ދިވެހިރާއްޖޭގެ ތާރީޚު

ރަށްވެހިކަމާއި ފުވައްމުލައް، ފެށިގެން އައި ގޮތް 3

މުނީރު ހަސަން، ޏ. ފުވައްމުލައް

(5 ޑިސެމްބަރުގެ އަދަދާ ގުޅޭ)

މިހިސާބުން އިތުރު ތާރީޚަކަށް ބަލައިލާނަމެވެ. ކުރިން ދެންނެވިފަދައިން އަލްފާޟިލް އަލީ މޫސާދީދީ ފުވައްމުލަކުގައި އަޅުއްވަން ފަށްޓަވައި، ލުޠުފީ ވަޑައިގެންނެވިއިރު ނިމޭން ކައިރިވެފައިހުރި ރަށްވެހިގޭގެ އިމާރާތުގެ މަސައްކަތް ނިމި 1 ރަޖަބް 1371 (27 މާރޗް 1952) ގައި ވަނީ މީހުން ބޭނުން ކުރާން ފަށާފައެވެ. މިއާއެކު ރަށްވެހިގޭގެ ދެކުނު ފަރާތު ފެންޑާގައި ކިޔަވައި ދެއްވުމުގެ މަސައްކަތް ވެސް އަލްމަރުޙޫމް އަލްއުސްތާޒު މުހަންމަދު އިބުރާހީމް ލުޠުފީ ވަނީ ފަށްޓަވާފައެވެ. އެތަނުން ކިޔަވައިވިދާޅުވި ބެއިފުޅުންގެ ތެރޭގައި ފަހުގެ ތާރީޚުގައި ފުވައްމުލަކުގައި އުފެދުނު އެދުރުންނާއި، އަތޮޅުވެރިނާއި، ގާޟީންނާއި، ބޮޑު ކަތީބުން ހިމެނި ވަޑައިގަންނަވައެވެ. މީގެ ތެރެއިން ޚާއްސަކޮށް އަލްފާޟިލް ފާރޫގު އަހުމަދު ސަމާ، އަލްފާޟިލް ޏ، އަލީ ޝަރީފު އަސްރަފީގޭ، އަލްފާޟިލް އަހުމަދު ނަސީމު އިބުރާހީމް ދީދީ ނޫޑަލްހީ، އަލްފާޟިލް މުހަންމަދު ވަހީދު އަހުމަދު ޖަވާހިރު، އަލްފާޟިލް އަދުނާނު އިބުރާހީމްދީދީ ވިއުޕާކު، އަލްމަރުހޫމް އަބުދުލް މަންނާނު މާހުގޭ، އަލްފާޟިލް މޫސާ ފަތުހީ އާފިޔާ ހިމެނިވަޑައި ގަންނަވައެވެ. މިއިން ކޮންމެ ބޭފުޅަކީ އެ ބެއިފުޅެއްގެ ފަރާތުން ނުހަނު ގިނަ ޚިދުމަތްތައް ފުވައްމުލަކަށް ލިބުނު ބެއިފުޅުންނެވެ.

ލުތުފީގެ ރަށްވެހިކަމުގެ ދުވަސްވަރު ރައްވެރިގޭގެ ލިއުންތައް ބެލެހެއްޓުމަށް ކާތިބަކަށް އުޅުއްވީ މާދަޑިބެއަގެ އަދުނާނު އިބުރާހީމްދީދީ ( މިހާރު ވިއުޕާކު އަދުނާނު އިބުރާހިމްދީދީ )އެވެ.މިއީ ފުވައްމުލަކުގެ ފުރަތަމަރަސްމީ ކާތިބެވެ.

ހުސްނުހީނާ މަގު ކޮށީ 12 ރަމްޟާން 1371 (25 ޖޫން 1952) ގައެވެ. 22 ރަބީއުލްއައްވަލް 1371 ގައި އައި ރަށްވެހިކަމުގެ ދައުރު 20 މުޙައްރަމް 1373 ގައި ނިމުނުއިރު ރަށުގައި ވަނީ އިތުރު މަގުތަކެއް ހައްދަވާފައެވެ. އޭގެތެރެއިން ބައެއް މަގުތައް މިހާރު ފެންނާކަށް ނެތެވެ. އޭގެތެރޭގައި މިހާރުގެ ބަހާރު މަގާއި ނަރުގިސްމަގު އަދިވެސް ފެންނަން އެބައޮތެވެ. ބަހާރުމަގުގެ ރަސްގެފަންނުން ފެށިގެން އުތުރަށް އަނބުލާ ހަމަޔަށް އޮތްބައި ކޮށީ 29 މޭ 1953 (15 ރަމްޟާން 1377) ގައެވެ. ރަސްގެފަންނުން ދޫޑިގަމާ ވީ ކޮޅަށް ބޮޑުފަންނާ ހަމަޔަށް އޮތްބައި ކޮށީ 2 ޝައުބާން 1372 (16 އެޕްރީލް 1953) ގައެވެ. ނަރުގިސްމަގު ބަރައި ނިމި ބޭނުން ކުރަން ފެށީ 18 ޒުލްޤައިދާ 1372 ގައެވެ. މިހާރު ފެންނަން ނެތް މަގުތަކުގެ ތެރެއިން ވެސް ބައެއް މަގުތަކުގެ ހަނދާން އާކޮށްލާނަމެވެ. އޯކިޑުމަގާ ފިނިވާމަގު ގުޅޭ ހިސާބުން އަނބުލަށް ވެސް 35 ފޫޓުގެ ފުޅާ މަގެއް ހެއްދެވިއެވެ. ޖަވާހިރާއި މަޅަނބިގެއާ ދެމެދުން ވެސް ދަޑިމަގު ފަންނަށް މަގެއް ހެއްދެވިއެވެ. އަދި ދަޑިމަގު މިސްކިތާއި މަތިއަތި މިސްކިތާ ދެމެދުން ހެދި މަގަކުން ވަނީ އެ ދެ މިސްކިތަށް ދާން ވަރަށް ބޮޑަށް ފަސޭހަވެފައެވެ. ސޯސަންގެއާއި މައިގެދަރާ ދެމެދުން މާނޭރަށް ދާން ހެއްދެވި މަގު މާނޭރުން ފުނާޑު ކަނދުވަލިފަންނަށް ވަނީ ހުއްޓިފައެވެ. ރަށްވެހި ކަމުގެ ދުވަސްވަރު ރަސްގެފަންނު އޮޅުން ވަދެނިކުމެ ހަދަން އުނދަގޫވާ ގޮތަށް އޮތް ހިރިގަލެއް ވެސް ވަނީ ގޮއްވާފައެވެ. މިކަން ކުރީ 25 ރަބީއުލްއާޚިރާ 1371 ގައެވެ. ރަށްވެހިކަމުގެ ދުވަސްވަރު މަގަށާއި ބޯޅަދަނޑަށް އަދި އަތޮޅުގެއަށް ބައެއް ގޭގެ ގޯއްޗާއެކު އަދި ބައެއް ގޯތިން ބައެއް ނަގާފައިވާކަން އެނގެއެވެ. ނަމަވެސް މިއިން ގެއަކަށް ނުވަތަ ގޯއްޗަކަށް ބަދަލު ދިން ކަން އަދި އެނގޭ ގޮތެއް ނުވެއެވެ. ރަށްވެހިކަމުގެ ކުރިން އަތޮޅުގެ އަޅަން ނެގުނު ފެނެންސާރަށް 22 ޒުލްޤައިދާ 1369 ގައި 20 (ވިހި ރުފިޔާ) އިން ބަދަލު ދިންކަން އެނގެއެވެ. ނެގުނު ކަން މިހާތަނަށް އެނގިފައި ވަނީ އަނހިވަލިގޭ، މަޅަނބިގޭ، ދަޑިމައިގޭ ބަދިގެ، ދޯނާޑު އަހުމަދުފުތުގެ، ދަނބުގޭ ބަދިގެ، ބިއްދަރިގޭ އެޅަދައިތާއްކުދުކަލޯގެ، ދިއައްކޮއަގެ، ދޫޑޭރެ، ދޮރޮބައިގެދަރު، މަހަމުދޭ ކަލޭގެ، ނެއިތަކުރުގެ، ދަމަލި (ބިއްދަރިދަމަލި) ދޮރޮމެދަމަލި، ހިމިތީގޭ، އައްޑުގެ، ކެއުޅުއްކޮއަގެ، ހިތްވާދިއައްކޮއަގެ، ކޭހިނގޭ މުހަންމަދުދީދީގެ، އަންބަރީގޭ ރަތުލޯގެ އެވެ.

ލުޠުފީގެ ޚިދުމަތުގެ ކަޅު ހިޔަނި

މިދުވަސްވަރު ރަށްމެދު މަސައްކަތް ވަރަށް ބުރަކޮށް ކުރަންޖެހުނެވެ. ހެނދުނު ހަތްގަޑި ބައިން މެންދުރު އެގާރަގަޑި ބަޔަށް، މެންދުރުފަހު އެކަކުން ހަވީރު ފަހަކަށް އަދި ރޭގަނޑު އަށަކުން އެގާރަޔަށް މަސައްކަތު ދާން ޖެހޭ ކަމަށް ދޫޑިގަމު ކިނބިގަސްދޮށުގޭ އަލިމަނިކުފާނު މައުލޫމާތު ދިނެވެ. ދޫޑިގަމު މީހުން ވެސް ދަޑިމަގު އަވަށަށް ހިނގާފައި މަސައްކަތު ދާން ޖެހެއެވެ. ފުވައްމުލައް ފަދަ މާ ރަށެއްގައި އެއީ ފަސޭހަކަމެއް ނޫނެވެ. އެދުވަސްވަރު އެ ނޫން ގޮތެއް ހަމަޖެެއްސޭކަށެއް ވެސް ނެތެވެ. އަދި ހަމަ އެހެންމެ އެ ދުވަސްވަރު އަމަލުކުރުމަށް ވެރިކަމުގެ ފަރާތުން ހަދާ ހަމަޖައްސާފައިވާ ގަވާއިދަކީ ވެސް އެއާ އެއްގޮތަށް އުޅުމަށް ޓަކައި މީހުން ހޭނުމަށް ވަގުތު ބޭނުންވާ ގަވާއިދެކެވެ. އެ ގަވާއިދުގެ ބައެއް ކަންތަކަށް ބަލާއިރު ކުރީގައި ދެންނެވި ފަދައިން އަމިއްލަ ރުއްގަހާއި ދަނޑުފަނގުގެ ބޭނުން ކުރުމަށް ވެސް ވެރިކަމުގެ ހުއްދަ ހޯދަން ޖެހުމާއި ރޭގަނޑު އެގާރައިގެ ފަހުން ބޭރުގައި އުޅުން މަނާވުމާއި ރޭގަނޑު ގޭ ބަދިގޭގައި ކެއްކުން މަނާވުން ހިމެނެއެވެ. އަދި މަސްވެރިކަމަށް ނިކުތުމަށް ވެރިކަމުގެ ފަރާތުން ހުއްދަ ހޯދާން ޖެހުމަކީ ވެސް ކުރާން ޖެހޭ ކަމެކެވެ. ރުކުން އަޅާ ކާށި ގަބުޅި ކުރުނބާ ހެހެން ދާން ޖެހެނީ މާލިއްޔާ ފޭރާއެއް ކައިރިއަށެވެ. އެކި އަވަށުގައި އެކި އަދަދަށް ފޭރާތައް ހުށްޓެވެ. އަޅުގަނޑު މި ލިޔުމުގައި ބަލައިލާނީ ކޮންމެ އަވަށަކުން އެއް ފޭރާ ހުރި ތަނާއި އަދި ރުކު އަޅަން ހުއްދަ ދޭ މުސްކުޅިއާ އަށެވެ. އެކަމުގައިވެސް ތަފާތު މީހުން އުޅުނެވެ. ދަޑިމަގުގައި ރުއްގަހުން އަޅައިކަނޑައި އަލަ ފަދަ ކިރަން ޖެހޭ ތަކެތި ކިރުމުގެ ކަންތައް ބެލެހެއްޓީ އަލްމަރުޙޫމް ދިގިފީށެ މުހަންމަދުދީދީ އެވެ. ފޭރާ ހުރީ މިހާރު އެތުމާގެ އާ ދިމާލުގައި އޮތް އުސްގަނޑުގައެވެ. ދިގުވާޑުގައި އަލްމަރުޙޫމް އަލިމަނިކާގޭ ހަސަންކަލޯ އެވެ، ފޭރާ ހުރީ ކަޅުވަލިގޭ ކައިރީގައެވެ. ހޯދަޑުގައި ސާދާގޭ އަލްމަރުޙޫމް ހުސޭން ތައްޚާނު އެވެ. ފޭރާ ހުރީ އަނބުލު ފަންނުގައެވެ. މާދަޑު ބަޑިޔާވަލު އަލްމަރުޙޫމް މުހަންމަދު މަނިކުއެވެ، ފޭރާ ހުރީ އިލޭރެވަލު (މިހާރު ރަންރިޔާލަގޭ ހުރި ހިސާބު) ގައެވެ. މިސްކިތްމަގު ގަންޖާމިގޭ އަލްމަރުޙޫމް މުހަންމަދުދީދީ އެވެ. ފޭރާ ހުރީ ފުޅިއަގެވަލު ކައިރީގައެވެ. ފުނާޑުގައި ހުސޭނުގެ އަލްމަރުޙޫމް މުހަންމަދުއެވެ. ފޭރާ ހުރީ މިހާރު މޫންވޭ ހުރިތާނގައެވެ. މާލެގަމުގައި ވީދަޑު އަހުމަދުދީދީ އެވެ. ފޭރާ ހުރީ އެދުރު ހަސަންކަލޭގެ ފަންނުގައެވެ. ދޫޑިގަމުގައި މަލްގަޑިގޭ އަލްމަރުޙޫމް އަހުމަދުއެވެ. ފޭރާ ހުރީ މިހާރު ރީޒަން ހުރި ތަނުގައެވެ.

މީހުން ތަބާވާން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ގިނަވުމުގެ ސަބަބުން މީހުންގެ ޢާންމު ދިރިއުޅުމުގެ ކަންތައްތައް އޮޅުން ބޮޅުންވެ ގަވާއިދުތަކާ ޚިލާފުވާ މީހުން ވެސް ނިސްބަތުން ގިނަވާން ފަށައިފިއެވެ. މި ކަންތައް ހައްލުކުރުމަށް ތައުޒީރުކުރުމާއި އެއްތެލުން ތެޅުންފަދަ އަދަބުގެ އިތުރުން މީހުން ހައްޔަރު ކުރަން ވެސް ޖެހުނެވެ. މީހުން ތައުޒީރު ކުރަނީ އާންމުކޮށް އަތޮޅުގޭގައެވެ. ތައުޒީރު ކުރެވޭ މީހާގެ ދެ ފަރާތުގައި އެ މީހާގެ މުލައްދަނޑީގައި ހިފައިގެން ދެ މީހުން ތިބެއެވެ. އެއީ މަރުޙޫމް ލުޠުފީ ގެންގުޅުއްވި އިދުރީސް ކިޔާ މީހަކާއި އައްޑު އަތޮޅު ހިތަދޫ ދޮންކޮއްޔަގެ ތުއްތުމަނިކަގެ އިބުރާހިމް މަނިކުފާނުއެވެ. ބައެއް މީހުންގެ ފައިގެ ފަލަމަސްގަނޑު ފަޅައިގެން ވެސް ދެއެވެ. ތައުޒީރުކުރަނީ ދޮންއަލިބެއައްކަލޯއެވެ. މީހުން ބަންދުކުރުމަށް ކޮންމެ އަވަށަކުން "ކޮށްޓެއް" ވެސް ހެއްދެވިއެވެ. އެ ދުވަސްވަރު ބޭނުންކުރި ކޮށިކޮށްޓަކީ ދަޑިމަގުން ބޭރެފީށި، އަދި އަހިވަލިގޭ ބަދިގެ، ދިގުވާޑުން އުނިމާގެ ބިއްދޮށުގައި ލާބެއަގެއާ ދެމެދު ދުނބުރި ދަނޑިން ބިއް ގަތައިގެން އަޅާފައި ހުރި "ކޮށި"، ހޯދަޑުން ސީދި މިސްކިތު ކަނާތް ފަރާތުގައި ދުނބުރި ދަނޑިން ބިއް ގަތައިގެން އެޅި ކޮށި، މާދަޑުން ކީރައްވަލް (މިއީ "ބޮޑު ކޮށި")، މިސްކިތްމަގުން މައިގޭ ދައިތާގެ ބަދިގެ، ފުނާޑުން ކޫބެއަގެ، ދޫޑިގަމުން މިސްކިތްދޮށުގޭ ބަދިގެ، މާލެގަމުން އަރުބަގެ އެވެ. މިއިން ކޮންމެ ކޮށްޓެއްގައި އެ ކޮއްޓެއްގެ އެއް ފަރާތުން އަނެއް ފަރާތަށް ފޯރާވަރުގެ އަނދަގޮނޑިއެއް އޮވެއެވެ. އަހިވަލިގޭ ބަދިގޭގައި އޮތީ ބޮޑު ދަގަނޑު ގަނޑެކެވެ. "ކޮށި" މި ބަހަކީ މާލޭގައި އޭރު މީހުން ބަންދު ކުރާ ތަނަށް އަށިގެ ކިޔާ ގޮތަށް ފުވައްމުކުގައި މީހުން ބަންދުކުރާ ތަންތަނަށް ކިޔާ ނަމެވެ. ބަންދު ކުރުމަށް އަވަށު ކޮށްޓަށް ލާ މީހުންގެ ތެރޭގައި އަނދަގޮނޑި ޖަހާ މީހުން ވެސް ތިބެއެވެ.

އާންމުކޮށް އަވަށު ކޮށްޓަށް ލަނީ އަމިއްލަ ރުކުން ނުވަތަ ގަހަކުން ހުއްދަ ނުހޯދައި އަޅައިކަނޑާ މީހުންނެވެ. މި މީހުން ޖެހިގެން އަންނަ ދުވަހު ފަތިހު މަސައްކަތު ނިކުންނަން ޖެހެއެވެ. އަނދަގޮނޑި ޖަހަނީ އެ މައްސަލަ މަރުހޫމް ލުތުފީ ތަހުގީގު ކުރައްވާއިރު ޖަދަލުކުރާ މީހުންނާއި ކޮށިން ފިލާ މިހުންނެވެ. މީގެތެރެއިން ބައެއް މީހުން އަނދަގޮނޑި ޖަހައި ހިލިހިލާ ޖަހާފައި ވެސް ތިބެއެވެ. އަދި އެކަކު އަނދަގޮނޑީގައި ޖަހައި، ކަންފަތުގައި އެ ދުވަސްވަރު މީދާ ހިފަން ގެންގުޅުނު ދަގަނޑު ދަތި ހަރުކޮށްގެން ވެސް އުޅުނެވެ. އެ މީހާ އަޅުގަނޑުވެސް ދުށީމެވެ. ކަންފަތު ފޫޅުގަނޑު ހުންނަނީ ހަލާކުވެފައެވެ. (އާއިލާގެ އެދުމުގެ މަތިން ނަން ނުޖަހައި) ކޮށީ މީހުން ނިދަން ލިބެނީ ވިޔެފައި އޮންނަ ތޮށައްޔެކެވެ. ކާން ދެނީ ފެނުގައި ކައްކާފައި ހުންނަ ބިންބި ނާއްޓެކެވެ. ބައެއް ވަގުތު ގަބުޅިއެއްގެ އެއް ކިބަ ވެސް ލިބެއެވެ. އަނެއްބައި ފަހަރު މަސްކޮޅަކާ އެކުގައެވެ. ކޮށި ބަލަހައްޓަން ރޭގަނޑު ދެ މީހުން ތިބެއެވެ. އެ މީހުން ތިބެނީ މަދިރި ހަފާތީ ދުން ޖަހައިގެންނެވެ. މި މީހުން ފޯރިޔަށް ތިބޭތޯ ބަލާ ބަޔަކު ވެސް އުޅެއެވެ. ކޮށީގައި ހައްޔަރު ކުރި މީހުންގެ ތެރެެއިން ބައެއް މީހުން ވަނީ ކޮށްޓަށް މަރު ވެސް ވެފައެވެ. މަރުވި މީހުންގެ ތެރެއިން އަދި އެނގެނީ ދަޑޮފީށެ އިސްމާއީލް އާއި މާޅޮސްގެދަރު މަރްޔަމްދީދީ އާއި ފުޅިއަގެވަލި އިބުރާހީމް އާއި ދެ މީހުންގެ ދެ ފިރިހެން