އަވައްޓެރި ބަނގްލަދޭޝް އަކީ ރާއްޖޭގެ އަވައްޓެރި ގައުމެއްގެ އިތުރުން އެކުވެރި ރަހުމަތްތެރި އަދި ވަފާތެރި ގައުމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލިސް މެންބަރުންނާ މުހާތަބު ކުރައްވައި މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މަޖިލިސް ރައީސް ވިދާޅުވީ، 150 މިލިޔަނަށްވުރެ ގިނަ މީހުން ހިމެނޭ ބަނގްލަދޭޝްގައި، ކޮވިޑްގެ ހާލަތު އެންމެ ބޮޑު ދުވަސްވަރު 2020 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަމަކީ (ޖީޑީޕީއަކީ) 310 ބިލިޔަން ޑިލަރު ކަމަށެވެ. 2019 ވަނަ އަހަރު ރައްޖޭގެ ޖީޑީޕީއަކީ ފަސް ބިލިޔަން ޑޮލަރު ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މިވަގުތު ދުނިޔޭގައި އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ ވެސް ބަނގްލަދޭޝް ކަމަށެވެ. އަދި ބަންގްލަދޭޝަކީ އެތެރެވަރީގައި އެންމެ ބާރު ސްޕީޑްގައި ތަަރައްގީ ވަމުން އަންނަ ގައުމު ކަމަށާއި އެ ގައުމު ހާއްސަ ކޮށްލެވެނީ ބޭރުގެ ދަރަނި މި ސަރަހައްދުގައި އެންމެ ކުޑަ ގައުމުގެ ގޮތުގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެ ގައުގެ ދަރަނީގެ ނިސްބަތަކީ ޖީޑީޕީގެ 45 ޕަސެންޓް ކަމަށެވެ. އޭގެ ތެރޭގައި ވަކި ހާއްސަކޮށް އެއް ގައުމަކަށް ދަރާފައިވާ ބޮޑު އެއްވެސް ދަރަންޏެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ހާއްސަ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، އަންނަ ބުދަ ދުވަހު ފުރަމާނަ ދަތުރުފުޅެއްގައި ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެ ވަޑައިގަންނަވާއިރު، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރައްވައި އެ މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އެރުއްވުމާމެދު ގޮތެއް ނިންމުމަށް ބޭއްވި ޖަލްސާއެކެވެ.
ޖަލްސާގައި އެކަމަނާއަށް ދައުވަތު އެރުވުމަށް ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ ޖަލްސާއަށް ވަޑައިގެން ތިއްބެވި 45 މެންބަރުންގެ ތެރެއިިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.