ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.
މިއަދު ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ގުރުނެގުން ކުރިއަށްދިޔަ އިރު, އެންމެ ފާހަގަކޮށްލެވެނީ ޕީއެސްޖީ އާއި ޔުނައިޓެޑުގެ ކުރިމަތިލުމެވެ. އެ މެޗު ވެގެންދާނީ ގިނަ އަހަރުތަކެއް ވަންދެން ދެ ވާދަވެރިންގެ ގޮތުގައި ފާހަގަވެގެންދިޔަ ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ އާއި ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވެސް ކުރިމަތިލުމަކަށެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް އެންމެ ފަހުން ފެނިފައިވަނީ ވެސް ޗެމްޕިއަންސް ލީގުގައެވެ. އެއީ މިދިޔަ ސީޒަނުގައި ކުޅުނު މެޗެއްގައެވެ. އޭރު މެސީ ކުޅެމުން ދިޔައީ ސްޕެއިންގެ ބާސެލޯނާއަށެވެ. އަދި ރޮނާލްޑޯ ކުޅެމުންދިޔައީ އިޓަލީގެ ޔުވެންޓަސްއަށެވެ.
މިދިޔަ ސީޒަނުގެ ގްރޫޕު ސްޓޭޖުގައި ކުޅުނު އެ މެޗުގައި ބާސާގެ މައްޗަށް ޔުވެންޓަސް އިން ކުރި ހޯދީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔައެވެ.
މީގެ ކުރިން ޔުނައިޓެޑާއި ޕީއެސްޖީން ވަނީ 2018-19 ސީޒަނުގެ ގަދަ 16 ގައި ވެސް ވާދަކޮށްފައެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ހޯދި މޮޅާއެކު ޔުނައިޓެޑުން ވަނީ އެފަހަރު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ. ޔުނައިޓެޑުން 2-0ގެ ނަތީޖާއަކުން މޮޅުވި އެ މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އާއި މާކަސް ރަޝްފާޑެވެ.
ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑު އަތުން އެ ނަތީޖާގެ ބަދަލު ހިފައިފައެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީން ވަނީ ޔުނައިޓެޑުގެ ދަނޑުގައި 3-1ގެ ނަތީޖާއަކުން މޮޅުވެ, ގްރޫޕު ސްޓޭޖުން ޔުނައިޓެޑް ކަޓުވާލައިފައެވެ.
ރޮނާލްޑޯ އަންނަނީ ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް މަސައްކަތްކުރަމުންނެވެ. އޭނާ އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގުގެ ތައްޓެއް ހޯދާފައިވަނީ ވެސް ޔުނައިޓެޑާއެކުއެވެ. އެހެންކަމުން މިސީޒަނުގެ ތަށި ހޯދިއްޖެ ނަމަ, މިއީ ޔުނައިޓެޑާއެކު އޭނާ ހޯދާ ޗެމްޕިއަންސް ލީގުގެ ދެވަނަ ތައްޓަށް ވެގެންދާނެއެވެ. ރޮނާލްޑޯގެ ވާދަވެރިޔާ މެސީ ވަނީ ބާސާއާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ހޯދައިފައެވެ.
މެސީ ވަނީ މިދިޔަ މަހު އޭނާގެ ހަތްވަނަ ބެލޮންޑިއޯ ހޯދައިފައެވެ. ރޮނާލްޑޯއަށް ބެލޮންޑިއޯ ހޯދިފައިވަނީ ފަސް ފަހަރެވެ. މެސީ އާއި ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ދިގު ތާރީހުގައި ވެސް އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުއެވެ. އަދި ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުއެވެ.