ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް

އޭޖީ އޮފީހުގެ ޑިރެކްޓަރަކު ޕްރޮކިއުމެންޓަށް ބަދަލުކުރި މައްސަލަ 21 ދުވަސް ތެރޭ ހައްލުކުރަން އަމުރު ކޮށްފި

އިބްރާހިމް ޒަކީ

އެޓާނީޖެނެރަލް އޮފީސް (އޭޖީ އޮފީސް)ގެ ކްލެމެންސީ ބޯޑުގެ ސެކްރެޓޭރިއަޓް ޔުނިޓުގެ އެސިސްޓަންޓް ޑިރެކްޓަރު ސައުދޫން އަބޫބަކުރު އެ އޮފީހުގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި 21 ދުވަހުގެ ތެރޭގައި އެކަން ހައްލު ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.

މި މައްސަލައާ ގުޅިގެން ސިވިލްސާވިސް (ސީއެސްސީ) ގެ މައްޗަށް ފަސް ކަމަކަށް އަމުރު ކޮށްދިނުމަށް ސައުދޫން ވަޒީފާއާބެހޭ ޓްރައި ބިއުނަލަށް ހުށަހެޅިއެވެ.

އެގޮތުން 8 ޑިސެންބަރު 2020 އިން ފެށިގެން ކްލެމެންސީ ބޯޑުގެ ސެކްރެޓޭރިއަޓް ޔުނިޓުގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއާ ގުޅުމެއް ނެތް ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގެ ވަޒީފާއަކަށް ބަދަލުކޮށްފައިވާތީ އާއި، އޭނާ ހުރި މަގާމުގެ މަސްއޫލިއްޔަތު ތަކާއި ނުގުޅޭ ކަންތައްތަކެއް އާ ވަޒީފާ ބަޔާނުގައި ހިމަނާފައިވާ ސަބަބު ސާފުކުރުމަށް 17 ޖަނަވަރީ 2021 ގައި އެ އޮފީހުގެ ޕާމަނެންޓް ސެކްރެޓަރީއަށް ކުރި މެއިލްއަށް ޖަވާބު ދިނުމުގެ ބަދަލުގައި 18 ޖަނަވަރީ 2021 ގައި އަނގަ ބަހުން ނަސޭހަތްދީފައިވާތީ، ސައުދޫންގެ ވަޒީފާއަށް ބަދަލު ގެނެސްފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް ޖަވާބުދާރީ ވުމުގެ ފުރުސަތެއް ނުދީ ކަމަށް ކަނޑައަޅައިދިނުމަށް ވަނީ ހުށަހަޅައިފައެވެ.

ސައުދޫންގެ ވަޒީފާއަށް ސީއެސްސީން ބަދަލު ގެނެސްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާއަށް ގެނެސްފައިވާ ބަދަލު ބާތިލުކޮށްދިނުމަށާއި، ކްލެމެންސީ ބޯޑުގެ ސެކްރެޓޭރިއަޓް ޔުނިޓުގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމަށް ރުޖޫއަ ކޮށްދިނުމަށާއި، އޭނާއާމެދު އަނގަ ބަހުން ނަސޭހަތް ދީ އަޅާފައިވާ އިސްލާހީ ފިޔަވަޅަކީ ސީއެސްސީގެ ގަވާއިދާ ހިލާފަށް އަޅާފައިވާ ބާތިލު ފިޔަވަޅެއްކަމުގައި ކަނޑައަޅައިދިނުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

އެ ފިޔަވަޅުތަކާ ގުޅިގެން ސައުދޫންގެ ޕާސަނަލް ފައިލް ގައިވާ ލިޔުންތައް އުނިކުރުމަށް ސީއެސްސީގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އެ ކޮމިޝަންގެ އަމަލު ތަކުގެ ސަބަބުން އޭނާއަށް އިތުރަށް ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.

މި މައްސަލައާ ބެހޭގޮތުން ޓްރައިބިއުނަލުން މިދިޔަ ބުރާސް ފަތި ދުވަހު ނިންމި ނިންމުމުގައި ވަނީ، ސައުދޫން ވަޒީފާ އަދާކުރާ ސެކްޝަން ބަދަލުކޮށްފައި ވަނީ އިދާރީ ގޮތުން އޮފީސް ހަރުދަނާ ކުރުމަށް ކަމަށް މައްސަަލަ ރައްދުވާ ސީއެސްސީން ބުނި ނަމަވެސް އެކަމުގައި ސީއެއްސީން އަމަލުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންކަމުން ވަޒީފާއަށް ގެނެސްފައިވާ އެ ބަދަލު ބާތިލު ކުރުމަށްފަހު ސައުދޫން އަދާކުރަމުންދިޔަ މަގާމަށް އޭނާ އަލުން އަނބުރާ ރުޖޫއަ ކުރުމަށް ސީއެސްސީގެ މައްޗަށް އަމުރު ކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ސައުދޫންއަށް އަޅާފައިވާ އިސްލާހީ ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އަޅާފައިވާ ފިޔަވަޅެއްކަމުގައި ބުރަ ނުވެވޭ ކަމަށާއި، އެ ފިޔަވަޅަކީ ސީއެސްސީގެ ގަވާއިދާއި ގާނޫނީ އު އޫސޫލުތަކާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައި، 18 ޖަނަވަރީ 2021 ގައި ސައުދޫން އަށް އަނގަބަހުން ދީފައިވާ، ނަސޭހަތަކީ އޭނާއަށް އަޅާފައިވާ ބާތިލު ފިޔަވަޅެއް ކަމަށް ކަނޑައަޅައި، އެ ފިޔަވަޅާ ގުޅޭ ރެކޯޑުތައް ސައުދޫންގެ ޕާސަނަލް ރެކޯޑް ފައިލުން އުނިކުރުމަށްފަހު، ޓްރައިބިއުނަލުން ކޮށްފައިވާ އަމުރުތައް 21 ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށް ސީއެސްސީގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރު ކޮށްފައެވެ.