މިއީ އިންޑިއާގެ ޓައުނެއް ނޫން ކަމަށް އެގައުމުން ގަބޫލުކޮށްގެން ނުވާނެ ކަމަށާއި އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
"މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ބާރުފޯރުވަމުންދާ ކަމަށެވެ.
ރާއްޖެ އުފެދިފައި އޮތް ގޮތާއި، ރާއްޖޭގެ ނަސްލަށް ބެލިކަމުގައި ވިޔަސް ރާއްޖެއަކީ އިންޑިއާގެ ބައެއް ނޫންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އަމަން ބަލަހައްޓަން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށާއި އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާގެ ޓައުނެއްގެ ގޮތުގައި އެގައުމުން ގަބޫލުކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިންޑިއާ ރައްޔިތުންނަށް އިހުތިރާމުކުރަން. ނަމަވެސް އަޅުގަނޑުމެންގެ އަމަން ބަލަހައްޓާކަށް މިތާކު އިންޑިއާ ސިފައިން ތިބޭކަށް ނުޖެހޭ. އެއީ މި ސަރުކާރުގެ ހިޔާނާތްތެރި ރޭވުން. އަނެއްކާވެސް އަޅުގަނޑު ޖަލަށް ގެންދަވާ، އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން، އިންޑިއާ އަސްކަރިއްޔާއަށް ރާއްޖެއަކު ޖާގައެއް ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އެމްބަސީން ރާއްޖޭގެ ނޫސްތަކަށް ފައިސާ ދޭ ކަމަށާއި މިނިވަންކަމާއެކު ނޫސްވެރިކަންކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ރާއްޖެއަކު ނެތް ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އެގްރީމެންޓު ކުރެވިގެން ގާނޫނާ ހިލާފަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު