ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓާޓާ ކުންފުންޏަށް ފްލެޓު އެޅުމަށް ދިން ނާދީ ހުރި ބިން އަތުލަން މިދިޔަ ސަރުކާރުން އުޅުމުން އިންޑިއާ އިން 34 މިލިއަން ޑޮލަރު ދިނުމަށް ޑިމާންޑުކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް މިއަދު ފ. ނިލަންދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ދިވެހި ބިމުން އެންމެ ތަންކޮޅެއް ވެސް އިންޑިއާއަށް ދޫކޮށްލައިފިނަމަ އެތަންކޮޅެއް އަނބުރާ ނުހޯދޭނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ ނާދީ ހުރި ބިން ކަމަށެވެ. އެ ބިން ޓާޓާއަށް ދޫކޮށްލިތާ ނުވަ އަހަރުވެގެން ދިޔައިރު ވެސް އެބިން އަނބުރާ ސަރުކާރަށް ހޯދިފައިނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ވެރިކަމުގައި ނާދީ ހުރި ބިން އަނބުރާ ހޯދަން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވެފައިނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަޖީދިއްޔާ އިރުން އޮތް ބްލޮކް ހޯދުމަށް، މާލޭގެ ދެކުނު ފަރާތު ބަނދަރުން ބިމެއް ދިނުމަށް ޓާޓާ ކުންފުންޏަށް ހުށަހެޅި ކަމަށާއި ނަމަވެސް އެ ކުންފުނިން އެކަމަށް އެއްބަސް ނުވި ކަމަށެވެ. އަދި އެ ބިން ދޭނީ 34 މިލިއަން ޑޮލަރު ދީގެން ކަމަށް ޓާޓާ ކުންފުނިން އެއިރު ސަރުކާރަށް އެންގި ކަމަށްވެސް ވިދާޅުވިއެވެ.
"އެހެން މި ދެންނެވީ ދޫކޮށްލައިފި ބިންކޮޅެއް، އަޅުގަނޑުމެން އަތުން ގެއްލިއްޖެ ބިންކޮޅެއް އަނބުރާ ނުލިބޭނެއޭ ދަންނަވަން މި ވާހަކަ މި ދަންނަވަނީ، ކިހިނެއްތޯ މިހެން ދީފައި ހުރި ހުރިހާ އެއްޗެއް، 34 މިލިއަން، 200 މިލިއަން، 300 މިލިއަން ޑޮލަރު ދީފައި ގަންނާނީ؟ މިކަމެއް ނުވާނެ. އެކަމަކު އެއް އިރެއްގައި ސަރުކާރަކަށް ރަނގަޅުވެގެން އެކަން ކުރި" ޔާމީން ވިދާޅުވިއެވެ.
ނާދީ ހުރި ބިމުގައި ޓާޓާ ކުންފުނިން ކުރި މަސައްކަތެއް ނެތް ކަމަށެވެ. ނަމަވެސް އެކަމަކު ބަދަލުގެ ގޮތުގައި 34 މިލިއަން ރުފިޔާ ދޭން އެދުމުން އެގިގެންދާ ހަގީގަތަކީ އެމީހުންގެ ހުއްދަނެތި އެތަނުގައި އެއްވެސް ކަމެއް ކުރުމުގެ ބާރު ސަރުކާރަން ނެތްކަން ކަމަށްވެސް ޔާމިން ވިދާޅުވިއެވެ.
"އެއްވެސް މަސައްކަތެއް ނުކޮށް އޮތް ރާއްޖޭގެ ދިވެހިންގެ، ފުރަ މާލޭގައި އޮތް ބިން އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި އެމީހުންގެ އަގަކީ 34 މިލިއަން ޑޮލަރު" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް އެއްބަސްވުންތައް ގާއިމުކުރަނީ ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވުންތައް ގާއިމުކުރި އުސޫލުން ކަމަށެވެ. އެގޮތުން ހައިޑްރޯގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުމަށް އިޝާރަތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ހުރިހާ ސަރަހައްދެއް ބެލެހެއްޓުމުގެ ބާރު އިންޑިއާއަށް ލިބިދޭ ކަމަށެވެ. އަދި އިންޑިއާއިން ބޭނުންވެއްޖެނަމަ އުޅަނދުތައް ބަލައިފާސްކުރުމުގެ ބާރުވެސް ދީފައިވާ ކަމަށެވެ.
އެއީ ރާއްޖޭގެ ކަނޑު އިންޑިއާއަށް ވިއްކާލުން ކަމަށް ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ކަމަށެވެ. އަދި އެ ދެމުއައްސަސާގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެކަން ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން ޖެހެއެވެ. އަދި ނާދީ ހުރި ބިން ދިނީ އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެތަނުގައި އެއްވެސް މަސައްކަތެއް ނުހިނގައެވެ.
ޓާޓާ ކުންފުނިން އެއިރު ނިންމާފައި ވަނީ ނާދީ ހުރި ބިމުގައި 73 އެޕާޓްމަންޓް އަޅާށެވެ. އެ ތަނުގައި ހަދަން ނިންމި ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ސައިޒަކީ 1،200 އަކަފޫޓާއި 14،00 އަކަފޫޓާ ދެމެދެއެވެ. އޭގެ ކޮންމެ އެޕާޓްމަންޓެއްގެ އަގު އޭރު ފަސް މިލިއަނާއި ހަތް މިލިއަން ރުފިޔާއަށް އަރާނެއެވެ.
ޓާޓާ ކުންފުންޏާއެކު ވެފައިވާ އެ އެއްބަސްވުން ބާތިލުކުރީ 2017ގައެވެ. އެއްބަސްވުން އުވާލަން ނިންމީ އެ މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވެ، އިތުރަށް ދިން މުއްދަތު ހަމަވިއިރު ވެސް އެ މަސައްކަތް ފަށާފައިނުވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު