މާލޭގެ މީހުންނަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ މައްސަލައަކީ ބޮޑު ކަމެއް ކަމަށާއި ނަމަވެސް އެކަމުގެ ހަގީގަތް އެނގި ތިބެ, ސިޔާސީ މަންފާއެއް ހޯދުމަށް އެވާހަކަ ދައްކާ ބަޔަކު އުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިހާރު ފެނާއި ނަރުދަމާ ގާއިމު ނުކުރެވި އޮތް 23 ރަށުގައި އެ މަސައްކަތް ކުރުމަށް ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ, މާލޭގެ ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލައަކީ ހަގީގަތުގައިވެސް ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް އެކަން ސިޔާސީ ކުރަން އުޅޭ ބަޔަކުވެސް އުޅޭ ކަމަށް ވިދާޅުވިއެވެ.

"އެހެން ބޭނުންތަކަށްވެސް މި ވާހަކަ (ގެދޮރުގެ މައްސަލަ) ދައްކާ މީހުން އެބަ ތިބި. ސިޔާސީ އެކިއެކި ފައިދާ ހޯދުމަށް, ކަނޑައެޅިގެން ކަން އޮތް ގޮތް އެނގިހުރެ މި ވާހަކަ ދައްކާ މީހުން އެބަ އުޅޭ. އަޅުގަނޑުމެން އެ ހުރިހާ ވާހަކައެއްވެސް އަޑުއަހަން," ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ, މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގޯތިގެދޮރުގެ މައްސަލައަށްވެސް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ހުޅުމާލޭގައި 5000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު, މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޯތި ދޭނީ ގުޅިފަޅުން އެކަންޏެއް ނޫން. ހުޅުމާލޭވެންވެސް ގޯތި ދޭނަން. އެހެން ފަޅުތަކުންވެސް ގޯތި ދޭނަން. އަޅުގަނޑުމެން މި ދައްކަނީ 1000 ގޯތީގެ ވާހަކައެއް ނޫން. އޭގެ ދެގުނަ ތިންގުނަ، އިރާދަކުރެއްވިއްޔާ ހަތަރު ގުނަ ގޯތި މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭނަން،" ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބީލަމުގެ އުސޫލުން ބޮޑު އަގުގައި 60 ބިމެއް ވިއްކަން އެޗްޑީސީން ނިންމާފައިވާތީ އެ ސިޔާސަތު ބަދަލުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެން އެއް ބޭފުޅަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.