އަންނަ ފެބްރުއަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން ވާދަ ކުރާނެ ކަމަށް އެ ޕާޓިގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ނާޒިމް ވިދާޅުވީ، އިންތިހާބުގައި އެޕާޓީން ވާދަ ކުރާން ނިންމި ނަމަވެސް، ވަކި ކެނޑިޑޭޓެއް އަދި ނުނިންމާ ކަމަށެވެ.
ތަފުސީލު ދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ، އެމްއެންޕީން އިންތިހާބަށް ނެރޭނީ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ނެތް ސާފު އަދި ރައްޔިތުންނަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އިންތިހާބުގައި ވާދަކުރަން އެކަކަށްވުރެ ގިނަ މެންބަރުންގެ ޝައުގުވެރިކަން ހުރިނަމަ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މިހާރު އިންތިހާބުތަކުގައި ވޯޓު ލަނީ ޕާޓީތަކަށް ނޫން ކަމަށާއި ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހުށަހަޅާ ކެންޑިޑޭޓަކަަށް ކަމަށެވެ. އެހެންކަމުން ބައިއިލެކްޝަންގައި އެމްއެންޕީއަށް ކާމިޔާބު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓް ކަނޑައެޅުމުގައި އެމީހަކު ރައްޔިތުންނަށް ކޮށްފައިވާ ހިދުމަތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނެއް ބާއްވަން ނިންމާފައި ވަނީ، އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ހޯމަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމަވާފައިވާ ކަމަށެވެ.