޭޔަރުކަން މުއިއްޒު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް ވާދަކޮށް، 5034 ވޯޓުގެ ތަފާތުންނެވެ. ޑރ. މުއިއްޒަށް 12470 ވޯޓު ލިބުނު އިރު އަނަސްއަށް ލިބުނީ 7436 ވޯޓެވެ.

މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުމުން، އެކަމުގެ އިލްޒާމް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޅުވީ، ސަރުކާރުގެ ބޮލުގައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނީ ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތުން، އެމްޑީޕީގެ ގިނަ ބަޔަކު ވޯޓުލާން ނުނިކުތުމުން ކަމަށެވެ.