އަވަށްޓެރި އިންޑިއާއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރުމަކީ، ރާއްޖެއާއި އެގައުމާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާ ކަމެއް ކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި މާލެއާއި އަތޮޅުތެރޭގައި ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. އެ ކޯލިޝަނުން ވަނީ މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް "އިންޑިއާ އައުޓް"ގެ ނަމުގައި އެއްވުންތަކާއި ހިނގާލުންތައް ބާއްވައިފައެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާންމުންގެ ބައެއް މީހުންނާއި ބައެއް ސިޔާސީ ޕާޓީތައް ގުޅިގެން އަވަށްޓެރި އިންޑިއާއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރައި ނަފުތަރު އުފައްދަން މަސައްކަތް ކުރުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރާއްޖޭގައި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ފުރިހަމައަށް ދީފައިވީ ނަމަވެސް އެކަންކަމުގެ ބޭނުން ހިފަންވާނީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކުގެ ތެރެއިން ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާއާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފަތުރައި ނަފުތަރު އުފައްދަން މަސައްކަތް ކުރުމުގެ ސަބަބުން ދެ ގައުމުގެ ޒަމާންވީ ގުޅުމަށް ބުރޫއެރުމުގެ އިތުރުން އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެކަމުން އަސަރު ކުރާނެ ކަމަށެވެ.
ރާއްޖެއިން ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރި ނަމަވެސް އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމްދީނަށް އެޅޭ ހުރަހެއް ނޫން ކަމަށާއި އެފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ، އިންޑިއާއާ ގުޅޭގޮތުން ފަތުރަމުންދާ ސަައްހަ ނޫން މައުލޫމާތުތައް ފެތުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އެ މައުލޫމާތުތައް ފަތުރާ ސިޔާސީ ޕާޓީތަކާއި އާންމު ފަރުދުންނަށް ގޮވާލައިފައެވެ.
ޕީޕީއެމުން އިސްވެ ހުރެ، "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއް ފަށާފައިވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭތީއާއި އެގައުމާއެކު ރާއްޖޭގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަމަށް ބުނެއެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށް، އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުހިމެނޭ ކަމަށް ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241) ކޮމިޓީންވެސް ވަނީ އެ އެއްބަސްވުންތައް ދިރާސާކޮށް، ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ފަދަ ކަމެއް އެ އެއްބަސްވުންތަކުގައި ނެތް ކަމަށް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު