ދިވެހިރާއްޖޭގެ ތާރީޚު

ރަށްވެހިކަމާއި ފުވައްމުލައް، ފެށިގެން އައި ގޮތް 2

މުނީރު ހަސަން، ޏ. ފުވައްމުލައް

(30 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ލުޠުފީ ފުވައްމުލަކަށް ވަޑައިގެންނެވި އިރު (22 ޑިސެންބަރ 1951) ފުވައްމުލަކުގައި ހުރި ސަރުކާރުގެ އިމާރާތްތަކަކީ ރައްޔިތުން 25 ފެބުރުއަރީ 1948 ގައި އުފެއްދި މާލިއްޔާގެއާއި، 14 ރަމްޟާން 1369 (މީލާދީން 30 ޖޫން 1950) ގައި ބިންގާ އަޅައިގެން ރާނަން ފަށާފައިވާ ރަށްވެރިގެއެވެ. މާލިއްޔާގެ ހުރީ ރަސްގެފަންނުން އަތިރިޔަށް އެރޭ އިރު ވާތް ފަރާތުގައި މިހާރު ހިކަރި އެ ހުރި ތަނުގައެވެ. ރަށްވެރިގެ ހުރީ މިހާރު ވެސް އެ ހުރި ތަނުގައެވެ. ފުވައްމުލަކު ރަށްވެރިގެއަކީ އެހައިތަނަށް ހުންނެވި ރަށްވެރިޔާ އަލްފާޟިލް އަލީ މޫސާ ދީދީ ރަށްވެރިގެއަކަށް ބިންގާ އެޅުއްވި އިމާރާތެކެވެ. ރަށްވެރިގެ ނިންމުމުގެ މަސައްކަތް އޭރު ދިޔައީ ކުރަމުންނެވެ.

އެ ދުވަހުގެ ހަވީރުވެގެން އައި އިރު ރަށު ތެރޭގައި ދެކެވޭން ފެށި ވާހަކައަކީ އަލްމަރުހޫމް އަލްއުސްތާޒު މުހަންމަދު އިބުރާހީމް ލުތުފީ ރަށްވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ވާހައެވެ. އަދި ރަށުގައި ދިގު މަގަކާއި ހުރަސް މަގަކާ ދެ މަގު ހަދަން ހަމަޖެހުނު ވާހަކައެވެ. އޮޑިއަށް ރަށަށް އާދެވުނު ދުވަސްވަރަކީ ރަށުގައި މަސްވެރިކަން ތިޔާގި ދުވަސްވަރެކެވެ. އަލްމަރުޙޫމް މުހަންމަދު ހަފީޒަކީ ރަށުގެ މަޝްހޫރު ކެޔޮޅެކެވެ. އެހެންކަމުން 22 ޑިސެންބަރ 1951 ދުވަހުގެ ރޭ އޭނާ ވެސް މަހަށް ދުރުވިއެވެ. މަހުން ލެފިއިރު ރަށުގެ މަސްވެރިންގެ ތެރެއިން މާނޭރަށް ލެފި މަސްވެރިން މަސް ނުބަހާ ބޭނި މަސްކޮޅު ކައިރީގައި އިށީނދެގެން ތިއްބެވެ. މަސް ނުބަހާ ތިބީ ކިހިނެތް ވެގެންތޯ އެއްސެވުމުން އެނގުނީ ރަށްވެރިކަމުގެ ފަރާތުން މީހަކު ނާންނަނީސް މަސް ނުބަހަން އެ ފަރާތުން އަންގަވައިގެން ތިބީކަމެވެ. ދަތުރުމަތީގައި އުފެދުނު ރައްޓެހިކަމުގެ ބޭނުން ހިއްޕަވައިގެން މަރުޙޫމް މުހަންމަދު ހަފީޒު މަރުހޫމް ލުތުފީ އަރިޔަހަށް ދުރުވުމުން މާލިމީ ކޮންކަމަކުހޭ އައްސަވައިފިއެވެ. މަސްކޮޅު ނުބެހި ތިބި ވާހަކަ ދެންނެވުމުން މީހަކު ފޮނުވައި ދެއްވެވިއެވެ. ދިޔަ މީހާ ގޮސް ކޮންމެ ދޯންޏަކުން ހަތަރު ބައިކުޅަ އެއް ބައި މާލިއްޔާގެއަށް ނަގައި އެބައި މާލިއްޔާގެއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ.

