ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގެ ފަހު ވަގުތުގައި އޮސަސޫނާއާ އެއްވަރުވެގެން ނިންމާލަން ޖެހުނު އިރު، މެޑްރިޑް ޑާބީގައި އެތުލެޓިކޯ ބަލިކޮށް، ރެއާލް މެޑްރިޑުން އެއްވަނަ މަގާމުގައި ލީޑު ދަމަހައްޓައިފިއެވެ.
ބާސާއިން ރަށުން ބޭރުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ކޯޗު ޒަވީ ހެނާންޑޭޒް ރޭގެ މެޗަށް ޒުވާން ބައެއް ތަރިންނަށް ފުރުސަތު ދީފައިވާ އިރު، އެޓީމުގެ ފުރަތަމަ ގޯލު ޖަހައިދިނީ އުމުރުން 19 އަހަރުގެ ނީކޯ ގޮންޒާލޭޒް އެވެ. އެ ގޯލަށް ދެމިނެޓު ފަހުން ޑޭވިޑް ގާސިއާ އޮސަސޫނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ދެވަނަ ހާފަށް ނުކުމެ ބާސާއިން ދެވަނަ ފަހަރަށް ލީޑުވެސް ނެގިއެވެ. މޮރޮކޯގެ 19 އަހަރުގެ ފޯވަޑް އަބްދެއްސަމަދު އެޒަޒޫލީގެ އެ ގޯލާއެކު ބާސާއިން މޮޅުވާން ދަނިކޮށް އެޓީމު މާޔޫސްވީ މެޗުގެ 86 ވަނަ މިނެޓުގައި އޮސަސޫނާގެ އެޒްކީލް އަވީލާ ޖެހި ގޯލާއެކު މެޗު އެއްވަރުވުމުންނެވެ.
ބާސާއަށް ލިބުނު ޕޮއިންޓާއެކު މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގެ އަށްވަނައިގައެވެ. ބާސާއަށް 16 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ބާސާގެ ވާދަވެރި ރެއާލް މެޑްރިޑުން ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ކުޅުނު 10 މެޗުގައިވެސް ރެއާލް މޮޅުވެފައިވާ އިރު، ރޭގެ މޮޅާއެކު އެޓީމު ވަނީ ލަލީގާ ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ރެއާލްއަށް 17 މެޗުން 42 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ސެވިއްޔާ އޮތީ 16 މެޗުން 34 ޕޮއިންޓާ އެކުގައެވެ.
ރެއާލްއިން ރޭގެ މެޗު ކޮންޓްރޯލްކޮށް، މެދުތެރެއިން މެޗު ޑޮމިނޭޓް ކުރިއިރު، މެޗުގައި އެންމެ ވަރުގަދަކޮށް ފެނުނީ ލޫކާ މޮޑްރިޗާއި ޓޯނީ ކްރޫސްއެވެ. އެ ދެކުޅުންތެރިންގެ ކޮންޓްރޯލާއެކު ރެއާލްއިން ވަނީ 16 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ވިނީޝިއަސް ޖޫނިއާގެ ހުރަސް ގޯލަށް ވައްދާލީ ލަލީގާގެ ޓޮޕް ސްކޯރާ ކަރިމް ބެންޒެމާ އެވެ. އެއީ މި ސީޒަންގެ ލީގުގައި ބެންޒެމާ ޖެހި 13 ވަނަ ގޯލެވެ.
މޮޅަށް ކުޅުނު ރެއާލްއިން ދެވަނަ ހާފުގައި ނަތީޖާ ފުޅާ ކުރިއެވެ. ވިނީޝިއަސްގެ އެސިސްޓަކުން ގޯލު ޖަހައިދިނީ މާކޯ އެސެންސިއޯ އެވެ.
މިދިޔަ ސީޒަންގެ ލަލީގާ ކާމިޔާބުކުރި އެތުލެޓިކޯ މިވަގުތު ތާވަލުގެ ހަތަރުވަނައިގައެވެ. އެޓީމާ ރެއާލްއާ ދެމެދު 13 މެޗުގެ ފަރަގެއް އެބައޮތެވެ.
މިވަގުތު އެންމެ ފޯމު ރަނގަޅުކޮށް އޮތް ރެއާލްއިން އޮކްޓޯބަރު މަހު ކޯޗު ބަދަލުކުރިފަހުން ކުޅުނު 23 މެޗުން ބަލިވީ އެންމެ ދެމެޗުގައެވެ. ރެއާލްއިން މި ސީޒަން ފެށީ ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގައި ނަމަވެސް އޮކްޓޯބަރު މަހު ވަނީ ކާލޯ އެންސޮލޯޓީއާ ކޯޗުކަން ހަވާލު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު