ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް އިތުރު ސިޔާސީ ޕާޓީތަކުން ތާއީދުކުރާ ކަމަށް ބުނެފިއެވެ.
އެ ޕާޓީތަކުން އެކަން ހާމަކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން ނުވަތަ ވަކި އަދަދެއްގައި ހިފޭއްޓުމާ ބެހޭގޮތުން މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކޮށް، އެކަމާ ބެހޭގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ހިޔާލު ހޯދުމަށްޓަކައި، ޕީއެންސީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ބެހޭގޮތުން ބައެއް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައެވެ.
އެ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ، ދަ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.
މީގެ ކުރިން އިދިކޮޅު އެމްޑީޕީން ވެސް ވަނީ މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަން ތާއީދުކޮށްފައެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ޕާޓީގެ ސިޔާސަތު އެ ޕާޓީގައި މަޝްވަރާކުރުމަށްފަހު ކޮމިޓީއަށް ހުށަހަޅާނެ ކަމަށްވެސް އެ ކޮމިޓީގައި ވަނީ ބުނެފައެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ ނާއިބު ރައީސް އާއިޝަތު އަލައިކާ އަދުނާން ވިދާޅުވީ ގާނޫނުއަސާސީގައި މިހާރު އޮތްގޮތަށް، ކޮންމެ ދައުރަކުން ވިހަވިހާ އޮންނަ އެއްޗެއްގޮތަށް އޮތުމުން މެންބަރުން އިތުރުވަމުންދާ ކަމަށެވެ. އެކަމަކީ ދައުލަތުގެ ބަޖެޓަށް ބެލިޔަސް ބުރަކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު އޮންނަގޮތުން އެންމެ ރަނގަޅަށް ދާއިރާތައް މަޖިލީހުގައި ރެޕްރެޒެންޓް ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ފުލް ރެޕްރެޒެންޓޭޝަނެއް ނޯވޭ، މިސާލަކަށް ބައެއް ދާއިރާތަކުން 400 މީހުންގެ ވޯޓުން ނުވަތަ 600 ވޯޓުން އެބަ މެންބަރުން ހޮވިގެންދޭ. އަނެއްބައި ތަންތަނުގައި 1200 ނުވަތަ 1500 ވޯޓުން މެންބަރު ނުހޮވި އެބަދޭ،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އަލައިކާ ވިދާޅުވީ، އެޕާޓީގެ ސިޔާސަަތަކީ މިދިޔަ ރިޔާސީ އިންތިހާބުގައި، ޕާޓީން ނެރުނު މެނިފެސްޓޯގައި ހާމަކޮށްފައި އޮތް ސިޔާސަތު ކަމަށާއި އޭގެ ތެރެއިން އެއްގޮތަކީ މުޅި އަތޮޅުން ވަކި އަދަދަކަށް ކެނޑިޑޭޓުން ކަނޑައެޅުމަށްފަހު، މުޅި އަތޮޅުން ވޯޓުދީގެން މެންބަރަކު ހޮވުން ކަމަށެވެ. އަނެއް ގޮތަކީ ސިޔާސީ ޕާޓީތަކަށް މަޖިލީހުން ސްލޮޓް ދިނުމަަށްފަހު ދެން މެންބަރުން ހޮވާގޮތަށް އޮތުން ކަމަށްވެސް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރެޖިސްޓްރާ އާދަމް މުހައްމަދު ވިދާޅުވީ، އުސޫލެއްގެ ގޮތުން މަޖިލިސް މެންބަރުން މަދުކުރުމަށް އެ ޕާޓީން ތާއީދުކުރާ ކަމަށެވެ.
ނަމަވެސް އެކަން ކުރަންްޖެހޭނީ، އިރުއިރުކޮޅާ ގާނޫނުއަސާސީއަށް ބަދަލުގެންނަން ނުޖެހޭގޮތަށް، ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކުން ދެމެހެއްޓެނިވި ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ކޮންމެ 10 އަހަރަކުން ރިވިއު ކުރާގޮތަށް ކޮންމެ 1000 މީހަކަށް މެންބަރެއް ކަމަށް ކަނޑައެޅިދާނެ ކަަމަށްވެސް ވިދާޅުވިއެވެ.
އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫނު ވިދާޅުވީ، މަޖިިލިސް މެންބަރުންގެ އަދަދު މަދުކުރުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. އެއްކަމަކީ ރައްޔިތުންގެ މަޖިލީހާއި އިންިތހާބުތައް ބާއްވަން ކުރާ ހަރަދަކީ އެކަށީގެންވާ ހަރަދެއްކަމަށް ނުވާތީ ކަމަށްވެސް ވިދާޅުވިއެވެ. މިހާރު އޮންނަގޮތުން ކޮންމެ 5000 މީހަކަށް މެންބަރަކު ހުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށާއި، ކުދިކުދި އާބާދީތަކަށް ނިސްބަތްވާ މެންބަރުން ތިބުމުން އިންތިހާބުގެ އިންޓަގްރިޓީ ގެއްލޭ ކަމަށްވެސް ވިދާޅުވިއެވެ.
އަދި 200 ނުވަތަ 300 ވޯޓުން ގޮނޑި ކާމިޔާބު ކުރެވޭ ދާއިރާތައް އޮތުމުން، އުސޫލީގޮތުން މެނިފެސްޓޯއަކަށް ނުވަތަ ސިޔާސަތަކަށް ބަލައިގެން ވޯޓުދޭ މެންބަރުންނަށްވުރެ ބޮޑަށް އެ ދާއިރާތައް ނިސްބަތްވާ ބޮޑެތި އާއިލާތަކުގެ އިސް ބައެއް ބޭފުޅުންނަށް ޒާތީ ކަންތައްތައް ކޮށްދީގެން އިންތިހާބު ކާމިޔާބުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކީ ޑިމޮކްރަސީގެ ރޫހާ ހިލާފުކަމެއް ކަމަށާއި، އެކަމަކީ ފަސޭހައިން ކޮރަޕްޓްވާގޮތަށް އޮތުން ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީއޭ އާއި އެމްއެންޕީ ވެސް މަޖިލިސް މެންބަރުން މަދުކުރުމަށް މިއަދު ވަނީ ތާއީދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު