ސާފު ވޯޓަކުން ބަލިވީމަ، އެބަލި ގަބޫލު ނުކޮށް ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ކުރީގެ ރައީސަކު ކުރަން ރީތި ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ކުރީގެ ރައީސް އަހުމަދު ޝަރީފު (އީސީ ޝަރީފު) ވިދާޅުވެއްޖެއެވެ.
ޝަރީފު މިހެން ވިދާޅުވީ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އިދިކޮޅު ކޯލިޝަނުން ރޭ "ކޮތަރު ކޮށި"ނަމުގައި ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައި، އެކަމުގައި ބައިވެރިވި ހާއިނުންގެ ތެރެއިންވެސް އެންމެ ބޮޑު ހާއިނަކީ ޝަރީފު ކަމަށް ވިދާޅުވެފައެވެ.
އެކަމަށް ރައްދު ދެއްވައި ޝަރީފު ވިދާޅުވީ، ރައްޔިތު އެންމެން ކުރިމަތީ ވޯޓު ލައި، ވޯޓު ގުނައި ސާފު ވޯޓަކުން ބަލިވުމުން، އެބަލި ގަބޫލު ނުކޮށް ޕޯޑިއަމަށް އަރައި ހުރެ، ރައީސް ޔާމީން މިހާރު ވާހަކަފުޅު ދައްކަވަމުން އެގެންދަވަނީ "ޖާހިލެއް" ހެން ކަމަށެވެ.
"ބަލި ގަބޫލުނުކޮށް ޕޯޑިއަމަށް އަރައި ހުރެ މާ ކޫލް ކަމެއް ކަމަށް ހީކޮށް، ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާރީތި ކަމެއް ނޫން،" ޝަރީފު ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަތީޖާ އޮޅުވާލި ކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަނުންނާއި ރައީސް ޔާމީންވެސް ވަނީ ތަކުރާރުކޮށް ކުރައްވައިފައެވެ. އަދި އޭރުއްސުރެ އީސީގެ ރައީސް ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާގެ އިސްތިއުފާއަށްވެސް ވަަނީ ގޮވާލައިފައެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ޝަރީފް ވަނީ އިންކާރު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު