ރިޕޯޓް

އުލާގެ އިންޓަވިއު: އެންމެ ފަހަރަކު ނަމަވެސް މި ދަރިފުޅު ހީލާ މަންޒަރު ދެކެން ބޭނުން، ދުނިޔޭގައިވެސް މަދު ބައްޔެއް

ރިފާ ހަލީލު

މީގެ ނުވަ މަސް ކުރިއެވެ. މައެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއްދުވަހެވެ. ބަލިވެ އިނދެ ދަރިޔަކު ލިބޭން އުޅޭ ވަގުތެވެ. ނަމަވެސް ފުވައްމުލަކަށް ނިސްބަތްވާ ހައްވާ އުލާ އަށް ލިބުނު ދަރިފުޅު ފެނުމާއެކު މާޒީގައި ހޮސްޕިޓާ ތަކަށް ދުވާން ޖެހުނު ހަނދާން އާވިއެވެ. ލޯ ކުރިމަތީން ފެންނަމުންދިޔައީ މީގެ 11 އަހަރު ކުރިން އުލާގެ ދެމަފިރިންނަށް ލިބުނު އަލަތު ދަރިފުޅު އުރާލައިގެން އެ ދަރިފުޅު އެންމެ ފަހަރަކުނަމަވެސް ހީލާ މަންޒަރު ބަލައިލާން ލިބޭނެ ކަމުގެ އުއްމީދުގައި އެއް ރަށުން އަނެއް ރަށަށް އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ދުވި ހަނދާނެވެ. އެހެން ނަމަވެސް އެއީ މުޅި ދުނިޔެއިންވެސް ވަރަށް ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔަކަށް ވުމުން އެ ކުއްޖާ އަށް ދެވޭނެ ފަރުވާ ޑޮކްޓަރުންނަށްވެސް ވީ ނޭނގޭ ފަރުވާއަކަށެވެ. އެ ދަރިފުޅުގެ އުމުރުން އެންމެ ހަ މަހުގައި ދުނިޔެއާ އަލްވަދާއު ކީއެވެ.

ދެވަނަ ދަރިފުޅު ލިބޭނެ ކަމުގެ އުފާވެރި ހަބަރު ލިބުނު ނަމަވެސް އެފަދަ ބައްޔެއް ތަހައްމަލް ކުރަންޖެހިިދާނެ ފަދަ ކުއްޖަކަށް އެ ދަރިފުޅުވެސް ވެދާނެތީ އެ ދެމަފިރިން ދިޔައީ ފުރަތަމަ ދުވަހުން ފެށިގެން ޓެސްޓުތަކާއެކު ބޭސް ކުރަމުންނެވެ.

"ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވީމަ އިންޑިއާއަށް ގަވާއިދުން ދައްކަމުންދިޔައީ. ހުރިހާ ޓެސްޓުތައް ހެދިން. ޖެނެޓިކް މައްސަލައަކުން ދިމާވާ ކަމެކޭ ޑޮކްޓަރުން ބުނުމުން އެކަމަށްވެސް ވަރަށް ބައިވަރު ޓެސްޓުތައް ކުރިން. މާތް ﷲގެ އިރާދަފުޅުން އެދަރިފުޅު އެއީ ނޯމަލް ކުއްޖެއް. އަލްހަމްދުލިﷲ. އެހެންވެ ދެން ތިން ވަނަ ދަރިފުޅުވެސް ނޯމަލް ކުއްޖަކަށް ވެދާނެ ކަމަށް ބަލާފައި އަޅުގަނޑުމެން ދެމަފިރިން ތިބީ އެ އުންމީދުގަ. އިންޑިއާއަށް ގޮސް ފަރުވާއެއް ނުހޯދަން. އެކަމަކު ވިހެއިމަ މި އެނގުނީ. ވަރަށް އަސަރު ކުރި. މާޒީ ހަނދާންވީ." އަސަރާއެކު އޭނާ "ވަން" އަށް ކިޔައިދިނެވެ.

"އިކްތިއޯސިސް" ނަމަކަށް ކިޔާ މި ބައްޔަކީ މުޅި ދުނިޔޭގައި ވެސް ވަރަށް މަދު ބައްޔެކެވެ. މި ބަލީގައި އުފަންވާ ކުދީންގެ ހަމުގެ ބޭރުގައި ބޯ ހަންތަކެއް ލެވިފައި ހުރެ އެވެ. މި ހަންތަކުގެ ސަބަބުން ބައެއް ކުދީންގެ އަސްލު ހަން ފެނުންވެސް އުނދަގޫވެ އެވެ. ނާރުތައް ވެސް ފެންނާކަށް ނުހުރެއެވެ. އެހެންކަމުން މި ފަދަ ކުދީންނަށް ފަރުވާ ދިނުމަށް ވެސް އިތުރު އުނދަގޫތަކެއް ކުރިމަތިވެ އެވެ. މި ބައްޔަށް ރަނގަޅު ފަރުވާ ދިނުމަށް ޓަކައި، ބަލީގެ ދިރާސާތައް ދުނިޔޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރަމުންނެވެ. މި ބަލި ޖެހޭ ކުދީންގެ ގައިގައި ފަޅާފައި މި ހުންނަ ހަންތައް ދޭތެރެދޭތެރެއިން ނެއްޓެއެވެ. މިހެން ނެއްޓޭއިރު ލޭ ވެސް އާދެއެވެ. އެހެން ކަމުން މި ފަދަ ކުދީން އުފުލާން ޖެހޭ ވޭން ވަރަށްވެސް ބޮޑެވެ.

އުލާގެ ތިން ވަނަ ދަރިފުޅު ޔޫސުފް ލަޔަކް ފަރަހަށް ފަރުވާކޮށް ރަނގަޅުކުރާން އެ މަންމަ ކިތަންމެހާވެސް ބޭނުމެވެ. އެންމެ ނުވަ މަހުގެ ތުއްތު ލަޔަކް ތަހައްމަލް ކުރަމުން އަންނަ ވޭނަކީ މަޔަކަށް ކީއްކުރަން ހިތެއް އޮތް އެއްވެސް އިންސާނަކަށް ބަލަން ކުޅަދާނަ ވޭނެއް ނޫނެވެ. އުލާ ބޭނުންވަނީ އެ ބައްޔަށް ފަރުވާލިބޭނެ ގައުމެއް ހޯދައި އެ ގައުމަކަށް ގޮސްގެން ނަމަވެސް ދަރިފުޅަށް ރަނގަޅު ފަރުވާއެއް ހޯދުމެވެ.

ރާއްޖޭގައި މިބަލި ތަހައްމަލު ކުރަމުންދާ އިތުރު ކުއްޖެއް ހުރޭ!

އުލާ ބުނީ ދަރިފުޅަށް ފަރުވާ ހޯދުމަށް މާލެއަށް ކުރި ދަތުރެއްގައި ޑޮކްޓަރުން އޭނާ ގާތު މި ބަލި ތަހައްމަލު ކުރަމުންދާ އެހެން ކުއްޖަކަށްވެސް ވަރަށް ފަހުން ފަރުވާދިން ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު އެކުއްޖާއާ ބެހޭ މާގިނަ މައުލޫމާތެއް ނޭނގޭ ކަމަށް އުލާ ބުންޏެވެ.

އެކަމަކު ރާއްޖެއިން ބޭރުގައި މިބަލި ޖެހިފައި ތިބި ކުދިންގެ ބެލެނިވެރިންނާއި ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައި އެ މީހުން ރިކޮމެންޑު ކުރާ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންމެ ހިތްދަތިވަނީ ބޭނުންވާ ބޭސް ފަސޭހައިން ނުލިބޭތީ!

ތުއްތު ލަޔަކަށް ބޭނުންވާ ބޭހަކީ އާސަންދައިން ލިބޭ ބޭހެއް ނޫނެވެ. އަގުބޮޑު އެ ބޭސް ގެންނަނީ އެންސްޕާގެ އެހީތެރިކަމާއެކު އެސްޓީއޯ މެދުވެރިކޮށެވެ. ނަމަވެސް ބޭސް ލިބުން ވަރަށް ދަތި ކަމަށް އުލާ ބުންޏެވެ.

"ދަރިފުޅު އަބަދު އުޅެނީ ހިރުވާތީ. އޮންނަނީ ރޯލަ ރޯލަ. ހަންގަނޑު މިހެން ނެއްޓޭ ތަންތަނުން ލޭވެސް އަންނާނެ. ކިހާ ތަދުވާނެ. ވަރަށް އަސަރުކުރޭ މިހެން ފެނުނީމަ. އެކަމަކު ބޭސް ލިބުން ވަރަށް އުނދަގޫ. ގަބޫލު ކުރަން އެންސްޕާ މެދުވެރިކޮށް ވީމަ ލަސްވެދާނެކަން. އެކަމަކު ރާއްޖެ ގެނެސްފަވެސް އެސްޓިއޯއިން ބޭސް ނުފޮނުވި ވެސް ވަރަށް ބޮޑަށް ލަސްވޭ. މިހާރުވެސް ބޭސް ހުސްވެފަ ހުރީ. އެސްޓީއޯއިން ބުނީ މާދަމާ ފޮނުވަދޭނެ ކަމަށް." އޭނާ ބުންޏެވެ.

އަލަތު ދަރިފުޅަށް ފަރުވާ ނުލިބުނަސް ބޭނުންވަނީ މިދަރިފުޅު ރަނގަޅުވެ ހީލާ ތަން ފެންނަން

ދުނިޔެއިންވެސް މަދުން ފެންނަ ބައްޔަކަށް މިބަލި ވެފައި ވުމުން އަލަތު ދަރިފުޅަށް މާ ބޮޑު ފަރުވާއެއް ނުދެވުނެވެ. އެކަމަކު މި ދަރިފުޅަށް އެހެންވާކަށް އުލާ ބޭނުމެއް ނޫނެވެ. އުލާ ބުނީ އެންމެ ބޮޑަށް ބިރުގަންނަނީ އިންފެކްޓް ވެ ދަރިފުޅަށް ފަރުވާ ނުދެވޭތީ ކަމަށެވެ.

"މިފަހުންވެސް މާލެ ގޮސް ޓެސްޓުތައްވެސް ނުހެދުނު ނާރުތައް ނުފެންނާތީ. ދެން ވަރަށް ބިރުގަނޭ އަސްލު އިންފެކްޓު ވެދާނެތީ. އަނެއްކާ މި ބަލި އެއްކޮށް ރަނގަޅު ނުވާނެޔޭ ބުނީ. އެކަމަކު އިންފެކްޓްވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ. އެހެންވެ ވަރަށް ބޮޑަށް ބަލައިގެން އުޅެނީ." އޭނާ ބުންޏެވެ.

އުލާ ބުނީ ފުރަތަމަ ދަރިފުޅު ގޮވައިގެން އިންޑިއާއަށް ގޮސް ވަރަށް ބޮޑަށް އެ ދަރިފުޅު ސަލާމަތްކުރަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ބައްޔަކީ ދުނިޔެއިންވެސް މަދުން ނޫނީ ފެންނަ ބައްޔަކަށް ނުވުމުން ދޭނެ ފަރުވާއެއް އެއިރު ނޭނގުނު ކަމަށެވެ. ނަމަވެސް މި ދަރިފުޅަށް އެހެން ވާން ބޭނުންވާ ނުވާ ކަމަށާއި އުއްމީދަކީ މިދަރިފުޅު ގަދަވެ ސަލާމަތުން ހިނތުންވެލާތަން ފެނުން ކަމަށެވެ. ލޯބިން މަންމާއޭ ކިޔައި ގޮވާލާ އަޑު އިވުން ކަމަށެވެ.

ފުރަތަމަ ދަރިފުޅު ގޮވައިގެން އިންޑިއާއަށް ގޮސް ކުރި ތަޖުރިބާއިން އަލި މަގެއް ނުފެނުމުން މިފަހަރު އުލާ އިންޑިއާއަށް ދާކަށް ބޭނުމެއް ނުވެ އެވެ.

އުލާ ބުނީ ދަރިފުޅު ރަނގަޅު ކުރެވޭނެ ކަމުގެ މާ ބޮޑު އުއްމީދެއް ރާއްޖޭގެ ޑޮކްޓަރުން ނުދޭ ކަމަށެވެ. ދޭނެ ފަރުވާއެއް ވެސް އެމީހުންނަށް ނޭނގޭ ކަމަށެވެ. ބޯވެފައިވާ ބައިތައް ހަންގަނޑު ފޯކޮށްގެން ނެއްޓި ނަމަވެސް، އިންފެކްޓްވެ ދަރިފުޅު ރަނގަޅު ވެދާނެ ކަމުގެ ދެނީ 50/50 ޗާންސެއް ކަމަށެވެ.

މި ހާލަތުގައި އުފަންވި އުލާގެ ފުރަތަމަ ދަރިފުޅުގެ ފޮޓޯތައް ވަން އަށް ލިބިފައިވީ ނަމަވެސް މި ރިޕޯޓުގައި އެ ފޮޓޯތައް ހިމަނާފައި ނުވަނީ އުލާގެ އެދުމުގެ މަތީންނެވެ.

އުލާ ބުނީ އެހެން ނަމަވެސް ދުބާއީ، އެމެރިކާ، ބޭންކޮކް ފަދަ ތަންތަނުން މިފަދަ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އެ ފަދަ ބައެއް ތަންތަނުން ދީފައިވާ މައުލޫމާތުން އުއްމީދު ލިބޭ ކަމަށް ވެސް އުލާ "ވަން" އަށް ބުންޏެވެ. އެހެންނަމަވެސް މިއީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމަކަށްވުމުން އުލާގެ ދެމަފިރިންވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ވަން އިން އެދެނީ އުލާގެ މި ދަރިފުޅަށް އަވަސް ޝިފާއެކެވެ.

އުލާގެ އެކައުންޓު ނަމްބަރު: 7730000205317
އުލާއާ ގުޅޭނެ ނަންބަރު: 9689122