ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަންނެލީގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ކަނޑާލުމުން މަސްވެރިކަމަށް ބޮޑު ކުރިއެރުމެއްް ލިބޭނެ ކަމަށް ޗީފް ގަވަރުމަންޓް ސްޕޯކްސް ޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރާތާ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވަނީ ވެފައެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަންނެލީގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އުވާލި ކަމަށް އިނގިރޭސިވިލާތުން އިއުލާނު ކުރީ އިއްޔެއެވެ.

ދައުލަތުގެ މީޑިޔާގެ "ރާއްޖެ މިއަދު"ގައި މުންދު ރޭ ވިދާޅުވީ، އިގިރޭސި ވިލާތުގައި ސަސްޓޭނަބަލް ޕޯލްލައިން ފިޝަރީޒް މާކެޓުގައި ރާއްޖެ ހިމެނެނީ ނުވަ ވަނައަށް ކަމަށާއި އެ މަސައްކަތަށް ބަރޯސާވާ 17000 އާއިލާ ރާއްޖޭގައި އެބަތިބި ކަމަށެވެ.

"މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް މި ލިބުނީ. އެކްސްޕޯޓް ރެވެނިއު އިތުރުވެގެންދާނެ. އިމްޕޯޓް އެކްސްޕޯޓުގައި އޮންނަ އިންބެލެންސް ކުޑަވެގެންދާނެ. މަސްވެރިކަމުގެ ސިނާއަތަށް ފައިދާތަކެއްް ވާނެ. އިތުރު ބަޔަކު ވަނުމާއި އެކު ހަމަ އަގު ލިބި، ބަރާބަރަށް އުޖޫރަ ލިބި، މާކެޓުތައް ހުޅުވިގެންދަންޏާ އިޓްސް އޮބިވިއަސް، މަސްވެރިކަން އިހުތިޔާރުކުރާ ޒުވާނުން ގިނަވާނެ ރާއްޖޭގައި." މުންދު ވިދާޅުވިއެވެ.

"ނުވަ ވަނަ އަށް އެންމެ ބޮޑު އިމްޕޯޓަރަކީ، އަދި ރާއްޖޭގެ އެކްސްޕޯޓަރަކީ ނުވަ ވަނަ ދަރަޖައިގައި މި އޮތީ. އޮތް ޔަގީންކަމަކީ ވިޔަފާރިވެރިންނަކީވެސް ވަރަށް ކުޅަދާނަ ބޭފުޅުން އަދި ދައުލަތުގެ ކުންފުނިތައްވެސް ހިމެނޭގޮތަށް ވަރަށް އަވަހަށް ޔޫކޭގެ އެކްސްޕޯޓު އަދަދުތައް ވެސް އިތުރުވެގެންދާނެ، ކަޅުބިލަމަހުގެ ބާބަތްތައްވެސް ހާއްސަކޮށް ޔޫކޭއަށް ވަރަށް ބޮޑަށް ސްޕެޝަލައިޒްޑްކޮށް ވަރަށް ބޮޑު މާކެޓެއް އެބަ އޮވޭ، ޕައުޗް ޓޫނާ އަދި ކޭންޑް ޓޫނާއަށް." ޗީފް ގަވަރުމަންޓް ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.

އެކަމުގެ ފައިދާ ކުރާނީ އެކްސްޕޯޓަރުންނަށާއި އޮޑިވެރިންނަށާއި މަސްވެރި އާއިލާތަކަށް ކަމަށް މުންދު ވިދާޅުވިއެވެ. އަދި ޔޫކޭ ފަދަ 40 ޕަސެންޓު ދެމެހެއްޓެނިވި، މަހުގެ އުފެއްދުންތަކަށް ބަރޯސާވާ ގައުމުތަކުން، ރާއްޖޭގައި ގެންގުޅޭ ގަދީމީ ގޮތުގައި މަސްބޭރު ކުރުމުން، އޭގެ ފައިދާ އަދި މަންފާ އިތުރުވާކަންވެސް އޭނާ ފާހަގަކުރެެއްވިއެވެ.

"އެއީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ، ސަސްޓޭނަބަލް، ފަހުރުވެރިވާނެ އިންޑަސްޓްރީއެއް ކަމަށް ވަންޏާ އެ އިންޑަސްޓްރީއަށް ދާނެ ގިނަ ބަޔަކު ވާނެ ނޫންތޯ. ޕްރައިވެޓް ސެކްޓާވެސް ހިމެނޭ ގޮތަށް ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ." މުންދު ވިދާޅުވިއެވެ.

ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ، އިންޑޮނޭޝިއާ، ޖަޕާން، އިކުއެޑޯ، ސްޕެއިން އަދި ދެކުނު އެފްރިކާ ހިމެނެއެވެ.

"ދުނިޔޭގައި މިހާރު ސްޑޭންޑައިޒޭޝަންސް ވެސް މި ހަދަނީ ސީފުޑް އިންޑަސްޓްރީގައި. ސްޓޭންޑަޑްތައް މިހާރު ރާއްޖޭގެ ފްރެޝްނަސް، ރާއްޖޭގައި ގެންގުޅޭ ގަދީމީ ގޮތުގެތެރޭގައި، ދެމެހެއްޓެވިނި ގޮތެއްގައި، ނުވަތަ ދެމެހެއްޓެނިވި އާދަތައް އެއީ މިހާރު ދުނިޔޭގެ ގޯލްޑް ސްޓޭންޑަޑް މަސްވެރިކަމުގައި، އެއީ ކޮންމެ ކޮންމެ ބަޔަކަށް ވާކަމެއްނޫން. އަޅުގަނޑުމެންގެ މަސްދަޅެއް ފެނުނީމަ، ލޯހުޅުވިފައި ތިބި ބަޔަކު އެ ބަލައިގަނޭ." މުންދު ވިދާޅުވިއެވެ.

އޭގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން އިތުރުވަމުންދާ ކަމަށާއި އެއީ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ހައްގު ފައިސާ އެކައުންޓްތަކަށް ޖަމާވަމުން ދިއުމުން ކަމަށްވެސް މުންދު ވިދާޅުވިއެވެ.