ކުޅިވަރު

މެސީ އާއި އެމްބާޕޭ ތަފާތު ދައްކައިފި، އެއްވަނަ ލިބުނު ނަމަވެސް ސިޓީ ނިންމާލީ ބައްޔަކުން

ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭ ގައި މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުން ބަލިވެ އެއްވަނަ ލިބުނު އިރު، ޕީއެސްޖީން ކްލަބު ބްރޫޖު ބަލިކޮށް ގްރޫޕް ސްޓޭޖު ނިންމާލައިފިއެވެ.

ގްރޫޕް އޭގެ ފަހު ދެމެޗު ރޭ ފުރަތަމަ ކުޅުނު އިރު، ޕީއެސްޖީން ބްރޫޖުގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ސިޓީން ޖަރުމަނުގައި ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ސިޓީ މެޗުގައި އިނގިރޭސި ޑިފެންޑަރު ކައިލް ވޯކާއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.

ރޭގެ މެޗުތަކަށް ނުކުތް އިރުވެސް ސިޓީއާއި ޕީއެސްޖީއަށް އޮތީ ގަދަ 16 ޔަގީން ވެފައެވެ. ސިޓީއަށް ގްރޫޕްގެ އެއްވަނަވެސް ޔަގީންވެފައި އޮތުމުން ލެއިޕްޒިގާ ދެކޮޅަށް ޕެޕް ގާޑިއޯލާ ނެރުނީ އެންމެ ވަރުގަދަ 11 އެއްވެސް ނޫނެވެ. އާންމުކޮށް ސިޓީގެ ފަހަތުން ފެންނަ ރުބެން ޑިއާޒްގެ ބަދަލުގައި ނެތަން އަކޭއަށް ފުރުސަތު ދީފައިވާ އިރު، މި ސީޒަންގައި އެންމެ ފޯމު ރަނގަޅުކޮށް ސިޓީން ފެނުނު ޖައޯ ކަންސެލޯގެ ބަދަލުގައި ރޭގެ މެޗަށް ނުކުތީ ޒިންޗެންކޯއެވެ. އޭގެ އިތުރުން މެޗުގެ ފުރަތަމަ 11 އަށް ނުކުތީ އެމެރިކާގެ ގޯލްކީޕަރު ޒެކް ސްޓެފަން އެވެ.

މެޗުގެ ކުރީކޮޅުގައި ލެއިޕްޒިގަށް ލީޑު ނަގައިދިނީ ހަންގޭރީގެ ތަރި ޑޮމިނިކް ޒޮބޮލްސްޒްލާއީ އެވެ. ޒޮބޮލްސްޒްލާއީ އަކީ މިހާރު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އެންމެ ގަދައަށް ލޯ އަޅަމުން އަންނަ އެއް ކުޅުންތެރިޔާއެވެ. ހާއްސަކޮށް މިއަހަރުގެ ޔޫރޯ ފަހުން ޒޮބޮލްސްޒްލާއީ އަށް ބަލަމުން އަންނަ ކްލަބުތައް ގިނައެވެ.

ދެވަނަ ހާފްގައި އަންދްރޭ ސިލްވާގެ ގޯލަކުން ލެއިޕްޒިގް ނަތީޖާ ފުޅާކުރި އިރު، ސިޓީގެ ހަމައެކަނި ގޯލް ޖަހަދިނީ ރިޔާދު މަހަރޭޒް އެވެ. ވޯކާއަށް މެޗުގައި ރަތް ކާޑު ދެއްކީ 82 ވަނަ މިނެޓުގައެވެ.

ޕީއެސްޖީން އަމިއްލަ ދަނޑުގައި ބްރޫޖާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހަތް މިނެޓު ތެރޭގައި ކިލިއަން އެމްބާޕޭ ވަނީ ދެ ގޯލު ޖަހައިފައެވެ. އެ ދެގޯލާއެކު އެމްބާޕޭ ޗެމްޕިއަންސް ލީގުގައި ޖެހި ގޯލުގެ އަދަދު 31 އަށް އަރާފައިވާ އިރު، އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި 30 ގޯލު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

މެޗުގެ ފުރަތަމަ ހާފްގައި މެސީ އޭރިއާ ބޭރުން ޖެހި ހިތްގައިމު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، އޭނާ ޖެހި ދެވަނަ ގޯލަކީ ޕެނަލްޓީއެކެވެ. ޕީއެސްޖީން ރޭގެ މެޗަށް ނުކުތީ އަނިޔާގައި ހުރި ނޭމާއާއި ސާޖިއޯ ރާމޯސްވެސް ނުލައެވެ.