އިނގިރޭސިވިލާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ރަސްގެފާނު ޗާލްސް ތިންވަނަ ދައްކަވާފައިވާ އަމިއްލަ ޓެކްސްގެ ތަފުސީލުތައް އާންމުކުރައްވަން ނިންމަވައިފިއެވެ.
ބަކިންހަމް ޕެލަސްއިން ބުނި ގޮތުގައި، މި ހަފުތާގެ ބުރާސްފަތި ދުވަހު ނެރޭ ޝާހީ އާއިލާގެ އަހަރީ މާލީ ރިޕޯޓުގައި ރަސްގެފާނުގެ ޓެކްސްގެ މައުލޫމާތު ހިމެނޭނެއެވެ. މީގެ ތެރޭގައި 2024-2025 ވަނަ އަހަރުގެ މާލީ އަހަރުގައި “ޑަޗީ އޮފް ލެންކާސްޓަރ” އިން ލިބިވަޑައިގަތް އާމްދަނީއާއި، ބަލްމޯރަލް އަދި ސޭންޑްރިންހަމް ފަދަ އަމިއްލަ ބިންތަކުންނާއި އިންވެސްޓްމަންޓުތަކުން ލިބިވަޑައިގަތް ފައިދާއިން ދައްކަވާފައިވާ ޓެކްސް ހިމެނޭނެއެވެ. ޑަޗީ އޮފް ލެންކާސްޓަރއިން އެކަނިވެސް ފާއިތުވި އަހަރު 26.8 މިލިއަން ޕައުންޑްގެ އާމްދަނީއެއް ލިބިވަޑައިގެންފައިވެއެވެ.
ޝާހީ ގަނޑުވަރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މިއީ ރަސްގެފާނުގެ އަމިއްލަފުޅު ނިންމެވުމެކެވެ. އަދި މިކަމުގެ ބޭނުމަކީ ޝާހީ އާއިލާގެ މާލީ ކަންކަން އާންމުންނަށް ސާފުކޮށް އެނގޭނެ ގޮތް ހެދުމާއި، ޒަމާނާ އެއްގޮތަށް ކަންކަން ބަދަލުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިނގިރޭސި ގާނޫނުތައް އޮންނަ ގޮތުން ރަސްގެފާނު ޓެކްސް ދެއްކެވުމަކީ މަޖުބޫރު ކަމެއް ނޫން ނަމަވެސް، ޗާލްސް ގެންދަވަނީ އަމިއްލަފުޅަށް ޓެކްސް ދައްކަވަމުންނެވެ.
މީގެ ކުރިން ޕްރިންސް އޮފް ވޭލްސްގެ މަގާމުގައި ހުންނެވިއިރުވެސް އެމަނިކުފާނު ވަނީ ޓެކްސްގެ މައުލޫމާތު ހާމަކުރައްވައިފައެވެ. ނަމަވެސް، މިހާރު އެ މަގާމުގައި ހުންނެވި ޕްރިންސް ވިލިއަމް އޭނާގެ ޓެކްސްގެ ތަފުސީލުތައް ހާމަކުރައްވާފައެއް ނުވެއެވެ.
މި ނިންމެވުމާ ގުޅިގެން، ރަސްކަމާ ދެކޮޅަށް މަސައްކަތްކުރާ “ރިޕަބްލިކް” ގްރޫޕުން ވަނީ ފާޑުކިޔައިފައެވެ. އެ ގްރޫޕުން ބުނާ ގޮތުގައި، ޓެކްސްގެ މައުލޫމާތު ހާމަކުރުމަކީ ރަނގަޅު ކަމެއް ނަމަވެސް، ޝާހީ އާއިލާއަށް ދައުލަތުން ކުރާ ހޭދަ ވަރަށް ބޮޑެވެ. އަދި ޝާހީ އާއިލާގެ ހަރަދުތައް ހަމަޖެއްސުމަށް ދޭ “ސޮވެރިން ގްރާންޓް” ގެ ގޮތުގައި މި އަހަރު 137.9 މިލިއަން ޕައުންޑް ކަނޑައަޅާފައިވާއިރު، މިއީ އާންމުންގެ ޓެކްސް ފައިސާއިން ކުރާ މާ ބޮޑު އިސްރާފެއް ކަމަށް އެ ގްރޫޕުން ވަނީ ބުނެފައެވެ.
މި ރިޕޯޓު އާންމުކުރަން ހަމަޖެހިފައިވަނީ، ޝާހީ އާއިލާގެ ހަރަދުތަކާ ގުޅޭގޮތުން އާންމުންގެ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
ކޮމެންޓް