ހުޅުމާލޭ ފޭސް ދޭއްގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވަން އުޅުނު "ކޮތަރުކޮށި" ޖަލްސާ ކާނިވަލް ސަރަހައްދުގައި ބާއްވަން ނިންމައިފިއެވެ.
ކޮތަރުކޮށި ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ނިންމީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައެވެ. ނަމަވެސް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ޖަލްސާ ނުބޭއްވޭނެކަން އަންގައި ފުލުހަށް އެމައްސަލަ ހުށަހަޅައިފައެވެ. އަދި ފުލުހުން ވަނީ ޖަލްސާ ބޭއްވުމަށް ހުރަސް އަޅައި، އެޗްޑީސީގެ ހުއްދަނެތި އެ ޖަލްސާ ނުބޭއްވޭނެކަން އަންގައިފައެވެ. އެހެންވެ އިދިކޮޅު ކޯލިޝަނުން ފަހުން ނިންމީ އެ ޖަލްސާ އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވުމަށެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ދެންމެ ވިދާޅުވީ އުސްފަސްގަނޑު ސަރަހައްދުގައި ޖަލްސާ ބާއްވަން ނިންމައި އެކަން އެންގުމުން، އެއީ ސަރުކާރު ބިމެއް ކަމަށާއި އެތަނަށް ކަރަންޓު ވެސް ގުޅައި ނުދޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން "ކޮތަރު ކޮށި" ޖަލްސާ ކަނީވަލް ސަރަހައްދުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
މިއަދު ހަވީރު ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޖަލްސާ ބާއްވަން އުޅުނުތަން ބަދަލުކުރީ ގޮތްދޫކުރުމުގެ ގޮތުން ނޫން ކަމަށާއި އެހެން ނަމަވެސް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްއަކީ އަބަދުވެސް ގާނޫނުތަކަށް ބޯލަނބާ ޕާޓީއެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވެސް ގާނޫނުތަކާ އެއްގޮތަށް އުޅުއްވާ ބޭފުޅެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ ހިޔާ ފްލެޓު ސަރަހައްދަށް އައުމުން ފެނުނީ ވަރަށް ހިތްދަތި ކަންތައްތަކެއް ކަމަށާއި އެތަނުގައި ސެކިއުރެޓީ ނުބެލެހެއްޓި "ވާނެއްޗެއްވާން" ސަރުކާރުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހިޔާ ފްލެޓްގައި މީހުން އުޅޭ ހާލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފެނިވަޑައިނުގަންނަވާ ކަމަށާއި ސަރުކާރުން ހިޔާ ފްލެޓުތަކަށް ޒިޔާރަތްވެސް ނުކުރާ ކަމަށެވެ.
ވިދާޅުވީ ސަރުކާރުން "ކޮތަރުކޮށި" ޖަލްސާ ހުއްޓުވަން އުޅެނީ ރައީސް ޔާމީނު އެ ސަރަހައްދަށް ވަޑައިގަންނަވާތީ، އެކަން ހަޖަމުނުވެގެން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު ޕްރެސްގައި ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އެމްޑީޕީން އުޅޭ "ފާޑަށް" ނޫޅޭނެ ކަމަށެވެ. އެމްޑީޕީގެ ގޮތަށް ސިޔާސީ ހަރަކާތް ހިންގަން ގާނޫނުތަކާ ހިލާފުނުވާނެ ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ދެ އިދާރާއެއްގެ މެދުގައި ހިނގާ އަރައިރުމެއްގެ ތެރެއަށް ޕާޓީގެ ސަޕޯޓަރުން ވައްދަން ބޭނުން ނުވުމަކީވެސް ޖަލްސާ ބާއްވާތަން ބަދަލުކުރި އެއް ސަބަބު ކަމަށެވެ.
"ކޮތަރުކޮށި" ޖަލްސާ ހުޅުމާލެ ފޭސް ދޭއްގައި ބާއްވަން މާލޭ ސިޓީ ކައުންސިލުން ހުއްދަ ދިނުމުން އެޗްޑީސީއިން ވަނީ ޖަލްސާ ނުބޭއްވޭނެ ކަމަށް ބުނެފައެވެ. އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ދެވޭނީ އެ ކުންފުންޏަށް ކަމަށާއި މީގެ ކުރިން ވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ. އެޗްޑީސީއިން އެގޮތަށް ބުނެފައިވަނިކޮށް މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީ، ހުޅުމާލޭގެ ރަޖިސްޓްރީން ވަކިކޮށްފައެވެ. އެ މައްސަލަ އެޗްޑީސީން ވަނީ ސިވިލް ކޯޓަށާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު