ދައުވަތު ނުދެނީސް އިންޑިއާ ސިފައިން އައިސްގެން އުޅެނީ ރާއްޖެ ހިފަންތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.
ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތީން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިޔާ އައުޓް" ކަމްޕެއިނަށް ކ. ގުރައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެގުޅުން އޮންނާނީ އެގޮތަށްކަން ފާހަގަކުރައްވައި ވިދާޅުވީ ދައުވަތު ނުދެނީސް އަދި ރާއްޖެއަށް ބަޔަކު އުދުވާނީ ހަމަލާއެއް ނުދެނީސް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަކީ އެދޭ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދައުވަތު ނުދެނީސް އިންޑިއާ ސިފައިން ރާއްޖޭ ތިބުމުން، އެ މީހުން ތިބީ ރާއްޖެ ހިފަން ކަމާމެދު ސުވާލުއުފެދޭ ކަމަށެވެ. ޔާމީން ވަނީ އިންޑިއާ ސިފައިންގެ އަދަދާއި އިންޑިއާ ސިފައިން ރާއްޖޭގެ ތިބި މުއްދަތާ ގުޅޭގޮތުން ވެސް ސުވާލު އުފައްދައިފައެވެ.
"އެހެންވީމަ ރާއްޖެ ހިފަން ތިބި ބައެއްތޯ ސުވާލު އުފެދެނީ. މިއީ އޮކިއުޕައިން ފޯސްއެއްތޯ. މިއީ ކިހާ ޒަމާނެއް ވަންދެން ތިބޭނެ ބައެއްތޯ" ރައީސް ޔާމީން ވިދާޅުވިއެވެ.
ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ތަކުރާރުކޮށް އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލައިފައެވެ. އެއަށްފަހު ވިދާޅުވީ މިހާރުގެ ސަރުކާރުން ފުރަތަމަ ބުނަމުން ދިޔައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ ފަންނީ ބައެއް ކަމަށާއި ނަމަވެސް ފަހުން އެއީ ސިފައިންކަން ހާމަވި ކަމަށެވެ. އަދި ދޮގުން އުފެދިފައި އޮތް ސަރުކާރެއް ދެމިތިބޭނީ ދޮގުތައް މަތީގައި ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ނަފުރަތު ކުރާ ކަމަށާއި މިކަމާ ދެކޮޅަށް ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ.
މިއަދު އެރަށުގައި "އިންޑިއާ އައުޓް" ހިނގާލުމެއް ވެސް ބާއްވާފައިވެއެވެ. ރައީސް ޔާމީން ވިދާޅުވީ އެ ހިނގާލުން މިއަދު ބާއްވާކަން އެގުމުން ސްކޫލުތަކުން ބެލެނިވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެގޮތަށް މާ ގިނަ ދުވަހަކު ހިފަހައްޓާ ނުލެވޭނެ ކަމަށާއި "އިންޑިއާ އައުޓް" އަކީ ދިވެހިންގެ ހިތުގެ ވިންދުން ނުކުންނަ އަޑެއް ކަމަށެވެ.
"އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން ރައީސް ޔާމީން މާދަމާ ކ. ތުލުސްދުއަށް ވެސް ވަޑައިގަންނަވާނެއެވެ.