ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް, ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުން ރާއްޖެއަށް އަސްކަރީ ވެހިކަލްތަކެއް ހަދިޔާކުރަން ނިންމައިފިއެވެ.

ޝައިހް ހަސީނާ ރާއްޖެއަށް ވަޑައިގަންނަވާނީ މާދަމާ މެންދުރުގެ ވަގުތެއްގައި, ބިމާން ބަންގްލަދޭޝް އެއާލައިންގެ ވީވީއައިޕީ ފްލައިޓެއްގައެވެ.

ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން, އެކަމަނާއަށް ރާއްޖޭން މަރުހަބާ ވިދާޅުވާނީ, ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ސިއްހީ ދާއިރާއާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ޒުވާނުންނާއި ކުޅިވަރު ތަރައްގީކުރުމާ ބެހޭ އެއްބަސްވުމެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ އިތުރުން ދެގައުމުގެ ދެމެދު ސޮއިކޮށްފައިވާ ސިއްހީ ތަޖުރިބާކާރުން ރެކްރޫޓު ކުރުމުގެ އެއްބަސްވުން އާކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން, މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝް އިން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާކުރާނެއެވެ.