ކޮޅުމަޑުލު ދެކުނުބިތުގައިވާ އެންމެ މުހިންމު ކަނޑުއޮޅިޔަކީ ވޭމަންޑޫ ކަނޑެވެ. މިއީ ވޭމަންޑޫއާއި ތިމަރަފުށްޓާ ދެމެދުގައި އޮންނަ 4.8 ކިލޯމީޓަރު ފުޅާ ކަނޑުއޮޅިއެކެވެ. މިކަނޑުއޮޅީގެ މެދުގައި ވަކިވަކި ދެރަށެއް އޮވެއެވެ. ކަނިމީދޫއާއި ފުނަދޫއެވެ. އެހެންވުމުގެ ސަބަބުން މި ކަނޑުއޮޅި އޮންނަނީ ތިންބަޔަކަށް ބެހިފައެވެ. ތިމަރަފުށްޓާއި ފުނަދޫއާ ދެމެދު އޮންނަ ބަޔާއި ފުނަދޫއާއި ކަނިމީދޫއާ ދެމެދު އޮންނަ ބަޔާއި ކަނިމީދޫއާއި ވޭމަންޑޫއާ ދޭތެރޭގައި އޮންނަ ބައެވެ. އާއްމުގޮތެއްގައި ވޭމަންޑޫ ކަނޑޭ މިހާރު ކިޔަނީ ކަނިމީދޫއާއި ވޭމަންޑޫއާ ދޭތެެރޭގައިވާ ބަޔަށެވެ. އެބައިގެ ފުޅާމިނަކީ 1.3 ކިލޯމީޓަރެވެ. ކަނިމީދޫއާއި ފުނަދޫއަކީ މީހުން ދިރިނޫޅޭ ފަޅު ދެރަށެވެ. މީގެތެރެއިން ފުނަދޫއަކީ ވަރަށް ކުޑަކުޑަ ރަށެކެވެ. އެކަމަކު ކަނިމީދޫއަކީ ވަރަށް ބޮޑު ރަށެކެވެ. ކޮޅުމަޑުލުގެ ރަށްރަށުގެ ތެރެއިން ގުދުރަތީގޮތުން އެންމެ ބޮޑު އެއްރަށަކީވެސް ކަނިމީދޫއެވެ. މި ލިޔުމުގެ މައިގަޑު ފޯކަސްއަކީ ކަނިމީދޫއެވެ. ދެން އެރަށުގައިވާ މަޝްހޫރު ޒިޔާރަތެވެ.

ކަނިމީދޫއަކީ ގާތްގަޑަކަށް 68 ހެކްޓަރުގެ ރަށެކެވެ. މިއީ ކުރީޒަމާނުގައި މީހުން ދިރިއުޅުނު ރަށެއްކަމަށް ބުނެވެއެވެ. އެވޭލާ ޒަމާނުގައި ވަރަށް ނާޗަރަންގީގެ ކަންތައް ބޮޑު ރަށެއްކަމުގައި ބުނެވެއެވެ. އެއްފަހަރަކު ރަށުގެ ޒުވާނުން ނެށުމުގެ ކުޅިވަރުގައި ވަޖިދުވެ އަވަދިވެފައިވަނިކޮށް ކަނޑުން މާލިއަރައި ރަށުގެ ކަންތައް ނިންމައިލީއެވެ. އެބިރުވެރިކަމުން ސަލާމަތްވި މަދުބަޔަކު ރަށްދޫކޮށްފައި ވޭމަންޑޫއަށް ދިޔައީކަމަށްވެސް ބުނެވެއެވެ. ކޮންމެއަކަސް ވޭމަންޑޫއަކީ ކަނިމީދޫއާ އެންމެ ގާތުގައި މީހުން ދިރިއުޅޭ ރަށެވެ. ކަނިމީދޫގެ މެދަކާ ހިސާބުގައި ހުންނަ މަޝްހޫރު ތަކުރުފާނު ޒިޔާރަތަކީ މީހުން ދިރިއުޅުނު ޒަމާނުގެ ޒިޔާރަތެއް ނޫނެވެ. އެއަށްވުރެ މާފަހަކުން މީލާދީން ސަތާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ގާއިމުކުރެވުނު ޒިޔާރަތެކެވެ. އެހެންވިޔަސް ކޮޅުމަޑުލުގައި ކަނިމީދޫ މަޝްހޫރުވެގެންވަނީ މިދެންނެވި ޒިޔާރަތުގެ ސަބަބުންނެވެ. އެއީ އެއަތޮޅުގެ އެންމެންވެސް ވަރަށް ފަހަކާ ހަމަޔަށް ވަރަށްވެސް ބޮޑަށް އިހުތިރާމްކުޅަ ވަރަށް ހައިބަތު އުފުލިގެންވި ޒިޔާރަތެކެވެ.

މިޒިޔާރަތް ހެދިފައިހުރީ ވަށައިގެން ގާފޮޅެއް ރާނާފައި އޭގެ މަތީގައި ހައިވަކަރުން ކޮށްޓެއް ހަދައި އޭގެމަތީގައި ލޮއި ފުރާޅެކެވެ. އެޒަމާނަށް ބަލާއިރު ވަރަށްވެސް ފުރިހަމައަށެވެ. މީހުން ދިރިނޫޅޭ ފަޅުރަށެއްގައި މިވަރުގެ ޒިޔާރަތެއް ހުރިއްޔާ ދެން އެޒިޔާރަތަކީ އިހަވަންދިއްޕޮޅުގެ މަތީރަށްފުޅުގައި ހުންނަ ޒިޔާރަތެވެ. މިކަހަލަ ޒިޔާރަތް ޒިޔާރަތުގެ އާބާތުރަ ފިލުވައި އިހުތިރާމް އަދާކުރުމަކީ މިޒަމާނުގައި ނެތެމުންދާ އާދައެކެވެ. ނުވަތަ ނެތިފައިވާ އާދައެކެވެ. އެގޮތުން ކަނިމީދޫގެ ޒިޔާރަތްވެސް މިހާރު ހުރީ ވާނެއެއްޗެއްވާން ދޫކޮށްލެވިފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެއީ ވީރާނާވެ ނެތިގެންދާން ކައިރިވެފައިވާ ތަނެކެވެ. ފުރާޅެއް ނެތެވެ. ހައިވަކަރު ކޮށްޓެއްވެސް ނެތެވެ. ފެންނާންހުރީ ހަލާކުވެފައިވާ ގާފޮޅަކާއި ވިސްވިސްވެފައިވާ މަހާނަ ދެގަލެވެ. މިދެންނެވި އާސާރުވެސް ދާދިއަވަހަށް ނެތިގެން ހިގައިދާނެ ކަމަށް ބެލެވެއެވެ. ކަނިމީދޫއަކީ ފަތުރުވެރިކަމުގެ ސިނާއަތު ހިންގުމަށް ހަމަޖެހިފައިވާ ރަށެކެވެ. އެކަހަލަގޮތަކަށް ކަނިމީދޫ ތަރައްގީކޮށް ނިމޭއިރު ޒިޔާރަތް ހުންނާނޭ ކަމަށް ނުފެނެއެވެ.

