ޚަބަރު

އިންޑިއާ އައުޓެކޭ ނުބުނެވޭނެ: ރައީސް ނަޝީދު

2

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހިންގަމުން އަންނަ ކެމްޕެއިނަށް ރައްދު ދެއްވައި، އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިނަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތީން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. އަދި ޖަލުން މިނިވަންވުމާއެކު، އެ ކެމްޕެއިނަށް ރައީސް ޔާމީން ވަނީ އަތޮޅުތެރެއަށް ދަތުރުތައް ފައްޓަވައިފައެވެ.

އެ ކެމްޕެއިނަށް ފާޑުވިދާޅުވެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ. އެހެންކަމުން "އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ" ކަމަށް ވިދާޅުވިއެވެ.

އިންޑިއާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އިދިކޮޅުން ފާޑުކިޔުން އަމާޒުކުރާތީ ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި "އައްޑަނަ" ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ގައުމުގެ ސުލްހަވެރިކަން ނަގާލައި، ރާއްޖެ އަޅުވެތިކުރަން ބޭނުންވާ ބަޔަކު އިންޑިއާއާ ގުޅިގެން ރާއްޖޭގެ ވެރިކަން ވަގަށް ނަގާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމުން ރައީސް ނަޝީދު ވަނީ، ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑައިމީސް ބަސްތަކުން ވާހަކަދެއްކުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ވިދާޅުވެފައެވެ.

އަދި އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެ އެހީތެރިވާ އެއް ގައުމު ކަމަށާއި އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމަށްޓަކައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ގައުމަކީވެސް އިންޑިއާ ކަަމަށް ވިދާޅުވެފައިވެއެވެ.