މިހާރު ޖޫރިމަނާކުރަނީ ޕާކުކުރާނެ ތަން ދައްކާފައިތޯ ސުވާލު އުފައްދަވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބަހުގެ ހަމަލާއެއް ރައްދުކުރައްވައިފިއެވެ.

"މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ޔާމީން ވިދާޅުވީ، މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާމްދަނީ ހޯދުމަށް ކުރާ ކަމަކީ ޖޫރިމަނާ ކުރުން ކަމަށެވެ. އެގޮތުން ކޮވިޑުގެ އެންމެ އުނދަގޫ ދުވަސްވަރުވެސް ކުރީ ޖޫރިމަނާ ކަމަށް ވިދާޅުވިއެވެ.

"ކީއްތޯވާނީ މިތާނގައި އިންވެސްޓްމެންޓެއް ކޮށްގެން ފައިސާ ހޯދިއްޔާ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ސްޓިކާ ޖަހާނީ، ޕާކުކުރާނެ ޖާގަ ދައްކާފައި ކަމަށް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވިއެވެ. ރަައީސް ސޯލިހުގެ އެ ވިދާޅުވުމަށް ރައްދުދެއްވައި، ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ އާމްދަނީގެ ބޮޑު ބަޔަކީ ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން ހޯދާ އާމްދަނީ ކަމަށެވެ.

"މިހާރު ކީއްކުރާ ޖޫރިމަނާއެއްތޯ؟ ޕާކިން ސްޕޭސް ދައްކައި ނިމުނީތޯ ޖޫރިމަނާ މިކުރަނީ. ޖޫރިމަނާކުރާ އިރު، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު އަދަދެއް މި ނަގަނީ ޖޫރިމަނާއިން. އެހެންކަމުން ދައްކާ ވާހަކަ ދެކޮޅެއް ނުޖެއްސޭ ދެއްތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން މި ސަރުކާރުން އާމްދަނީ ހޯދާތީ ރައީސް ޔާމީން ފާޑުވިދާޅުވި އިރު، އަންނަ އަހަރުގެ ބަޖެޓުގައިވެސް ސްޓިކާ ޖަހައިގެން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ.