"އިންޑިއާ އައުޓް" ހަރަކާތަކީ ސިޔާސީ މަންފާއެއް ހޯދުމަށް ހިންގާ ހަރަކާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަލީ ޒާހިރު ރޭ ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތް ހިންގާ ފަރާތްތަކަށް، އެ ހަރަކާތުގެ މަގުސަދު ނޭނގޭ ކަމަށާއި އެ ހަރަކާތުގެ ނަމާއި އެ ހަރަކާތުގެ އަމަލާވެސް ދިމާ ނުވާ ކަމަށެވެ.

"ކިހިނެއް އައުޓް ކުރާ ވާހަކަތޯ؟ އިންޑިއާއާ އޮންނަ ގުޅުން ކަނޑާލާ ވާހަކަތޯ؟ އަޅުގަނޑުމެންނަށް ފޯރުކޮށްދޭ އެހީތެރިކަން ހުއްޓުވާ ވާހަކަތޯ؟" އިންޑިއާ އައުޓް ހަރަކާތުގެ މަގުސަދާމެދު ސުވާލު އުފައްދަވައި އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތަކީ ވެރިކަމުގެ ދަތިވެތިކަމުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ ހަގީގަތުގައި އެއީ ސިޔާސީ މަންފާއެއް ހޯދުމަށް ޓަކައި ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންނަށް ލިބެމުން އަންނަ އެތައް ފައިދާ ތަކަކާއި އެތައް ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާލުމުގެ ބޭނުމުގައި ހިންގާ ކެމްޕޭނެއް ކަމަށް." އަލީ ޒާހިރު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ކުރިއަށްގެންދާ މައިގަނޑު ބޭނުމެއް ކަމަށް އެކަން ކުރާ މީހުން ބުނަނީ، އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބޭތީއެވެ. އެކަމާ ގުޅިގެން އަލީ ޒާހިރު ވިދާޅުވީ، އިންޑިއާގެ ޔުނީފޯމް އެޅި ސިފައިންގެ ބޭފުޅުން އަބަދުވެސް ރާއްޖޭގައި ތިބޭ ކަމަށާއި އޭގެ މާނައަކީ އެގައުމުގެ އަސްކަރިއްޔާއެއް ރާއްޖޭގައި އޮތީ ނޫން ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުން އަންނަނީ، އެ ހަރަކާތް މާލެއާ އަތޮޅުތެރޭގައި ފުޅާކުރަމުންނެވެ.