ލާމަރުކަޒީ ގާނޫނު ބުނާގޮތުން ހުޅުމާލެ ބިމުގެ މިލްކުވެރިކަން އޮތީ އެޗްޑީސީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަދު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގައި އެންމެ އިސްކޮށް ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ނިޔާޒު ވިދާޅުވީ، ގާނޫނުގައި ބުނާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅުއްވިއިރު ހުޅުމާލެ އާއި ވިލިމާލެވެސް މާލޭގެ އިހްތިސޯސްގައި ހިމަނުއްވާފައިވާ ކަމަށެވެ.

ނަމަވެސް ލާމަރުކަޒީ ގާނޫނު ވުޖޫދު ކުރުމުގެ ކުރިން ސަރުކާރުގެ އިދާރާތަކާއި ސަލާމާތީ ބޭނުމަށް ޓަކައި ރަޖިސްޓްރީ ކޮށްދީފައިވާ ބިންތައް އެ ގާނޫނުގެ ދަށުން އިސްތިސްނާވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގާނޫނުގައި އެގޮތަށް ކަނޑައެޅީވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ބަލައި މަޖިލިސް މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވެގެން އަޅުގަނޑުމެން އެ ގާނޫނަށް އަމަލު ކުރުމުގެ ކުރީގެ ރަޖިސްޓްރީތަކުގެ ވާހަކަ އެހާ ސާފުކޮށް ބުނެފައި އެވަނީ ވެސް، އެޗްޑީސީގެ ވާހަކަ ބުނާކަށްވެސް ނޫން، ކޯޓުތަކުގެ ރަޖިސްޓްރީ އޮންނަނީ އެކަމާބެހޭ ދައުލަތުގެ އިދާރާގައި، ސްކޫލްތަކުގެ ރަޖިސްޓްރީ އޮންނަނީ އެޑިއުކޭޝަން މިނިސްޓްރީގައި ހެލްތު ސެންޓަރުތަކުގެ ރަޖިސްޓްރީ އޮންނާނީ ހެލްތު މިނިސްޓްރީގައި އެތަންތަން ކައުންސިލްތަކުގެ ދަށަށް ނަގައި މިސާލަކަށް އެރަށުގައި ކޯޓެއް އަޅާނެ ޖާގައެއް ނުދީފިއްޔާ ދެން ނިކުމެދާނެ ދަތިތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކައިފަ އެގޮތަށް އެމާއްދާ ކަނޑައެޅީ،" ނިޔާޒު ވިދާޅުވިއެވެ.

ހުޅުމާލޭގެ ބިންތަކަކީ އެޗްޑީސީގެ ބިންތަކެއްގެ ގޮތުގައި ކަނޑައަޅައި ސަރުކާރުން ހަދާފައިވާ އެގްރީމެންޓް ބާތިލު ކުރުމަށް މާލޭ ސީޓީކައުންސިލުން ނިންމި ނިންމުމާ ގުޅިގެން، ނިޔާޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ތަނެއް ނުލިބުމުން އެތަނުގެ ރަޖިސްޓްރީ ބާތިލު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އެޗްޑީސީގެ ކަންކަން ސިޓީ ކައުންސިލުން ހިންގޭ ގޮތަށް އެމްއޯޔޫއެއް ހަދައިގެން އެކަން ކުރެވެން އެބަ އޮތް ކަމަށާއި ނަމަވެސް ސިޓީކައުންސިލުން އެކަން ކުރަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލުން އެދޭ ގޮތަށް އެޗްޑީސީގެ މުވައްޒިފުންނާއެކު އެ މަސައްކަތްތައް ސިޓީކައުންސިލްގެ އޮނިގަނޑަށް ބަދަލު ކުރުމަކީ މުވައްޒަފުންނަށްވެސް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެޗްޑީސީގެ އެންމެ ދަށް މުވައްޒަފަށް މިހާރުވެސް އާމްދަނީގެ ގޮތުގައި 15000 ރުފިޔާ ލިބޭއިރު އެ އަދަދަކީ، ސިޓީ ކައުންސިލަށް ބަދަލުކޮށް ސިވިލްސާވިސް ކޮމިޝަންގެ އޮނިގަނޑުގެ ތެރެއަށް އެތަން ބަދަލުވުމުން ލިބޭނެ އާމްދަނީއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ ހުށަހެޅުމަކީ އެއްބަސްވުމެއްގެ ތެރެއިން ސިޓީ ކައުންސިލްގެ ދައުރު އޮންނަ ގޮތަށް ކުންފުނި (އެޗްޑީސީ)ގެ ހަރަދުގައި ދައުލަތުގެ ބަޖެޓަށް ވެސް ނުލައި މުނިސިޕަލް ހިދުމަތް ދޭނެ ގޮތަކަށް ހިނގާށޭ ވާހަކަދައްކަން ނަމަވެސް އެގޮތަށް ސިޓީކައުންސިލުން އެއްބަހެއް ނުވޭ،" ނިޔާޒު ވިދާޅުވިއެވެ.

ކޮތަރުކޮށި ޖަލްސާގެ ނަމުގައި ހުޅުމާލެ ފޭސް ދޭއްގައި ޕީޕީއެމުން ޖަލްސާއެއް ބާއްވަން މާލޭ ސިޓީކައުންސިލުން ހުއްދަ ދިން މައްސައިގައި ނިޔާޒު ވިދާޅުވީ، އެކަން ކުރެވޭނީ އެޗްޑީސީން ހުއްދަ ދީގެން ކަމަށެވެ. މާލޭ ސިޓީކައުންސިލުން މިހާތަނަށް ކަންތައް ކުރަމުން އައީވެސް އެގޮތަށް ކަމަށާއި، ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދު އެކެއްގައި މާލޭސީޓީކައުންސިލުން ހުއްދަ ދީގެން މިހާރު ބާއްވަމުން އަންނަ ނައިޓް މާކެޓަކީވެސް އެޗްޑީސީއަށް ހުށަހަަޅައިގެން އެޗްޑީސީން ހުއްދަ ދީގެން ސިޓީކައުންސިލުން ދޫކޮށްފައިވާ ތަނެއް ކަމަށްވެސް ވިދާޅުވިއެވެ.