ޚަބަރު

އާއިލީ ގުޅުން އޮންނަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

މުހައްމަދު އިޝާން

އެގާރަ އަހަރުގެ އާއިލީ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު އުމުރަށް ޖަލަށްލާން ފުވައްމުލަކު ސިޓީ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަށް މިއަދު ހައި ކޯޓުން ތާއީދުކޮށްފިއެވެ.

ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އުމުރަށް ޖަލަށްލާން ހުކުމްކުރީ ފުވައްމުލައް، މިސްކިތްމަގު، ކިނބިދޫގެ، އަހުމަދު ރިޔާޒުއެވެ.

ދެހާސް ތެރޭވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު 2:00 ހާއިރު ރިޔާޒު ވަނީ އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ 11 އަހަރުގެ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފައެވެ. އެ މައްސަލަ ބެލުމަށްފަހު 2017 ޖުލައި 17 ވަނަ ދުވަހު ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ހުކުމްކުރީ ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އަދަބެއްގެ ގޮތުގައި އުމުރަށް ޖަލަށް ލުމަށެވެ.

އެ ހުކުމް ރިޔާޒުގެ ފަރާތުން ވަނީ 2019 ފެބްރުއަރީ 17 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުގައި ރިޔާޒު ވަނީ އިސްތިއުނާފީ ދެ ނުކުތާއެއް ހުށަހަޅައިފައެވެ. ފުރަތަމަ ނުކުތާއަކީ ދައުލަތުން ކުރި ދައުވާ ސާބިތުކުރުމަށް ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ފަރާތް ހުށަހަޅާފައިނުވާ ކަމެވެ. ދެވަނަ ނުކުތާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް މެޖިސްޓްރޭޓު ކޯޓުން ހެކި ވަޒަން ކުރުމެވެ.

މި މައްސަލަ ހައި ކޯޓުން ބެލުމަށްފަހު އެންމެ ފުރަތަމަ ރައުޔު އިއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އޭނާގެ ރައުޔަށް ފަނޑިޔާރު އަލީ ސަމީރު ވަނީ ތާއީދުކޮށްފައެވެ. ރިޔާޒު ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ފަނޑިޔާރު ނިޔާޒު ވިދާޅުވީ، ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުގައިވާ ކަންކަމާއި ކުޑަކުއްޖާ ކިޔައިދޭ ވާހަކައާއި ޑޮކްޓަރީގޮތުން ބެލި ބެލުމާ ދިމާވާކަން އެނގޭ ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގައި އެ އަމަލު ހިންގި ގޮތްކަމަށް ބުނާ ގޮތަކީ ފާހަގަކުރުން މުހިންމު ކަމެއް ކަމަށާއި އެއީ ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގައިގެން ކުރެވޭ ދައުވާތަކުގައި، "އަތްލުން" ވެސް ކުށުގެ އަމަލުގެ ރުކުން ފުރިހަމަވުމަށް ފުދޭނެތީ، ކުއްޖާއާ މެދު ހިންގާ ޖިންސީ އަމަލެއްގެ ސަބަބުން އެ ކުއްޖާގެ ތަނެއް ކަނޑައިގެން ގޮސް ހަލާކުވުން ލާޒިމުނުވާނެތީ ކަމަށެވެ.

މި މައްސަލައިގައި ޝަރީއަތުގައި ކުއްޖާގެ މަންމަ ކިޔައިދިން ގޮތާއި ތަހުގީގަށް ކިޔައިދިން ގޮތް ވަނީ ތަފާތުވެފައެވެ. އެކަމާ ގުޅިގެން ފަނޑިޔާރު ނިޔާޒު ވިދާޅުވީ، އެގޮތަށް ތަފާތުވެފައިވަނީ ދައުވާ ލިބޭ ރިޔާޒަކީ ކުއްޖާގެ މަންމަގެ އާއިލާ މީހަކަށްވުމުންނާއި ކުށުގެ ބާވަތުން ރިޔާޒަށް ބޮޑު އަދަބެއް ލިބިދާނެތީ ކަމަށެވެ. ފަނޑިޔާރު ނިޔާޒު އެގޮތަށް ވިދާޅުވީ ރިޔާޒަށް ވީހާވެސް ލުއި އަދަބެއް ދިނުމަށް ކުއްޖާގެ މަންމަ އެދުމުންނާއި އަދި ކުއްޖާއަށް މާބޮޑަށް އަނިޔާވެފައިނުވާ ކަމަށް ދަށު ކޯޓުގައި ބުނެފައިވުމުންނެވެ.

ރައުޔުގައި ފަނޑިޔާރު ނިޔާޒު އިތުރަށް ވިދާޅުވީ، މަޔަކު އޭނާގެ ދަރިއަކާ ދެކޮޅަށް ދޭ ހެކިބަސް ވަރުގަދަވާނެ ކަމަށާއި ދަރިއަކާ އެއްކޮޅަށް ދޭ ހެކިބަސް ބަލިކަށިވާނެ ކަމަށެވެ. ރައްޔު ނިންމާލަމުން ފަނޑިޔާރު ނިޔާޒު ވިދާޅުވީ ކުއްޖާގެ މަންމަގެ ހެކިބަހަށް ނުބެލި ކަމުގައިވިޔަސް އަނިޔާ ލިބުނު ކުއްޖާ ތަހުގީގަށާއި، ސޯޝަލް ވޯކަރަށް ކިޔައިދީފައިވާ ކަންކަމުގެ އިތުރުން މެޑިކޯ ލީގަލް ރިޕޯޓަށް ބެލުމުން ކުއްޖާއަށް ޖިންސީ އަމަލެއް ހިންގާފައިވާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

މި މައްސަލައިގައި ތަފާތުވެފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔެވެ. ނަމަވެސް ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔަށް ފަނޑިޔާރު އަލީ ސަމީރު ތާއީދުކުރުމުން ރިޔާޒުގެ މައްޗަށް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ކުރި އުމުރު ދުވަހުގެ ހުކުމް ބާތިލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް އަޣުލަބިއްޔަތުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މައްސަލައިގެ ހުކުމްވެސް އިއްވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.