ސްކޫލެއްގެ ޕްރިންސިޕަލްކަމުގެ މަގާމު އަދާކުރަމުން ދިޔަ މީހަކަށް އެޅި ފިޔަވަޅަކާ ގުޅިގެން 537722 ރުފިޔާ، އެ މަގާމު އަދާ ކުރި މީހާއަށް ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ސިވިލް ސާވިސްއަށް ރައްދުވާގޮތަށް ތ. ކަނޑޫދޫ ރަބީއުގެ، ޝަހުލާ އަބްދުﷲ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

ޝަހުލާ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާއަކީ 2016 ވަނަ އަހަރުން ފެށިގެން ތ. ކަނޑުދޫ ސްކޫލްގެ ޕްރިންސިޕަލް މަގާމު އަދާކުރަމުންދިޔަ ފަރާތެއް ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމަށްފަހު، ނިއު ނޯމަލްގައި އަތޮޅުތަކުގެ ސްކޫލްތައް، އެކެއް ޖުލައި 2020 ގައި އަލުން ހުޅުވައި ސްކޫލުގެ ކިޔެވުން ފެށި ފުރަތަމަ ދުވަހު ޝަހުލާ ދ. ހުޅުދެލި ސްކޫލަށް ތިން މަސް ދުވަހަށް ބަދަލުކޮށް ފަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ސްކޫލްގެ މަސްއޫލިއްޔަތާ ހަވާލުވާން އެންގި ކަމަށެވެ.

އެއަށްފަހު ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެއް މަސް ދުވަހުގެ މުއްދަތަށް ޝަހުލާ އޮފީހަށް ނުކުތުން މަނާ ކުރި ކަމަށްވެސް ބުނެފައިވެއެވެ. އަދި ސަސްޕެންޝަންގެ މުއްދަތަށްފަހު އެއް އަހަރު ދުވަހަށް ތ. ވަނދޫ ސްކޫލަށް ބަދަލުކުރި ކަމަށާއި އެ ސްކޫލްގައި ވަޒީފާ އަދާކުރާތާ އެއް އަހަރު ހަމަވުމާ އެކު އިންސާފުން ބޭރުން ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް ސީއެސްސީން އޭނާގެ މަގާމު 15 އޮގަސްޓް 2021 އިން ފެށީގެން ވަންދޫ ސްކޫލަށް ދާއިމީކޮށް ބަދަލު ކުރި ކަމަށްވެސް ބުނެފައިވެއެވެ.

އެ ނިންމުމަކީ ގައިރު ގާނޫނީ ނިންމުމެއް ކަމަށްވާތީ އެ ނިންމުން ބާތިލް ކުރުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި 14 ޖޫން 2022 ގައި ނިންމައިފައި ވަނީ އެފަރާތުގެ ވަޒީފާ ބަދަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި، އެހެން ނަމަވެސް ޓްރައިބިއުނަލުގެ ނިންމުމަށް ގޮން ޖައްސައި އެ ނިންމުމާ އެއްގޮތަށް އަމަލު ނުކޮށް އެ ފަރާތުގެ ވަޒީފާ 2023 ވަނަ އަހަރު ނޮވެމްބަރު މަހާ ހަމައަށް ހިފަހައްޓާފައިވާ ކަމަށެވެ.

އެހެންކަމުން ޝަހުލާ ވަންދޫ ސްކޫލަށް ބަދަލު ކުރި ތާރީހު ކަމަށްވާ، 15 އޮގަސްޓް 2021 އިން ފެށިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިންމި ތާރީހު ކަމަށްވާ 14 ޖޫން 2022 ގެ ނިޔަލަށް އެ ފަރާތަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ސީއެސްސީގެ ފަރާތުން ދޭން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި ޓްރައިބިއުނަލުން މައްސަލަ ނިންމި ތާރީހު ކަމަށްވާ 14 ޖޫން 2022 އިން ފެށިގެން އޭނާ ވަޒީފާއަށް ނެރުނު ތާރީހު ކަމަށްވާ ފަހެއް ނޮވެމްބަރު 2024 ގެ ނިޔަލަށް އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކަކީ ސީއެސްސީން ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި ދިނުމަށް ވަނީ އެދިފައެވެ.

ދެފަރާތުގެ ހުށަހެޅުންތަކަށާއި ހެކިތަކަށް ރިއާޔަތް ކުރުމަށްފަހު، ޓްރައިބިއުނަލުން ނިންމާފައިވަނީ، 14 ޖުލައި 2022 އިން 11 ނޮވެމްބަރު 2023 ގެ ނިޔަލަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ސީއެސްސީން 537722 ރުފިޔާ ޝަހުލާއަަށް ނަގައިދިނުމަށް ކަނޑައަޅާ ކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހުގެ ކުރިން އެކީ އެއްފަހަރާ ޝަހުލާއަށް އެ ފައިސާ ދިނުމަށްފަހު، އެކަން ހަމަ ޖެހޭތާ ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިއުމުން އެންގުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ޓްރައި ބިއުނަލުން ވަނީ އަމުރުކޮށްފައެވެ.