ފިނި މޫސުމާ ދިމާކޮށް ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

ތުރުކީގެ ގައުމީ އެއާލައިނުން ރާއްޖެއަށް މިހާރުވެސް އަންނަނީ ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވަމުންނެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ, ފިނިމޫސުމާ ދިމާކޮށް ފްލައިޓުތައް އިތުރުކުރުމަށް ސްލޮޓްތައް ދޫކުރާ ކަމަށެވެ. އެގޮތުން ޓާކިޝް އެއާލައިނުން މިހާރު ހަފުތާއަކު 11 ފްލައިޓު ބާއްވަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ބަދަލާއެކު ކޮންމެ ހޯމަ, އަންގާރަ, ބުރާސްފަތި އަދި ހޮނިހިރު ޓާކިޝް އެއާލައިންސް އިން މާލެއާއި އިސްޓަންބުލްއާ ދެމެދު ދެ ފްލައިޓެއް ބާއްވާނެއެވެ.

ފިނިމޫސުމާ ދިމާކޮށް ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ރާއްޖެއަށް ބާއްވާ ފްލައިޓުތައް އިތުރު ކުރެއެވެ. އަދި ގިނަ ޗާޓަރު ފްލައިޓުތަކެއްގެ ދަތުރުތައްވެސް ފަށައެވެ.