ކުދީން (މި ކުދީންގެ ނަންތައް އަދި އެނގޭގޮތެއް ނުވިއެވެ.) އާއި މުލިއެ އަހުމަދު ކިޔާ މީހެކެވެ. ދޯނާޑި އަހުމަދުފުތުގެ ފާތިމަތުދީދީ ކުއްޖަކު ވިހެއުމަށްފަހު މަސައްކަތު ނުގޮސް ހުރުމުގެ ސަބަބުން ދެވުނު އަދަބަށްފަހު އެކަމުގެ ވޭނުގައި އޮވެ ނިޔާވީ ކަމަށް އޭނާގެ ކޮއްކޮއެއްގެ ފަރާތުން މަޢުލޫމާތު ލިބުނެވެ. އަދި އޮމަދޫ އާމިންދައިތާ (އޮމަދޫ ދައިތަ) ވެސް މިގޮތަށް ދެވުނު އަދަބަށްފަހު މަރުވެފައިވާ ކަމަށް ގިނަ ބައެއްގެ ފަރާތުން މައުލޫމާތު ލިބެއެވެ. ކޮއިބެއަގެ ހަސަން އާއި ދިއަގެ މުހަންމަދާއި، ކަޅުބެއައްކޮއަ ނެވިގޭގެ އިތުރުން ނެވިގޭ ދައިތާއްކަލޯ (ނެވިގޭ ހަޖައު) އާއި ކަލަފަނގި ކުދުކަލޯ އާއި ދިއަގެ ހުސޭން އާއި ލަކައުގެ އިބުރާހީމް އާއި މަގިބެއަ ހިމެނޭއިރު ބާލިޔާމަގު އަހުމަދުގެ އިތުރުން ކަޅޮބެއަގެ ހަސަން އާއި ހޮޅިއުގެ ރެކިދިއެގެ ކޮއްޔަ ވެސް މަރުވެފައި ވާކަމަށް މިހާތަނަށް ހޯދުނު މައުލޫމާތުން އެނގެއެވެ.
ލުޠުފީގެ ވެރިކަމުގައި ރަށުގެ ބައެއް މިސްކިތްތައް ވެސް ވަނީ އުވާލެވިފައެވެ. އޭރު ރަށުގައި ހުރި އެންމެ ރީތި މިސްކިތް ކަމަށްވާ އަބާކިރުކަލޭގެ މިސްކިތް ވެސް އުވާލެވުނު މިސްކިތްތަކުގެ ތެރޭގައި ހިމެނެއެވެ. މި މިސްކިތަކީ ވަރަށް ރީތިކޮށް ހަދާފައިވާ މިސްކިތެކެވެ. މިސްކިތުގެ މަތިވަޑާންގަނޑު ހުރީ ލާފެންކޮށްގެން ހަދާފައެވެ. މިސްކިތް ހުރީ މައިލޯ އިސްޓޭޑިއަމުގެ ނަމުގައި މިހާރު މަޝްހޫރުވެފައިވާ ދަނޑުގެ އުތުރު ކަންމަތީގައެވެ.

ރަށްވެހިކަން އެކޮޅުކޮޅުން ޖެހުން

ރަށްވެހިކަމަށްފަހު ފުވައްމުލަކަށް ދިމާވީ ވެސް ވަރަށް އަނދިރި ދުވަސްތަކެކެވެ. ރަށްވެހިކަން ބަދަލުވިކަން އަންގަވަން ނ.ތ މުހަންމަދުދީދި ވަޑައިގަތީ 9 މުޙައްރަމް 1373 ގައެވެ. ލުތުފީ ގޮވައިގެން އައްޑުއަށް ފުރާވަޑައިގަތީ 20 މުޙައްރަމް 1373 ގައެވެ. ނ.ތ މުހަންމަދުދީދީގެ ވެރިކަމުގައި ފެނިގެން ދިޔައީ ރުހުމާއި ނުރުހުމުގައި ފުވައްމުލަކު ރައްޔިތުން ފުރާނައިން ގުރުބާންވެގެން ހެދި މަގުތައް ހަނިކުރި ތަނެވެ. ބައެއް މަގުތައް އުވާލައި ދިގުމަގުގެ މެދުން ގޯތި ދިން ތަނެވެ. ބޯޅަ ދަނޑުން ގޯތި ދީ ގެ އަޅަން ފެށި ތަނެވެ. ރައްޔިތުންނަށް ހުއްޓުވުނީ ހަމައެކަނި ބޯޅަދަނޑު ގައި މީހުން ވަޒަންވެރި ވުމެވެ. ރޭގަނޑު އަނދިރީގައި ގޮސް ގެ އަޅަން ޖަހާފައި ހުންނަ މުޑިތައް ވަށްޓައިގެންނެވެ. ބައެއް ފަހަރު އަންދާލައިގެންނެވެ. މިއަދު އަޅުގަޑުމެނަށް މި ފެންނަނީ ނ.ތ. މުހަންމަދުދީގެ ބަހުން "ތިމަންނާ މިއައީ ރަށްވެހިކަން އެކޮޅުކޮޅުން ޖަހާށޭ" ވިދާޅުވެ އެގޮތަށް އަމަލުކުރައްވާފައިވާ ރަށެކެވެ.

ކޮންމެއަކަސް އަލްމަރުޙޫމް އަލްއުސްތާޒު މުހަންމަދު އިބުރާހީމް ލުތުފީގެ ރަށްވެހި ކަމުގެ ދުވަސްވަރު ގެންގުޅުއްވި ސިޔާސަތަކީ ކިހިނެއް ކޮން ފަރާތަކުން ކަނޑައެޅި ސިޔާސަތެއްކަން އެނގޭކަށް ނެތެވެ. ޝައްކެއް ނެތި މުހައްމަދު އިބުރާހިމް ލުތުފީ އަކީ ފުވައްމުލަކު ތަރައްގީއަށް އަދި ތަޢުލީމަށް އަގު ނުކުރެވޭ ފަދަ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވެވި ވެރިއެކެވެ. ނަމަވެސް އަނިޔާވެރި އަދި ޚުދުމުޚްތާރު ސިޔާސަތެއް ގެންގުޅުއްވި ވެރިއެކެވެ. ލުޠުފީގެ އުމުރުގެ ފަހުކޮޅު ފުވައްމުލަކުގައި ކަންތައް ކުރެެއްވުނު ގޮތާ މެދު ހިތާމަ ކުރައްވައި އެކި ބޭފުޅުން ކައިރީގައި ވާހަކަ ދައްކަވާފައި ވެއެވެ. އެގޮތުން ލުޠުފީގެ ދަރިވަރެއްކަމުގައިވާ ތުޅާދޫ ވަޙީދު ލުތުފީގެ ފައިންޕުޅު ދެކެން އޭނާ ދިރިއުޅުއްވާ ގެ ގ. ސޯސަނީއަށް ދުރުވި ދުވަހަކު ކީރިތި ކުރައްވަމުން ފުވައްމުލަކުގައި ބައެއް ކަންތައް ކުރެއްވުނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ހިތާމަ ކުރައްވައި ވާހަކަފުޅު ދެއްކެވިކަމަށް ވިދާޅުވެ ފުވައްމުލަކު ބޮޑުކަތީބުކަން ކުރެއްވެވި މުހަންމަދު ވަޙީދު އަހުމަދު އަރިހުގައި ވިދާޅުވި ވާހަކަ ބޮޑުކަތީބު ވަހީދު އަޅުގަނޑަށް ކިޔައިދެއްވި އެވެ. އަދި ފުވައްމުލަކު ރަންބުސްތާނުގޭ ހަސަން އަޙުމަދު ކައިރިން ވެސް މަޢާފަށް އެދިވަޑައިގެންނެވި ކަމަށް ހަސަން އަހުމަދު އަޅުގަނޑު ކައިރީގައި ބުންޏެވެ.

ލުޠުފީގެ ވެރިކަމުގައި އެކިއެކި އަދަބުތަކުގައި ނިޔާވި ފަރާތްތަކަށް މާތް ﷲ ރަހުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އަދި މާތްﷲ އުސްތާޒް މުހައްމަދު އިބްރާހިމް ލުޠުފީގެ ފާފަ ފުއްސަވައި އޭނާއަށް ވެސް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.

*********

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.

(ނިމުނީ)