އެހެންކަމުން 23 ޑިސެންބަރު 1951 ވަނަ ދުވަހަކީ ރައްޔިތުންގެ އަތުން މާލިއްޔާގެއަށް މުދާ ނަންގަވަން ފެއްޓެވި ތާރީޚީ ދުވަހެވެ. އެހިސާބުން ފެށިގެން ރައްޔިތުން އުނުއޮރިޔާން ނިވައިކުރަން ގެންގުޅޭ ތަކެތި ފިޔަވައި އެހެން ތަކެތިން މާލިއްޔާގެއަށް ހަތަރު ބައިކުޅަ އެއް ބައި ދައްކަން ޖެހެއެވެ. އަދި ރުކަކުން ނުވަތަ ގަހަކުން އަޅައިކެނޑެނީ ވެރިކަމުގެ ފަރާތުން ކަނޑައަޅާ މީހެއްގެ ހާޒިރުގައެވެ. ރާއެރިން މަހަކު ތިން ބަދި ރާ ދައްކަންޖެހެއެވެ. މިގޮތަށް މާލިއްޔާގެއަށް ތަކެތި ނަގަން ފެށުމާއެކު އެ ދުވަސްވަރު ރަށުގައި ހިންގަމުން އައި ހަތަރު މަދުރުސާއިން އެންމެ މޮޅު ފަސް ދަރިވަރުން މާލިއްޔާގޭގެ ލިޔުންތައް ބަލަހައްޓަން ގެންދެވިއެވެ. އެ ފަސް މީހުންނަކީ މިސްކިތްމަގު އަލްމަރުހޫމް އަލިއުގެފުތުގެ އަލިދީދި (މިހާރުގެ މިސްކިތްމަގު ޖާދޫގެ)، އަލްމަރުޙޫމް ޢަބުދުﷲ މުސްތަފީދު (މިހާރުގެ ނަންރީތިގޭ)، ދަޑިމަގު ދޮންގަޑިގޭ އާމިނަތު ފުޘައިލާ (މިހާރު ކްރީމްގޭ)، ދަޑިމަގު މަޅަނބި ޚަދީޖާ ނަޢީމާ (މިހާރު ދަނބުރުއްމާގޭ)، އަލްމަރުޙޫމާ ފާތިމަތު ޒަރީނާ ފިޔާތޮށިގޭ މިއެވެ. މިއީ، ފުވައްމުލަކުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކާތިބުންގެ ގޮތުގައި ފުރަތަމަ ޚިދުމަތް ކުރެއްވި ފަސް ބެއިފުޅުންނެވެ. ރަށްވެހިކަމުގެ ދައުރު ނިމުނުއިރު މާލިއްޔާގެއިން އާންމުކޮށް އޭރު ރާއްޖެއިން ލިބެން ހުންނަހުރިހާ ބާވަތެއްގެ މުދަލެއް ގަންނަން ލިބެން ހުއްޓެވެ.