ކަނިމީދޫއަކީ ފަޅުރަށަކަށްވެފައި އެރަށުގައި ޒިޔާރަތެއް ގާއިމުވީ ކީއްވެގެންހެއްޔެވެ. އެޒިޔާރަތުގައި އޮންނެވީ ކޮންބޭކަލެއް ހެއްޔެވެ. އެބޭކަލަކު ކަނިމީދޫގައި އަވަހާރަވުމުގެ ސަބަބަކީ ކޮބައިހެއްޔެވެ. އެވަރުގެ ހައިބަތު އުފުލިގެންވާ ތަނަކަށް މި ޒިޔާރަތް ވުމުގެ ސަބަބަކީ ކޮބައިހެއްޔެވެ. ތިރީގައި ޖަވާބުދެވޭތޯ މަސައްކަތްކުރާނީ މި ސުވާލުތަކަށެވެ. ކަނިމީދޫގައި މި ޒިޔާރަތް ގާއިމުވީ އެރަށް ފަޅުވިތާ އެތައްސަތޭކަ އަހަރެއް ފަހުންނެވެ. ކުރިންވެސް ބަޔާންކުރެވުނު ގޮތަށް ކަނިމީދޫ އޮންނަނީ ކޮޅުމަޑުލަށް ވަދެނިކުމެ ހަދާ އެންމެ މުހިންމު ކަނޑުއޮޅީގައެވެ. ވޭމަންޑޫއަކީ ޓްރާންސިޓް ޕޮއިންޓެކެވެ. ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރާ އޮޑިފަހަރުގެއެވެ. އެގޮތަށް ދަތުރުކުރާއިރު ކަނޑުމަތީގައި މީހުން ބަލިވެއެވެ. މަރުވެސްވެއެވެ. މީހުން ދިރިއުޅޭ ރަށަކަށް ގަބުރު ބޭލުމަކީ އެއްގޮތަކަށްވެސް ކުރާކަމެއް ނޫނެވެ. ގަބުރު ބާލާނީ މަރުވި ހިސާބަކާ އެންމެގާތުގައިވާ ފަޅުރަށަކަށެވެ. ކިތަންމެ މަތީދަރަޖައިގެ އިއްޒަތްތެރިއަކަސް އެޒަމާނުގެ އާދަކާދައަކީ އެއީއެވެ.

ކަނިމީދޫ ޒިޔާރަތުގައި އޮންނެވި ބޭކަލަކީ އައްޑޫ މީދޫ ގަނޑުވަރު ބޮޑުފުތް ތަކުރުފާނެވެ. އެއީ ދިޔަމިގިލީ އިބްރާހިމް ރަސްގެފާނުގެ ދަރުބާރުގެ ކުޑަވަޒީރެކެވެ. މަތީދަރަޖައިގެ ދަންނަބޭކަލެކެވެ. މިދެންނެވި ބޮޑުފުތް ތަކުރުފާނަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު އައްޑޫ ބޮޑުފަޑިޔާރު ތަކުރުފާނުގެ ފުތް އަލްގާޒީ ހުސައިން ގުތުބުއްދީނުގެ ފުތް މުހައްމަދު ތަކުރުފާނުގެ ދި ހައްވާބީފާނުގެ މުހައްމަދު ބޮޑުފުތް ތަކުރުފާނެވެ. ބައްޕަޔަކީ މޫސާ ކުޑަބަނޑޭރި ތަކުރުފާނުގެ ފުތް އަލިތަކުރުފާނެވެ. ދެފަރާތުންވެސް ގަދަރުވެރިއެކެވެ. އާލިމެކެވެ. ދައުލަތުގެ ދަރަޖަވެރިއެކެވެ. މިދެންނެވި ބޮޑުފުތް ތަކުރުފާނު އަވަހާރަވީ ކަނިމީދޫއާ ކައިރިން ކަނޑުމަތީގައެވެ. މި މައުލޫމާތު ޒިޔާރަތުގެ މަހާނަގަލުންނާއި މީދޫގެ އާއިލީ ވަނަވަރުފޮތްތަކުން ސާފުވެއެވެ. މި ތަކުރުފާނު އަވަހާރަވީ ދިޔަމިގިލީ އިބްރާހިމް ރަސްގެފާނުގެ ރަސްކަމުގައި މީލާދީން 1741 ވަނަ އަހަރުގެ ތެރޭގައެވެ. ކަނޑުމަތީގައި އެތަކުރުފާނު އަވަހާރަވުމުން ކަނިމީދޫއަށް ބާލައި ފަސްދާނުލީއެވެ.

ފަސްދާނުލިތާ ދުވަސްކޮޅެއްފަހުން ޒިޔާރަތެއް ވަނީ ގާއިމުކުރެވިފައެވެ. ގިނަފަހަރަށް ޒިޔާރަތެއްގެ ހައިބަތު އުފުލިގެންދަނީ ވެރިކަމުގެ ފަރާތުން އެޒިޔާރަތެއްގެ ހައިބަތު ބަލައިގަތުމުންނެވެ. ދިޔަމިގިލީ ޚާންދާނުގެ ރަސްރަސްކަލުން އެކަން ކުރެއްވިއެވެ. ދައުލަތުން ޚަރަދުވެސް ކުރެެއްވިއެވެ. ހުރަވީންގެ ރަސްކަމުގެ ޒަމާނުގައި އެވެރިންވެސް މިކަން ދެމެހެއްޓިއެވެ. ކޮންމެއަކަސް ޒިޔާރަތުގައި އޮންނެވި ތަކުރުފާނަކީ ތަންކޮޅެއްކުރިން ރަސްކަން ކުރެއްވި ދެއްވަދޫ ރަސްގެފާނުގެވެސް ވަރަށް ތިމާގެ ބޭކަލެކެވެ. ހަމައެގޮތަށް ހައްދުންމަތީ ފުނަދޫގައި ފަހުން ހުންނެވި ފޮނަދޫ ޚަތީބު ތަކުރުފާނުގެ ނަންފުޅުން މަޝްހޫރު އައްލާމާ މުހައްމަދު ސިރާޖުއްދީނުގެވެސް ވަރަށް ތިމާގެ ބޭކަލެކެވެ. މިކަންކަން މިހެންހުރީމާ އެ ތަކުރުފާނުގެ ޒިޔާރަތުގެ ހައިބަތު އުފުލިގެންދާން މަގުފަހިވިއެވެ. މީގެއިތުރުން މި ޒިޔާރަތާ ގުޅުވައިގެން ދެކެވޭ ބައެއް ވާހަކަ ވާހަކަޔަކީވެސް މީސްތަކުން މިޒިޔާރަތުގެ ހައިބަތު ގަބޫލުކުރަން މެދުވެރިވި އެއްސަބަބެވެ. މީގެތެރެއިން އެއްވާހަކަ މިތަނުގައި ބަޔާންކުރުން އެދެވިގެންވާކަމަށް ދެކެމެވެ.

އެއީ ކޮޅުމަޑުލު ކޮންމެވެސް ރަށެއްގެ ބަޔަކު ކަނިމީދޫއަށް އަރައި ޒިޔާރަތުގެ ފުރާޅުން ބައެއް ނައްޓާލައިގެން ގެންދަނިކޮށް ކަނޑުމަތިން ކުއްލިއަކަށް ވަރުގަދަ އޮއިވަރެެއް އުފެދި ދޯނި އަޑިއަށް ދަމައިގަތް ވާހަކައެވެ. ތެދެއް ދޮގެއް ނޭގެއެވެ. ކޮންމެގޮތެއްވިޔަސް އެއީ ޒިޔާރަތުގެ ބަރަކާތްތެރިކަމާ ގުޅިފައިވާ ކަމެއްކަމަށް އެދުވަސްވަރުގެ ގިނަބަޔަކު ގަބޫލުކުރިއެވެ. ކޮންމެއަކަސް ގަނޑުވަރު މުހައްމަދު ބޮޑުފުތް ތަކުރުފާނު އަވަހާރަވެގެން ކަނިމީދޫގައި ފަސްދާނުލެވުނުތާ މިހާރު 285 އަހަރު ވީއެވެ. އެތަކުރުފާނުގެ އައުލާދު ވަރަށް ފުޅާކޮށް އައްޑުއަތޮޅާއި ފުވައްމުލަކުގައި ފެތުރިފައިވެއެވެ. ދާދިފަހުން ކޮޅުމަޑުލަށް ކުރިދަތުރެއްގައި ކަނިމީދޫއަށް ފައިބައި ބޮޑުފުތް ތަކުރުފާނުގެ މަގުބަރާއަށް ޒިޔާރަތް ކުރުމުގެ މަގުސަދަކީ އެ ޒިޔާރަތް ދެމެހެއްޓުމުގެ ހުއްޖަތު ގާއިމުކުރުމެއް ނޫނެވެ. އެތަކުރުފާނުގެ އައުލާދަށް ނިސްބަތްވާކަން ދެއްކުމެއްވެސް ނޫނެވެ. ރާއްޖޭގެ ތައުލީމަށް އެތަކުރުފާނު ކުރެއްވި ޚިދުމަތް ފެންނާންހުރީމާ އެތަކުރުފާނުގެ ޒިކުރާ ކޮންމެވެސް ގޮތަކުން އައުކުރުމެވެ.