އިނގިރޭސިވިލާތް

ބޫސްޓާ ޑޯޒްގެ ސަބަބުން އޮމިކްރޯން އިން ދިފާއުކޮށްދޭ މިންވަރު %75 އަށް އިތުރުކޮށްދޭ: ދިރާސާ

ބޫސްޓާ ޑޯޒްގެ ސަބަބުން އޮމިކްރޯން އިން ދިފާއު ކޮށްދޭ މިންވަރު %75 އަށް އިތުރުކޮށްދޭ ކަމަށް އިނގިރޭސިވިލާތުން ހެދި ދިރާސާއަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީ ޔޫކޭއެޗްއެސްއޭ އިން ހެދި މި ދިރާސާއިން ދެއްކި ގޮތުގައި ކޮވިޑުން ދިފާއު ވުމަށް ދެވޭ ވެކްސިންގެ ބޫސްޓާ ޑޯޒްގެ ސަބަބުން އޮމިކްރޯން ވޭރިއަންޓްގެ އާދައިގެ އަލާމާތްތައް 70 އާއި 75 ޕަސެންޓާ ހަމަޔަށް ދަށް ކޮށްދެއެވެ.

މި ދިރާސާގެ މައުލޫމާތު ހިއްސާކުރައްވަމުން ހެޑް އޮފް އިމިއުނައިޒޭޝަން ޑރ. މޭރީ ރެމްސޭ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ސަބަބުން ޑެލްޓާ ވޭރިއަންޓުން ދިފާއުކޮށްދޭ މިންވަރާ އަޅައިބަލާއިރު އޮމިކްރޯން ވޭރިއަންޓުން ދިފާއުކޮށްދޭ މިންވަރު ކުޑަ ކަމަށާއި ނަމަވެސް ބޫސްޓާ ޑޯޒުގެ ސަބަބުން ރައްކާތެރިކަން ވަރަށް ބޮޑަށް އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި މި ނަތީޖާތަކަށް ބެލުމަށްފަހު ވީހާވެސް ގިނަބަޔަކު ބޫސްޓާ ޑޯޒު ޖެހުމަށް ރެމްސޭ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ދިރާސާގައި ބައިވެރިކުރެވުނު އޮމިކްރޯން ވޭރިއަންޓް ފެނުނު 581 މީހުންގެ ތެރޭގައި އެސްޓްރަޒެނެކާގެ ދެ ޑޯޒު ފުރިހަމަ ކުރި މީހުންނާއި ފައިޒާގެ ދެ ޑޯޒު ފުރިހަމަކުރި މީހުން ހިމެނެއެވެ. އަދި އެސްޓްރަޒެނެކާ ޖެހި މީހުންގެ ތެރެއިން ބޫސްޓާ ޑޯޒުގެ ގޮތުގައި ފައިޒާގެ ތިންވަނަ ޑޯޒެއް ދެވުނު މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް %70 ކުޑަކޮށްދީފައިވާ ކަމަށާއި ފައިޒާ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ތިން ވަނަ ޑޯޒު ދިނުމުން ބަލީގެ އަލާމާތްތައް %75 ކުޑަކޮށްދިންކަމުގައި މި ދިރާސާގެ ނަތީޖާއިން ވަނީ ދައްކައިފައެވެ.

އިނގެރޭސިވިލާތުގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން %30 އަކީ މީގެ ދެ ހަފުތާކުރިން އެގައުމުން ފެނުނު އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮމިކްރޯންގެ އަދަދުތައް މަތިވަމުންދާ ބާރުމިނަށް ބަލާއިރު އޮމިކްރޯންގެ އަދަދުތައް ކުރިއަށް އޮތް ދުވަސްތަކުގައި %50 އަށް ވުރެ މަތިވެގެންދާނެ ކަމަށާއި މިމަސް ނިމެންވާއިރަށް ކޮވިޑުގެ އަދަދުތައް އެއް މިލިއަން ފަހަނައަޅައި ދާނެ ކަމަށް ވެސް އެގައުމުން ވަނީ ލަފާކޮށްފައެވެ.

އޮމިކްރޯން އިން ދިފާއުވުމަށް ބޫސްޓާ ޑޯޒު ދިނުމުގެ ގޮތުން މުއްސަނދި ގައުމުތަކުން ކޮވިޑް ވެކްސިން ގިނަ އަދަދަކަށް ހޯދަމުން އަންނަ ކަމަށާއި ނަމަވެސް އެފަދައިން ކަންތައް ކުރުމުގެ ސަބަބުން ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބުރޫ އަރައިފާނެކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ބުރާސްފަތި ދުވަހު ވަނީ ދީފައެވެ.