އެދުވަސްވަރު ފުވައްމުލަކުގައި ރޯނު ވެށުމާއި ކުނާ ވިއުމުގެ މަސައްކަތް ދަންނަ މީހުން ތިބީ ވަރަށް މަދު އަދަދަކަށެވެ. އާބާދީގައި 3000 މީހުން ހަމަނުވެއެވެ. ހިޖުރީ ގޮތުން 1365 ގައި ފުވައްމުލަކުގެ އާބާދީއަކީ 2525 މީހުންކަން ތަންގީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅުން އެނގެއެވެ. އެހެންކަމުން، އެ ދެ މަސައްކަތާއި ރޭނުމުގެ މަސައްކަތް ދަސްކޮށްދޭނެ މީހުން ހަމަޖައްސައި މަސައްކަތް ދަސްކޮށްދެމުން ގެންދެވިއެވެ. "ކުނާ" ގެ ނަމުގައި މަރިޔާގެ ދިޔެގެ (މިހާރު ހަޒާރުމާގޭ) ގޯތީގެ ކަސްތޫރިމާގެއާ ވީ ފަރާތުގައި ގެއެއް އަޅުއްވައި މަސައްކަތް ފެއްޓެވީ 27 ޖުމާދުލްއޫލާ 1371 (1952 މާރޗް 24) ގައެވެ. މަސައްކަތް ދަސްކޮށްދެނީ ގައްދޫން އައިސް ހުރި އެ މަސައްކަތުގެ ޚާއްސަ އެދުރެކެވެ. ހަމަ މި ތާރީޚުގައި ރޯނު ވެށުމުގެ މަސައްކަތް ދަސްކޮށްދޭން ވެސް ވަނީ ފަށާފައެވެ. ރޯނުގެ ހުރީ މިހާރު ދޫޑޭނރެ ގޯތި ތެރޭގައެވެ. މި މަސައްކަތް ދަސްކޮށްދޭން ހަމަޖެއްސެވީ އޭރު މި ރަށުގައި ހުރި ތ. އޮމަދޫ މީހަކާއި (އޮމަދޫ ދައިތަ) އައްޑު އަތޮޅު މީދޫ މީހެކެވެ. މި މީސްމީހުންގެ ނަންތައް އެނގޭނެ ގޮތެއް އަދި ވަނީ ނުވެފައެވެ.

އަލްމަރުޙޫމް އަލްއުސްތާޒު މުހަންމަދު އިބުރާހިމް ލުތުފީ ފުވައްމުލަކަށް ވަޑައިގެންނެވި އިރު ރަށުގައި އެކަށީގެންވާ މަގެއް ނެތެވެ. ދަޑިމަގު ގެންމިސްކިތް މަގު އޮތީ ސީދާކޮށް ހަދާފައެވެ. މި މަގު ހެއްދެވި އަލްމަރުޙޫމް އަލީ މޫސާދީދީގެ ރަށްވެރި ކަމުގައެވެ. ރަށުގެ މާލިއްޔާއެއް (ކުރިން ދެންނެވިހެން 25 ފެބްރުއަރީ 1948 ގައި މާލިއްޔާގެ އަޅަން ފަށާފައިހުރި ކަމުގައި ވިޔަސް) ގާއިމުކުރެވިފައެއް ނެތެވެ. އެކިއެކި މަސައްކަތްތައް ދަންނަ މާކަ ގިނަ ބަޔަކު ވެސް ނެތެވެ. އެހެންކަމުން މަރުޙޫމް ލުތުފީއަށް ޖެހިވަޑައިގަތީ ހުރިހާ ކަމެއް އެއްފަހަރާ ކުރައްވާށެވެ.

