އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން އުފައްދާފައިވާ އަސްކަރީ އިއްތިހާދު "އޯކަސް" އިން ކަނޑުއަޑީގެ ކޭބަލްތައް ހިމާޔަތްކުރުމަށާއި ދިފާއީ ބާރުގަދަކުރުމަށްޓަކައި ކަނޑުއަޑީގައި ދުއްވާ ޑްރޯން ޓެކްނޮލޮޖީއެއް ތަރައްގީކުރަން ނިންމައިފިއެވެ.

ސިންގަޕޫރުގައި ކުރިއަށްދިޔަ ޝަންގްރިއްލާ ޑައިލޮގް ސެކިއުރިޓީ ސަމިޓުގައި މި ތިން ގައުމުގެ ދިފާއީ ވަޒީރުން ވަނީ މިކަން އާންމުކުރައްވައިފައެވެ. އަންނަ އަހަރުގެ ނިޔަލަށް ބޭނުންކުރަން ފެށޭނެ ކަމަށް ލަފާކުރެވޭ މި އަންކްރޫޑް އަންޑަސީ ވެހިކަލް (ޔޫޔޫވީ) ޓެކްނޮލޮޖީއަކީ އޯކަސްގެ "ޕިލާ ޓޫ" ގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ބޮޑު މަޝްރޫއެވެ. ޕިލާ ޓޫ އަކީ އާޓިފިޝަލް އިންޓެލިޖެންސް، ހައިޕަސޮނިކް މިސައިލް އަދި ކަނޑުއަޑީގެ ރޮބޮޓިކްސް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތަރައްގީކުރުމަށް އަމާޒުކޮށްފައިވާ ބައެކެވެ.

މި މަޝްރޫއުގެ ޖުމްލަ އަގު ހާމަކޮށްފައި ނުވި ނަމަވެސް، އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ޖޯން ހީލީ ވިދާޅުވި ގޮތުގައި އެ ގައުމުން މިކަމަށް 150 މިލިއަން ޕައުންޑް (201 މިލިއަން ޑޮލަރު) ހަރަދުކުރާނެއެވެ. އޯކަސްގެ މަޝްރޫއުތައް ލަސްވަމުންދާ ކަމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އިޝާރާތްކުރައްވައި ހީލީ ވިދާޅުވީ، މާޒީގައި އޯކަސް އިން އަމަލީ މަސައްކަތަށް ވުރެ ބޮޑަށް ދެއްކީ ވާހަކަ ކަމަށާއި، ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެ ކަމަށެވެ.

ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޑްރޯންތަކުގައި ހަރުކުރެވޭ ސެންސަރުތަކާއި ހަތިޔާރުގެ ނިޒާމުތަކުގެ ސަބަބުން ކަނޑުއަޑީގެ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށާއި، ހަމަލާދިނުމަށާއި، އަދި ޖާސޫސީ މައުލޫމާތު އެއްކުރުމަށް ފަސޭހަވެގެންދާނެއެވެ. ހީލީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ޓެކްނޮލޮޖީގެ ސަބަބުން ޕެސިފިކް، އެޓްލާންޓިކް އަދި އުތުރުގެ ކަނޑުތަކުގައި ދިފާއީ ބާރުގަދަވެގެންދާނެއެވެ. އާންމު ދިރިއުޅުމުގެ ގިނަ ކަންކަން ބިނާވެފައިވާ ކަނޑުއަޑީގެ ކޭބަލްތަކާއި ހޮޅިތަކަށް އޮތް ނުރައްކާތަކުން ސަލާމަތްވުމަށް މި ޑްރޯންތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަނޑުއަޑީގެ ކޭބަލްތަކާއި ހޮޅިތަކަށް އަމާޒުވަމުންދާ ނުރައްކާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މި ޓެކްނޮލޮޖީގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ. އިނގިރޭސިވިލާތުގެ އުތުރުގައިވާ ކަނޑުގެ ސަރަހައްދުތަކުގައި ރަޝިއާއިން ސިއްރު އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން ހީލީ ވަނީ ތުހުމަތުކުރައްވައިފައެވެ. ނަމަވެސް މޮސްކޯއިން ވަނީ މިކަން ދޮގުކޮށްފައެވެ. އިނގިރޭސިވިލާތާ ގުޅިފައިވާ 60 ވަރަކަށް ކަނޑުއަޑީގެ ކޭބަލް އޮންނައިރު، ފާއިތުވި އަހަރުތަކުގައި އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ރަޝިއާގެ އުޅަނދުތައް ހަރަކާތްތެރިވާ މިންވަރު 30 އިންސައްތަ އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި، އުތުރު އެޓްލާންޓިކް ކަނޑުގައި ރަޝިއާގެ ސަބްމެރިންތައް ހޯދުމަށް އިނގިރޭސިވިލާތާއި ނޯވޭއިން ވަނީ މިދިޔަ ޑިސެމްބަރު މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، ޓައިވާން އަދި ސްވިޑަންގެ ކަނޑުގެ ސަރަހައްދުތަކުގައިވާ ކޭބަލްތަކަށް ގެއްލުންދިނުމުގައި ޗައިނާގެ އުޅަނދުތަކުގެ ދައުރެއްވާ ކަމަށްވެސް ވަނީ ތުހުމަތުކުރެވިފައެވެ. ބޯލްޓިކް ކަނޑުގައިވެސް ކޭބަލްތަކަށް ގެއްލުންދީފައިވާ ކަމުގެ ގިނަ ރިޕޯޓުތަކެއް ވަނީ ފެންމަތިވެފައެވެ. ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމުގައި، މި ޑްރޯން ޕްރޮޖެކްޓަކީ ރަޝިއާ އަދި ޗައިނާގެ ހަރަކާތްތަކާ ދެކޮޅަށް ފެށި ކަމެއްތޯ ނޫސްވެރިން ސުވާލުކުރުމުން ވަޒީރުން ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

2021 ވަނަ އަހަރު ފެށި އޯކަސް އިއްތިހާދުގެ މައިގަނޑު މަގުސަދަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދިއުމާ ދެކޮޅަށް މަސައްކަތްކުރުމެވެ. މި އިއްތިހާދުގެ "ޕިލާ ވަން" ގެ ދަށުން އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އޮސްޓްރޭލިއާގެ އަސްކަރީ ތާރީހުގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މިއާއެކު އިނގިރޭސިވިލާތަށްފަހު އެމެރިކާގެ ނިއުކްލިއާ ޕްރޮޕަލްޝަން ޓެކްނޮލޮޖީ ލިބޭ ދެވަނަ ގައުމަކަށް އޮސްޓްރޭލިއާ ވެގެންދާނެއެވެ. ނަމަވެސް، މި ސަބްމެރިންތައް 2040 ގެ އަހަރުތަކާ ހަމައަށްވެސް ނުލިބިދާނެ ކަމުގެ ކަންބޮޑުވުންތައް އޮސްޓްރޭލިއާގައި ވަނީ އިތުރުވެފައެވެ. އޮސްޓްރޭލިއާގެ ބައެއް ފަރާތްތަކުން ދަނީ އެ ގައުމުގެ ބާވެފައިވާ ސަބްމެރިންތަކުގެ ބަދަލުގައި އާ ސަބްމެރިންތައް ވަގުތަށް ލިބިދާނެތޯ ސުވާލު އުފައްދަމުންނެވެ. މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ރިޗަޑް މާލްސް ވިދާޅުވީ، މި މަޝްރޫއު ފިޔަވައި އެހެން ގޮތެއް ނެތް ކަމަށާއި މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.