" އަސްލު އުއްމީދެއްވެސް ނުކުރަން މިހާ އަވަހަށް މިވަރުގެ އެހީއެއް ލިބޭނެ ކަމަކަށް. ވަރަށް އުފާވޭ. ހުރިހާ ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން." މިއީ މުޅި ދުނިޔެއިންވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރު ހަމުގެ ބައްޔެއް ތަހައްމަލު ކުރަމުން އަންނަ ތުއްތު ޔޫސުފް ލަޔަކް ފަރަހުގެ ފޮޓޯ އާއި ވީޑީއޯ ސޯޝަލް މީޑިއާ އާންމު ކުރުމުން އާންމުންގެ އެހީ ލިބި ތުއްތު ލަޔަކަށް ފަރުވާ ލިބޭނެ ގޮތް އަވަސް ވުމުން އޭނާގެ މަންމަ ހައްވާ އުލާ ފުރަތަމަވެސަ "ވަން" އަށް ބުނި ވާހަކަ އެވެ.
މިއީ އުލާގެ ތިން ވަނަ ދަރިފުޅުގެ ހިނިތުންވުމާ އެކު މަންމާއޭ ކިޔައި ގޮވާލާ އަޑު އަހަން ކެތްމަދުވެފައި އިން އެ މަންމަގެ ހިތަށް ތަސައްލީއެއް ލިބުނު ވަގުތެކެވެ. މިއީ ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބައްޔެކެވެ. އަދި މުޅި ދުނިޔޭގައިވެސް މި ބަލި މަދުވުމުން، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އަދި ކުރިޔަށް ދަނީ އަޖުމަ ބެލުމުގެ ފަރުވާތަކެވެ. އެހެން ކަމުން މިކަމަށް ވަރަށް ބޮޑު ހަރަދެއް ދާނެ ކަން އެންމެންވެސް ގަބޫލު ކުރެ އެވެ.
"އިކްތިއޯސިސް" ނަމަކަށް ކިޔާ މި ބަލީގައި އުފަންވާ ކުދީންގެ ހަމުގެ ބޭރުގައި ބޯ އިތުރު ހަންތަކެއް ލެވިފައި ހުރެ އެވެ. މި ހަންތަކުގެ ސަބަބުން ބައެއް ކުދީންގެ އަސްލު ހަން ފެނުންވެސް އުނދަގޫވެ އެވެ. ނާރުތައް ވެސް ފެންނާކަށް ނުހުރެއެވެ. އެހެންކަމުން މި ފަދަ ކުދީންނަށް ފަރުވާ ދިނުމަށް ވެސް އިތުރު އުނދަގޫތަކެއް ކުރިމަތިވެ އެވެ. މި ބައްޔަށް ރަނގަޅު ފަރުވާ ދިނުމަށް ޓަކައި، ބަލީގެ ދިރާސާތައް ދުނިޔޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރަމުންނެވެ. މި ބަލި ޖެހޭ ކުދީންގެ ގައިގައި ފަޅާފައި މި ހުންނަ ހަންތައް ދޭތެރެދޭތެރެއިން ނެއްޓެއެވެ. މިހެން ނެއްޓޭއިރު ލޭ ވެސް އާދެއެވެ. އެހެން ކަމުން މި ފަދަ ކުދީން އުފުލާން ޖެހޭ ވޭން ވަރަށްވެސް ބޮޑެވެ.
އުލާގެ ތިނަ ވަނަ ދަރިފުޅު، ލަޔަކަށް ޖެހުނީ މި ބައްޔެވެ. އުލާގެ އަލަތު ދަރިފުޅުގެ ފަރުވާއަަށް ދިޔައީ އިންޑިއާ އަށެވެ. ނަމަވެސް އެއީ ކޮން ބައްޔެއްކަން ނޭނގުމާއި ދެވޭނެ ފަރުވާއެއް އޭރު ނޭނގުމުން އުމުރުން އެންމެ ހަމަހުގައި އެކުއްޖާ ވަނީ މަރުވެފަ އެވެ. ތިން ވަނަ ދަރިފުޅަށް މިގޮތް ވާކަށް އުލާ ބޭނުމެއް ނުވެ އެވެ.
މި ފަހަރު އުލާގެ ވިސްނުމަކީ އޭނާ އެކި ގޮތްގޮތުން ކުރި ދިރާސާތަކުން އެންމެ ރަނގަޅު ފަރުވާ ލިބޭން ހުރި ހިސާބުތަކަށް ދަރިފުޅު ގޮވައިގެން ދިއުމެވެ. އެގޮތުން އެންމެ ރަނގަޅު ފަރުވާ ލިބެން އޮތީ ބެންކޮކުގެ ހޮސްޕިޓަލަކުން ކަމަށް އުލާ ހޯދި މައުލޫމާތުތަކުންނާއި ދުނިޔޭގައި ތިބި މިފަދަ ބައެއް ކުދިންގެ މައިންބަފައިންނާއި މަޝްވަރާކޮށް ރިކޮމެންޑު ކުރުމުން އެހޮސްޕިޓަލަށް ދާން އުލާ ނިންމިއެވެ. އެކަމަކު މިއީ ވަރަށް ހަރަދު ހިނގާނެ ކަމެކެވެ. އާސަންދަ ނުލިބޭތީ އާއި އެގައުމުގައި ފަރުވާއަށް މަޑު ކުރަންޖެހޭ ދުވަސް ގިނަވެ އުލާ އެދުނީ އާންމުންގެ އެހީތެރިކަމަށެވެ.
އެންމެ ފުރަތަމަ އުލާ ސޯޝަލް މީޑިއާގައި ހިއްސާ ކުރީ ދަރިފުޅުގެ ކުޑަ ވީޑިއޯ ކޮޅެކެވެ. އެއީ އެ ދަރިފުޅަށް އެކަށީގެންވާ ފަރުވާއާއި ބޭސް ލިބުން ދަތިވެގެންނެވެ. ބައެއް ޑޮކްޓަރުން އެ ދަރިފުޅު ސަލާމަތްވާނެ ކަމުގެ 50/50 ޗާންސް ދިން ނަމަވެސް އުލާ އުއްމީދު ކަނޑައެއް ނުލަ އެވެ.
މީގެ ތިން ދުވަސް ކުރިން އުލާ އާންމުކުރި ވީޑިއޯ އެތައް ބަޔަކު ޝެއާކޮށް އެހީވާން ބޭނުންވި އެވެ. އުލާގެ ޕޯސްޓާ އެކު ރާއްޖޭގެ މެއިންސްޓްރީމް ބައެއް މީޑިއާތަކުން އުލާގެ ތަފުސީލީ އިންޓަވިއުތަކާ އެކު ދަރިފުޅުގެ ހާލަތު ރައްޔިތުންގެ ކުރިމައްޗަށް ތިލަކޮށްލަދިނެވެ. މީޑިއާތަކުންނާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި މި ތުއްތު ކުއްޖާގެ ފޮޓޯއާއެކު އުލާގެ އެކައުންޓު ނަންބަރުވެސް ދައުރުވާން ފެށިއެވެ. އެއާއެކު އެންމެ 24 ގަޑިއިރުވެސް ނުވަނީސް ތިން ލައްކަ ރުފިޔާގެ އެހީ ލިބުނެވެ. އަދި 48 ގަޑިއިރު ނުވަނީސް މި ވަނީ ހަ ލައްކަ އަށްވުރެ ގިނަ ރުފިޔާ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ހިސާބުތަކުން ހަދިޔާ ކޮށްފައެވެ. ނުހަނު ލޯތްބާއެކުގަ އެވެ. އުލާގެ ދަރިފުޅަށް އަވަސް އަދި ދާއިމީ ޝިފާއަކަށް އެދެމުންނެވެ. މިކަމަށް އުލާގެ ހިފެހެއްޓުމެއް ނެތް ޝުކުރު ހުރިހާ ރައްޔިތުންނަށް އަދަަކުރެ އެވެ.
އުލާ މިއަދު "ވަން" އަށް ބުނީ މިހަރު އެންމެ ބޭނުންވަނީ ދަރިފުޅުގެ ބޭސްފަރުވާ އަށް ބެންކޮކަށް ފުރުން ކަމަށެވެ. އެގޮތުން އުލާގެ ފިރިމީހާ މިވަގުތު ރިސޯޓެއްގެ ވަޒީފާގައި ހުރުމުން ޗުއްޓީ ލިބެން އޮތީ ޖެނުއަރީ އެކެއްގައި ކަމަށް އުލާ ބުންޏެވެ.
"އަސްލު ދެން އަވަހަށް ފުރަންވީ. ހަސްބެންޑަށް ޗުއްޓީ ލިބެނީ ޖެނުއަރީ އެކެއްގަ. އެހެންވެ 2 ނޫނީ 3 ގަ ފުރަން މި ވިސްނަނީ. އެންސްޕާ އިން ބުނީ އެހީތެރިކަން ލިބޭނެޔޭ. އެކަމަށް އެދި ހުށަހެޅީމަ. އެހެންވެ އެކަމަށްވެސް އެދެން ވެގެން މިއުޅެނީ." އޭނާ ބުންޏެވެ.
މި ކަމުން ދައްކުވައިދެނީ ދިވެހީންގެ ހިތްހެޔޮކަމެވެ. އޯގާތެރިކަމެވެ. އެކެއްގެ ހިތާމައާއި އުފަލުގައި އަނެކަކު ބައިވެރިވެރިވާ މިންވަރެވެ. މިއީ ހިތްހެޔޮކަމާއި ނަފުސުގެ ސާފުކަމުގެ ނަމޫނާއެކެވެ. އުލާގެ ކޯތާފަތުން ފައިބަމުން އެދަނީ ޝުކުރުގެ ހިފެހެއްޓުމެއް ކަރުނަ އެވެ. އުލާގެ ދުލުގައި މި މައްސަލަ މުޅި ގައުމުގެ ކުރިމައްޗަށް ގެނެސްދިން ދިވެހި މީޑިއާތަކާއި އެހީތެރިވި ދީލަތި ރައްޔިތުންނަށް ޝުކުރު އަދާ ކުރާނެ ލަފުޒެއް ނެތެވެ. ވަން އިން އެދެނީ އުލާގެ ދަރިފުޅަށް އަވަސް ޝިފާއެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް