ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް ސްޓޭޖު ނިންމާލި ފުރަތަމަ އިނގިރޭސި ޓީމަކަށް ލިވަޕޫލްވި އިރު، ގްރޫޕް ބީގެ ފަހު ޖާގަ އެތުލެޓިކޯ މެޑްރިޑުން ހޯދައިފިއެވެ.
މިއަހަރު ޗެމްޕިއަންސް ލީގުގެ މަރުގެ ގްރޫޕަކީ ގްރޫޕް ބީގެ ގޮތުގައި މުބާރާތް ފެށިއިރު ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ލިވަޕޫލާއި އޭސީ މިލާންގެ އިތުރުން އެތުލެޓިކޯ މެޑްރިޑް އަދި ޕޯޓޯ އެ ގްރޫޕުގައި އޮތުން އެއީ އެފަދަ ގޮތަކަށް ގްރޫޕް ސިފަވި ސަބަބެވެ. އެ ނުރައްކާތެރި ގްރޫޕުގެ ތެރެއިން އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ލިވަޕޫލް ދިޔައީ އުނދަގުލަކާވެސް ނުލައެވެ.
ގްރޫޕް ސްޓޭޖުގައި ލިވަޕޫލުން ކުޅުނު ހަ މެޗުން އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ އާދަޔާހިލާފު ވަރުގަދަ ނަތީޖާއެކެވެ. ހާއްސަކޮށް ލީގުގައިވެސް ފޯމުގައި ކުޅެ، ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކުރުމުން ލިވަޕޫލްގެ ފެންވަރު ވަރަށް ސާފެވެ. ލިވަޕޫލް ގްރޫޕް ފަހަނައަޅައި ދިޔައީ ފަސޭހަކޮށް ނަމަވެސް އަނެއް ތިން ޓީމު ފެނުނީ ވާދަވެރި ކޮށެވެ. ރޭގެ މެޗަށް ނުކުތް އިރު އަނެއް ތިން ޓީމަށްވެސް ދެވަނަ މަގާމުގެ ފުރުސަތު އޮތެވެ.
އެތުލެޓިކޯއިން މޮޅުވާން މަޖުބޫރު މެޗަކަށް ރޭ ޕޯޓޯއާ ދެކޮޅަށް ނުކުމެ، 3-1 އިން މެޗު ކާމިޔާބުކުރި އިރު، ލިވަޕޫލުން މިލާން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ޕޯޓޯ ޔޫރޮޕާއަށް ދިޔަ އިރު، އޭސީ މިލާނަށް ލިބުނީ ގްރޫޕުގެ ފުލެވެ.
ގަދަ 16 ޔަގީންވެފައި އޮވެ މެޗަށް ނުކުތް ލިވަޕޫލް ޓީމު ރޭގެ މެޗަށް ނެރުނީ ތަފާތު ފުރަތަމަ 11 އެކެވެ. ލީގުގައި އެންމެފަހުން ކުޅުނު މެޗާ އަޅައި ބަލާ އިރު، ކޯޗު ޔާގަން ކްލޮޕް ވަނީ ފުރަތަމަ 11 އަށް އަށް ބަދަލެއް ގެނެސްފައެވެ. މެޗު ފެށިގެން 29 ވަނަ މިނެޓުގައި އޭސީ މިލާންގެ ފިކަޔޯ ޓޮމޯރީ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، ހާފު ނިމުމުގެ ކުރިން މުހައްމަދު ސަލާހް ވަނީ ލިވަޕޫލަށް އެއްވަރު ކޮށްދީފައެވެ.
ލިވަޕޫލް މޮޅުކޮށްދިން ގޯލް ރޭގެ މެޗުގައިވެސް ޖެހީ ޑިވޯކް އޮރީގީއެވެ. މިދިޔަ ހަފުތާ ތެރޭ ލީގުގައި ލިވަޕޫލުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނެޓުގައި ގޯލް ޖަހައި އެމެޗުން ލިވަޕޫލް މޮޅުކޮށްދިނީވެސް އޮރީގީއެވެ.
ޕޯޓޯ އާއި އެތުލެޓިކޯ ރޭ ކުޅުނު މެޗު ފެނުނީ ފޯރިގަދަ ކޮށެވެ. ދެ ރަތް ކާޑު މެޗުގައި ފެނިފައިވާ އިރު، ފުރަތަމަ ރަތް ކާޑަކީ 67 ވަނަ މިނެޓުގައި އެތުލެޓިކޯގެ ޔަނިކް ކަރެސްކޯއަށް ރެފްރީ ދެއްކި ރަތް ކާޑެކެވެ. އޭގެ ތިން މިނެޓު ފަހުން މެޗު ހޫނުވެ، ޕޯޓޯގެ ވެންޑެލްއަށް ރަތް ކާޑު ދެއްކިތަންވެސް ފެނުނެވެ. އޭގެ އިތުރުން މެޗުގެ 90 މިނެޓު ފަހުން ތިން ގޯލު މެޗުގައި ފެނުނުކަންވެސް ފާހަގަވިއެވެ.
ރޭގެ މެޗުގެ 13 ވަނަ މިނެޓުގައި އެތުލެޓިކޯގެ ފޯވަޑް ލުއިސް ސުއަރޭޒްއަށް އަނިޔާވެ އޭނާ ބާލަން ޖެހުނެވެ. ސުއަރޭޒްގެ ބަދަލުގައި މަތިއަސް ކޫނިއާ މެޗަށް ނުކުމެފައިވާ އިރު، މެޗުގެ ފުރަތަމަ ގޯލް އެންޓޮއިން ގްރީޒްމަން ޖެހީ 56 ވަނަ މިނެޓުގައެވެ. އެހިސާބުން މެޗު ހޫނުވެ، ކާޑުތައް ގިނަކޮށް ފެނުނު އިރު، 90 ވަނަ މިނެޓުގައި އެންޖަލް ކޮރެއާ ވަނީ އެތުލެޓިކޯގެ ލީޑު ފުޅާކޮށްފައެވެ. އަދި އޭގެ ދެ މިނެޓް ފަހުން އާޖެންޓީނާގެ ރޮޑްރީގޯ ޑި ޕައުލް ވަނީ އެތުލެޓިކޯގެ ތިންވަނަ ގޯލްވެސް ޖަހައިފައެވެ.
މެޗުގައި ޕޯޓޯގެ ހަމައެކަނި ގޯލް މެޗުގެ ފަހު މިނެޓުގައި ޖެހީ ސާޖިއޯ އޮލިވިއެރާއެވެ. އެ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު