އުރީދޫން ޕީސް ކޭބަލެއް އިންވެސްޓުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕީސް ކޭބަލުން ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކޮށްދޭނެއެވެ.

މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ މި ސަބްމެރިން ކޭބަލްގެ ސަބަބުން 5ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކާއި އިންޓަނެޓް އޮފް ތިންގްސް އަދި ކްލައުޑް ހިދުމަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

"5ޖީ ނެޓްވޯކްގެ ބާރު ސްޕީޑްތަކާއެކު އީޖާދުވާ ހިދުމަތްތައް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗާއެއް ބިނާކުރުމަކީ މުހިންމުކަމެއް. އެހެންކަމުން މިފަދަ އިންވެސްޓްމަންޓުތަކާއެކު ޑިޖިޓަލް ރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހި މުޖުތަމައަކަށް ފަހިކޮށްދިނުމުގައި އުރީދޫން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ނަޖީބް ހާން ވިދާޅުވިއެވެ.

"ޕީސް" ސަބްމެރިން ކޭބަލް އެޅުމަށް އުރީދޫން ހަމަޖައްސާފައިވަނީ ކުޅުދުއްފުށި ސިޓީން ސިންގަޕޫރާއި ޔޫރަޕުގެ ގިނަ ރަށްތަކެއް ހިމެނޭގޮތަށެވެ. މި ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕުގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާއާ ވެސް ރާއްޖެ ގުޅައިލެވޭނެއެވެ.

އުރީދޫން ބުނީ ކުޅުދުއްފުށި ހިޔާރުކުރީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިދީ، ޑިޖިޓަލް ހިދުމަތްތަކާއެކު ފަހިވެގެންދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

އުރީދޫން ބުނީ މި ސަބްމެރިން ކޭބަލަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށް ކަމަށެވެ. އަދި މި ކޭބަލާއެކު 5ޖީ ގެ ގާބިލުކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި، ހަގީގީ ޑިޖިޓަލް ރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަނަށް ކާމިޔާބުކަމާއެކު ގުޅައިލުމާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. އުރީދޫން ބުނީ ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ ކަމަށްވެސް ބުންޏެވެ.

ޕީސް ކޭބަލްގެ މަސައްކަތް ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ކުރީކޮޅު ކުޅުދުއްފުށީގައި ކޭބަލް ގުޅުވައިލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.