ކުރިން ދެންނެވި ފަދައިން ވެރިކަން ކުރާނެ ތަނެއް ނެތުމުން ފުރަތަމަ ކަމަކަށް ހެއްދެވީ ވެރިކަން ކުރާނޭ އިމާރާތެއް ހެއްދެވުމެވެ. މި ތަން ހެއްދެވީ އޮޅޮގިނައިގޭ ކުރިމަތީގައި މިހާރު މަޅަނބިގޭ އެ ހުރި ތަނުގައެވެ. އެ އިމާރާތުގެ މަސައްކަތް ފެށީ 13 ރަބީއުލްއާޚިރު 1371 ގައެވެ. އެ އިމާރާތުގެ ނަމަކީ ފިނިވާގޭ އެވެ. މީގެ އިތުރުން ވެރިކަން ކުރަން ކޮންމެ އަވަށަކުން ތަނެއް ހަމަޖެއްސެވިއެވެ. ހޯދަޑު އަވަށް ދެ ބައިކޮށް އެއް ބައި ދިގުވާޑަށް އަނެއް ބައި މާދަޑަށް ލެއްވުމަށްފަހު ދިގުވާޑު އަވަށުން ވެރިކަންކުރާ ތަނެއްގެ ގޮތުގައި މޯނިންގުލޯރީ ހަމަޖެއްސެވުމާއެކު ހޯދަޑު އަވަށު މައިޒާން ހުރި ތަނުގައި ގެއެއް އެޅުއްވިއެވެ. ނަމަކީ އަވަށުވެރިގެއެވެ. މާލެގަމުގައި ވެރިކަމުގެ އަމުރު މައުރޫފު ހިންގުމަށް ހަމަޖެއްސީ ކަންމަތީގެއެވެ. ދޫޑިގަމުގައި އެޅުއްވި ގެ ހުރީ ކާރިގަޑިގެ ކުރިމަތީގައި މިހާރު ފެންނަ ބަހާރު މަގުގެ އެއްގަމުގައި އަށިގެ ހުރި ތާނގައެވެ. އެ ގޭގެ ނަމަކީ ބަހާރުގެއެވެ. ފުނާޑުގައި އެޅުއްވި ގޭގެ ނަމަކީ ފުނަމާގެއެވެ. އެ ގެ ހުރީ ސޭބުގެ އާ ދިމާލުން ފުނަމާ މަގާ އިންވެގެންނެވެ. މިސްކިއްމަގުން އެދުރުގެ ހަމަޖައްސަވައި ދަށުކުބާ އަވަށް އުވާލައްވައި އެ އަވަށުން މިސްކިއްމަގަށް ބައެއް މާދަޑަށް ބައެއް ލެއްވިއެވެ. އަދި ހަމަ އެ މަހުގެ ތެރޭގައި ފުވައްމަލައް 50 އަހަރަށް ޕުލޭނު ކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދެވިއެވެ. އުސްތާޒު މަރުހޫމް ލުޠުފީ ކުރައްސަވައި ޕްލޭނު ކުރެއްވެވި ޗާޓުގެ އަސްލު ދެއްވީ އަޅުގަނޑުގެ ބޭބެ އަބްދުﷲ ފާރޫޤު ޙަސަނަށެވެ. އެ ޗާޓަކީ ލުޠުފީ ވަޑައިގެންނެވިއިރު ރަށުގެ މަގުތައް ހުރި ގޮތާއި ލުޠުފީ ހެއްދެވި މަގުތަކާއި ހެއްދެވުމަށް ޚިޔާލު ކުރައްވައިފައިވާ މަގުތައް އެއް ޗާޓަކުން އެނގޭ ޗާޓެކެވެ. އަޅުގަނޑުގެ ބޭބެ އެ ޗާޓު އޭރު މަޖީދިއްޔާ ސްކޫލުގެ މަތީ ކުލާހެއްގެ ދަރިވަރެއް ކަމުގައިވާ މުޙައްމަދު ގާސިމް، ހއ. ކެލާ އާ ޙަވާލު ކުރައްވައިގެން ތިން ޗާޓުގެ ގޮތުގައި ކުރައްސަވައި ލުޠުފީއަށް ދެއްކެވުމަށްފަހު ފުވައްމުލަކު ބޮޑު ކަތީބުކަން ކުރެއްވެވި އަލްފާޟިލް މުހަންމަދު ވަހީދަށް ދެއްވިއެވެ. ވަހީދު އެ ޗާޓުތައް އޮފީހުގައި ގެންގުޅުއްވިއެވެ. މުހަންމަދު ވަހީދު ވަޒީފާއިން މުސްކުޅި ކުރެއްވުމުން އަޅުގަނޑާ ޙަވާލު ކުރެއްވިއެވެ. އެ ޗާޓު އަޅުގަނޑު ރިޓަޔަރ ވުމާއި ހަމަޔަށް އަޅުގަނޑު ވެސް ގެންގުޅުނީމެވެ. އޮންނަ އުސޫލުގެ ތެރެއިން އެ ޗާޓު ހަވާލު ކުރަންވާ ފަރާތާ ހަވާލު ކުރި ނަމަވެސް މިހާރު އެއަށް ވީ ގޮތެއް ނޭނގެއެވެ.

މަގުތައް ހައްދަވާން ފެށްޓެވުން

އޭރު ރަށުގައި ތިބި ހަރު މީހުންގެ ތެރެއިން އަލްމަރުޙުމް މާހުގޭ އަހުމަދު ދީދީ އާއި، ޖޫދާގޭ އަލްމަރުޙޫމް މުޙައްމަދު ދީދީ އާއި، ބަޑިޔާވަލު އަލްމަރުހޫމް މުހައްމަދު މަނިކު ފަދަ ބެއިފުޅުންނަކީ މަރުޙޫމް ލުޠުފީ އަންގަވާ ގޮތުގެ މަތިން މަގުތަކުގެ ހޭރި ޖެހުމުގެ މަސައްކަތުގެ އިސް ބެއިފުޅުންނެވެ. ބޭނުން ކުރަނީ ވަށްކޮށް މަށާފަ އޮންނަ ފަލިތަންޑެކެވެ. ފޫޓުފީތާ އަކީ ޒަބަރުޖުދުގޭ އަލްމަރުޙޫމް އަލީ ވަފީރު ލައްވައި ލުޠުފީ ފޮތިން ފައްސަވާފައިވާ ފީތާއެކެވެ.

27 ރަބީއުލްއައްވަލް 1371 (26 ޑިސެންބަރު 1951) ވަނަ ދުވަހަކީ ފުވައްމުލަކުގައި އެއް ފަރާތުން އަނެއް ފަރާތަށް ދެވޭނެ ސީދާ މަގެއްގެ މަސައްކަތް ފުރަތަމަ ކުރާން ފެށުނު ދުވަހެވެ. މަސައްކަތް ކުރަނީ ރަށުގެ ހުރިހާ ރައްޔިތުންނެވެ. މަގަށް އަރައިގެން ނަގަން ޖެހޭ ގެއަކަށް، ރުއްގަހަކަށް ބަދަލު ދިނުމެއް ނެތެވެ. މި މަގު ހެއްދެވުމުގައި ބައްލަވައިފައި ވަނީ ރަށުގައި އެންމެ ގިނަ މީހުން އޭރު ވެސް ބޭނުންކުރާ ދެ ނެރު ގުޅާލުމަށެވެ. މި މަގަކީ ހުރަސްމަގު، މިހާރުގެ ޣާޒީމަގެވެ. މަގުގެ ފުޅާ މިނަކީ 54 (ފަންސާސް ހަތަރު) ފޫޓު 16.46 މީޓަރެވެ. އަޅުގަނޑުގެ ބޭބެ އަބްދުﷲ ފާރޫޤު ޙަސަން އެ މަގު އެހައި ފުޅާކޮށް ހެއްދެވި ސަބަބާ ބެހޭގޮތުން ލުޠުފީ އާ ސުވާލު ކުރެވެވި ވާހަކަ އަޅުގަނޑު ކައިރީގައި ވިދާޅުވިއެވެ. އުސްތާޒު ލުޠުފީ ވިދާޅުވީ އެދުވަސްވަރު ރަށުގައި ހުރި ކޮޅުނބު އޮޑިފަހަރު ރަށުގެ ތެރެއިން ދަމާފައި ރަސްގެފަންނުން މާނޭރަށް ގެންދަން ޖެހޭތީ އެކަމަށް ފަސޭހަކުރުމަށްޓަކައި ކަމުގައެވެ. ދިގުމަގު ފުޅާ ކުރެއްވީ ދެ މަގު އެއް ޕްރޮޕޯޝަނަކަށް ގެންނެވުމަށްޓަކައެވެ. ޣާޒީ މަގު ކައިރީގައި ފާރު ރޭނުމަށްޓަކައި ފާރުގެ ބިންގާ އެޅީ 10 ޖުމާދުލްއޫލާ 1371 ގައެވެ. ރޭނުމުގެ މަސައްކަތް ފެށްޓެވީ 14 ޖުމާދަލްއާޚިރު 1371 (11 މާރޗް 1952) ގައެވެ. 4 ރަބީއުލްއާޚިރު 1371 (2 ޖެނުއަރީ 1952) ވީ ދުވަހަކީ ދިގުމަގު ކޮށުމުގެ މަސައްކަތް ފެށި ދުވަހެވެ. ދިގުމަގާއި ހުރަސްމަގު ބައްދަލުވާ ހަތަރު އަނގޮޅީގައި ވަށްބުރެއް ރޭނުމުގެ މަސައްކަތް ވެސް ހިނގަމުން ދެއެވެ. އަޅުގަނޑުވެސް އެ ބުރުގެ ބިންގަލުގެ އަސަރު ދުށީމެވެ. ހުރަސްމަގާއި ދިގުމަގުގެ ދެ ފަރާތުގައި ހުރި ފާރުން ބައެއް ވެސް ދެކުނީމެވެ. ދިގުމަގުގެ ފާރު ފެށުނީ އަތޮޅުގެއާއި ބޯޅަދަނޑާ ދެމެދުންނެވެ. ދިގުމަގަކީ މިހާރުގެ އޯކިޑު މަގެވެ. މި ނަމަކީ މަރުޙޫމް ލުތުފީ ދެއްވި ނަމަކެވެ. މި މަގުގެ ވެސް ފުޅާ މިނަކީ 54 (ފަންސާސް ހަތަރު ފޫޓެވެ). މި މަގު އޮތީ ރަށުގެ ދެކުނު ކޮޅުގައި އޮންނަ ބިޅިފޭށިން އުތުރު ކޮޅުގައި އޮންނަ މާއެޅަށެވެ. އެ ދުވަސްވަރު އެ މަސައްކަތުގައި އުޅުނު ދޫޑިގަމު ކިނބިބަސްދޮށުގޭ އަލިމަނިކުފާނު ބުނި ގޮތުގައި މަގުގެ އެއް ކޮޅުގައި ހުންނައިރު އަނެއް ކޮޅުގައި އޮންނަ ބިގަރުގެ އަލި ކިރިޔާ ފެނެއެވެ.

ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑުގެ ނަމުގައި މަޝްހޫރުވެފައިވާ ބޯޅަ ދަނޑު ކޮށާ ހުސްކުރުމުގެ މަސައްކަތް ފެށީ 21 ރަބީއުލްއާޚިރު 1371 ގައެވެ. 15 ރަމްޟާން 1371 ގައި ވަށާފާރު ރާނައި ނިންމައި 27 ރަމްޟާން 1371 ގައި ވަނީ ދަނޑު ބޭނުންކުރަން ފަށާފައެވެ. ފިނިވާމަގު 27 ރަބީއުލްއާޚިރު 1371 (25 ޖެނުއަރީ 1952) ގައި ކޮށަން ފެށިއިރު މަގުގެ ފުޅާ މިނަކީ 35 ފޫޓެވެ. މި މަގުގެ ހޭރި ޖެހިއިރު ކުރިން އަޅާފައި ހުރި ފިނިވާގެ މަގަށް އެރުމުން ފިނިވާގެ ނަގާފައި މިހާރު ދަޑިމަގު ރަންބުސްތާނުގޭ އެ ހުރިތަނުގައި ވަނީ އަޅާފައެވެ. ދިގުމަގާއި ހުރަސްމަގު ނޫން ހުރިހާ މަގެއް ވެސް ހުރީ 35 (ތިރީސްފަސް) ފޫޓަށެވެ. މަގު ފުޅާކުރާތީ ބަޔަކު އިއުތިރާޒު ކުރިކަމުގައިވިޔަސް އޭރުވެސް ލުޠުފީގެ ޚިޔާލީ ލޯފުޅަށް ފުވައްމުލަކުގައި ކާރާއި ލޮރީ ދުއްވާ މަންޒަރު ފެނިވަޑައިގަންނަވާކަހަލައެވެ.

މަގުތައް ހެއްދެވުމުގެ އިތުރުން 22 ޝަޢުބާން 1371 (17 މެއި 1952) މި ތާރީޚުގައި ފ.ކ. ކުލަބާއި މ.ކ ކުލަބު އުފެއްދެވިއެވެ. އަދި ކޮންމެ އަވަށެއްގައި އ.ރ ކޮމެޓީއެއް އުފެއްދެވިއެވެ. މި ކޮމެޓީތަކުން އަންހެނުންގެ ކުރިއެރުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން ގެންދެވިއެވެ. އަދި 17 މޭ 1952 ގައި މިސްކިތެއްގެ ބިންގާ އެޅުއްވިއެވެ. އެއީ މަޝްހޫރު ބޯޅަ މިސްކިތެވެ. އެ ބިމުގައި މިހާރު އެހެރީ މަސްޖިދުލް އިނާރާއެވެ.

މިހިސާބުން އިތުރު ތާރީޚަކަށް ބަލައިލާނަމެވެ. ކުރިން ދެންނެވިފަދައިން އަލްފާޟިލް އަލީ މޫސާދީދީ ފުވައްމުލަކުގައި އަޅުއްވަން ފަށްޓަވައި، ލުޠުފީ ވަޑައިގެންނެވިއިރު ނިމޭން ކައިރިވެފައިހުރި ރަށްވެހިގޭގެ އިމާރާތުގެ މަސައްކަތް ނިމި 1 ރަޖަބް 1371 (27 މާރޗް 1952) ގައި ވަނީ މީހުން ބޭނުން ކުރާން ފަށާފައެވެ. މިއާއެކު ރަށްވެހިގޭގެ ދެކުނު ފަރާތު ފެންޑާގައި ކިޔަވައި ދެއްވުމުގެ މަސައްކަތް ވެސް އަލްމަރުޙޫމް އަލްއުސްތާޒު މުހަންމަދު އިބުރާހީމް ލުޠުފީ ވަނީ ފަށްޓަވާފައެވެ. އެތަނުން ކިޔެވި ބެއިފުޅުންގެ ތެރޭގައި ފަހުގެ ތާރީޚުގައި ފުވައްމުލަކުގައި އުފެދުނު އެދުރުންނާއި، އަތޮޅުވެރިނާއި، ގާޟީންނާއި، ބޮޑު ކަތީބުން ހިމެނި ވަޑައިގަންނަވައެވެ. މީގެ ތެރެއިން ޚާއްސަކޮށް އަލްފާޟިލް ފާރޫގު އަހުމަދު ސަމާ، އަލްފާޟިލް ޏ، އަލީ ޝަރީފު އަސްރަފީގޭ، އަލްފާޟިލް އަހުމަދު ނަސީމު އިބުރާހީމް ދީދީ ނޫޑަލްހީ، އަލްފާޟިލް މުހަންމަދު ވަހީދު އަހުމަދު ޖަވާހިރު، އަލްފާޟިލް އަދުނާނު އިބުރާހީމްދީދީ ވިއުޕާކު، އަލްމަރުހޫމް އަބުދުލް މަންނާނު މާހުގޭ، އަލްފާޟިލް މޫސާ ފަތުހީ އާފިޔާ، ހިމެނިވަޑައި ގަންނަވައެވެ. މިއިން ކޮންމެ ބޭފުޅަކީ އެ ބެއިފުޅެއްގެ ފަރާތުން ނުހަނު ގިނަ ޚިދުމަތްތައް ފުވައްމުލަކަށް ލިބުނު ބެއިފުޅުންނެވެ.

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.

(ނުނިމޭ)