އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އެކަކު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައަށް މިއަދު ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
އަނަސް މަރާލި މައްސަލައިގައި ކުޑަކުއްޖެއްގެ އިތުރުން ހަތް މީހަކަށް ވަނީ ދައުވާ ކޮށްފައެވެ. ދައުވާކުރި ކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ، ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވި، ސިމާހު މޫސާ، ދަފްތަރު 1746، އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ، އުސްމާން ޝަރީފް، މ. ދިމިޝްގް އަދި އަފްރާހް އަބްދުއް ރައްޒާގު، މ. ލޮނުމިދިލިގޭއެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަށް އެދުނީ ޖުނައިހު އެވެ. އަޑުއެހުމުގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ޖުނެއިހު ބުނީ، އޭނާގެ ލޮލަށް ސިއްހީ މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެ އެކަމަށް ފަރުވާ ކުރެވެން ހުރީ ރާއްޖެއިން ބޭރުން ދިއުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމަށެވެ.
ޖުނައިހުގެ ވާހަކަތަކާ ގުޅިގެން މައްސަލަ ބެލުމަށް އަލަށް ހާވަލުވި ގާޒީ އަލީ ނަދީމު ވިދާޅުވީ، މިއަދުގެ އަޑުއެހުމަކީ ގާޒީ ބަދަލުވުމުން އިޖުރާއީ ކަންކަން ފުރިހަމަކުރުމަށް ބޭއްވި އަޑުއެހުމެއް ކަމަށެވެ. އެއަށްފަހު ވިދާޅުވީ، މައްސަލައިގެ ދައުވާ ލިބޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމޭނީ މަންދު މުރާޖާ ކުރުމަށް ބާއްވާ އަޑުއެހުމުގައި ކަމަށާއި، ޖުނައިހު ފާހަގަ ކުރި ކަންކަން ޑޮކްޓަރުގެ ލިޔުން ހިމެނޭހެން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ފެބްރުއަރީ 17 ގަ އެވެ.
އަނަސްގެ މަރާ ގުޅިގެން ހެކި ހޯދުމަށް ދައުވާލިބޭ މީހުންގެ ފޯނުތައް ވަނީ ސިންގަޕޫރަށް ފޮނުވައިފައެވެ. ދައުލަތުން ހުށަހެޅި ބައެއް ސިއްރު ހެކިވެރިންނަށް ވަނީ ވަޅިން ހަމަލާވެސް ދީފައެވެ. އެކަމާ ގުޅިގެން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ވިދާޅުވެފައިވަނީ ހެކިންވެރިންގެ ރައްކާތެރިކަން ގެއްލެމުންދާތީ ސިއްރު ހެކިވެރިންގެ ހެކިބަސް ނުނެގުމަށް އެދޭ ކަމަށެވެ.
އަނަސް އަށް ގްރޫޕަކުން ހަމަލާދީ މަރާލީ އޮޅުމަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް ވަރަށް އަނިޔާވެރިކޮށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް އުޅެނިކޮށެވެ. ފުލުހުން ބުނެފައިވަނީ އަނަސްއަށް ގްރޫޕަކުން ހަމަލާދިނީ ގޭންގަކަށް ނިސްބަތްވާކަން ދައްކުވައިދޭ ޓީޝާޓެއް ލައިގެން ހުރުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު