މީހަކު ވަޒީފާއިން ވަކިކުރި މައްސަލައަށް ޖަވާބުދާރީވާން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފަރާތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)އަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އެޗްޑީސީގެ ޑިޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް ރ. އަލިފުށީ، ޕްލާޒާ، ފާތިމަތި އަސްފާ، 11 ޖެނުއަރީ 2026 ގައި ވަޒިފާއިން ވަކިކުރުމުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

އެޗްޑީސީއާ ދެކޮޅަށް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އަސްފާ ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި، ތުހުމަތުކުރެވޭ ކަމަކާ މެދު ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތި، ވަޒީފާއާގުޅޭ ކަންކަމުގައި އަމުލު ކުރަންޖެހޭ އުސޫލުތަކާއި، ތަބާވާންޖެހޭ އިޖުރާއަތާއި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ.

އެހެންކަމުން އޭނާއަކީ އެޗްޑީސީގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކި ކުރުމުން އޭނައަށް ލިބިފައިވާ އަދި ލިބެމުންދާ މާލީ ގެއްލުމުގެ ބަދަލު އެޗްޑިސީގެ ކިބައިން މިހިނދުން މިހިނދަށް އެކީ އެއްފަހަރާ ލިބިދިނުމަށް އަމުރުކޮށްދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވަނީ ގައިރު ގާނޫނީ ގޮތެއްގައި މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތި ކަމަށް ކަނޑައަޅައިދީ ވަޒީފާއިން ވަކި ކުރުމުން އުުފުލަން ޖެހުނު ވޭނާއި ތަކުލީފާއި މައުނަވީ ގެއްލުމަށް ރިއާޔަތް ކޮށްދެއްވައި ނޮމިނަލް ޑެމޭޖާސްގެ ގޮތުގައި ޓްރައިބިއުނަލުން ކަނޑައަޅާ އަދުލުވެރި ބަދަލެއް ލިބިދިނުމަަަށް ޓްރައިބިއުނަލްގައި އޭނާ ވަނީ ޓްތައިބިއުނަލްގައި އެދިފައެވެ. އަދި އޭނާ ވަޒީފާގައި ބެހެއްޓުމަށް އަމުރުކޮށް ދިނުމަށާއި، ވަޒިފާ އިއާދަކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އަހަރީ އިނާޔަތާއި، އެންމެހާ އިނާޔަތްތަކަކީ އެޗްޑީސީން އޭނާއަށް ށްދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން އޭނާ ވަޒިފާއިން ވަކިކޮށްފައިވަނީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމުގައިވާތީ ޓްރައިބިއުނަލުން ކަނޑައަޅާ އަދުލުވެރި ބަދަލެއް ނަގައި ދިނުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް އޭނާއަށް ދީފައިވާ ޗިޓަކީ ބާތިލު ޗިޓެއްކަަމަށް ކަނޑައަޅައިދީ، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާއާބެހޭ ގާނޫނާހިލާފަށް ވަޒީފާއިން ވަކި ކުރުމުގެ ސަަބަބުން ގާނޫނީގޮތުން އެހީކަން ހޯދުމަށާއި މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް ގާނޫނީ ވަކީލުންނަށް ހަރަދު ކުރަންޖެހުނު 20،000 ރުފިޔާ އެޗްޑީސީން ނަގައިދިނުމަށާއި މިދިޔަ ޑިސެމްބަރުމަހާއި، ޖެނުއަރީ މަހުގެ މުސާރަ ދީފައިނުވާތީ އެ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ވަގުތުން ދިނުމަށް އެޗްޑީސީއަށް އަމުރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

މި މައްސަލައަށް ޖަވާބުދާރީވާން އެޗްޑީސީއަށް ދިން ފުރުސަތުގައި، މައްސަލަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށްބުނެ، އެޗްޑީސީން އިޖުރާއީ ނުކުތާއެއް ނެގިއެވެ.

އެ ނުކުތާގައި އެޗްޑީސީން ބުނީ އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ކުރިން އަސްފާގެ ފަރާތުން އެ މައްސަލަ އެޗްޑީސީގައި ގާއިމުކޮށްފައިވާ ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ކޮމިޓީން އެ މައްސަލަ ނިންމުމުގެ ކުރިން، މައްސަލަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ނަމަވެސް މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ މި މައްސަލަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން 14 ދުވަހުގެ ތެރޭގައި މި މައްސަލައަށް ޖަވާބުދާރީވުމަށް އެޗްޑިސީއަށް އަންގާ އަމުރުކުރާ ކަމަށްވެސް ބުނެފައިވެއެވެ.