އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓައިލައިފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ސާލިމަށް ދައުވާ ކޮށްފި އެވެ.
މަހުމޫދު މަރުގެ މައްސަލައިގައި ހައްޔަރުކޮށަފައިވަނީ ދަނގެތީ އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސްފައި ހުރި ބަންގަލދޭޝްއަށް ނިސްބަތްވާ ސާލިމް އެވެ.
ޕްރޮސެކިއުޓާ އޮފީހުން މިއަދު ބުނީ މިއަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހު ދަނގެތީގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މީހަކު މަރާލުމަށްފަހު ފަޅު ގޯއްޗެއްގެ ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މައްސަލައިގައި ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ މައްޗަށް ކުރަން ފޮނުވާފައިވާ ދައުވާތަކަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 623 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.
ފުލުހުން ބުނީ، އަނިޔާވެރިގޮތަކަށް، މަހުމޫދު މަރައިލީ ފައިސާގެ ބޭނުމުގައި ކަމަށެވެ.
މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނިކޮށެވެ.
މަހުމޫދު ގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައިގައި ސާލިމްގެމައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ. އަދި މަހުމޫދު މަރައިލި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު