ދުނިޔެ

އޮމިކްރޯން: އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ލަންކާއިން ވެސް ވައިރަސް ފެނިއްޖެ

ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކަށް ކަމަށްވާ އިންޑިއާގެ އިތުރުން މެލޭޝިއާ އާއި ސްރީ ލަންކާ އިން ވެސް ކޮވިޑްގެ އާ ވައިރަސް، އޮމިކްރޯން ފެނިއްޖެ އެވެ.

ލަންކާގެ ސިއްހީ ވުޒާރާއިން އާއްމުކުރި ގޮތުގައި ވަރަށް ފަހުން ގައުމުން ބޭރުން ދަތުރުކުރި އެގައުމުގެ ރައްޔިތަކު ވަނީ މި ވޭރިއަންޓަށް ޕޮޒިޓިވް ވެފަ އެވެ.

ދެކުނު އެފްރިކާއިން އޮމިކްރޯން ވޭރިއަންޓު ފެނުމާއެކު ކޮވިޑުން ރައްކާތެރިވުމުގެ ހަރުކަށި ފިޔަވަޅުތައް ދުނިޔޭގެ އެކި ގައުމުތަކުން އަޅަމުން ދިޔުމާ ގުޅިގެން ލަންކާއިން ވެސް ވަނީ ދެކުނު އެފްރިކާ، ނެމީބިއާ، ޒިމްބާބުވޭ، ބޮޓްސްވާނާ، ލެސޯތޯ، އެސްވަޓިނީއަށް މީގެ 14 ދުވަސްކުރިން ދަތުރުކުރި ފަރާތްތަކަށް ލަންކާ އަށް އެތެރެވުން މަނާ ކޮށްފައެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ބުނިގޮތުގައި އޮމިކްރޯން ވަނީ އެގައުމަށް އެތެރެވެފައެވެ. ބޯޑަރުތައް އެކަނި ބަންދު ކޮށްގެން މި ވޭރިއަންޓް ވަނުން ނުހުއްޓުވޭނެ ކަމަށް ވެސް ލަންކާ ސަރުކާރުން ބުނެއެވެ.

ސްރީ ލަންކާއިން މިހާތަނަށް 5،65،471 މީހުންނަށް ކޮވިޑު ޖެހިފައިވާއިރު އެކްޓިވް ކޭސްތަކުގެ ތެރޭގައި 10،000 ކޭސް ހިމެނެއެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެގައުމުގައި ވަނީ ދުވާލަކަށް 750 މީހުންގެ ރޭޓުން ކޮވިޑަށް ޕޮޒިޓިވް ވެ، އަދަދުތައް މަތިވާން ފަށާފައެވެ. މި ބަލީގައި މިހާތަނަށް އެގައުމުން 14،399 މީހުން ވަނީ މަރުވެފައެވެ. ލަންކާގައި ކޮވިޑުގެ އަދަދުތައް މަތިވަމުން ދިޔުމާއި ގުޅިގެން މީގެ ކުރިން ވަނީ މި އަހަރުގެ އޮކްޓޫބަރު 1ވަނަ ދުވަހާ ހަމައަށް ހަ ހަފުތާއަށް އެ ގައުމު ފުރަބަންދުވެސް ކޮށްފައެވެ.

މެލޭޝިއާއިން ވެސް ވަނީ އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފައެވެ. މެލޭޝިއާގެ ހެލްތު މިނިސްޓަރު ހައިރީ ޖަމާލުއްދީން ވިދާޅުވިގޮތުގައި ޑިސެމްބަރު 2 ވަނަ ދުވަހު އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެފައި ވަނީ އެ ވޭރިއަންޓަށް ޝައްކު ކުރެވިގެން ހެދި ސާމްޕަލެއްގެ ނަތީޖާއިންނެވެ.

މި ސާމްޕަލް ނެގިފައިވާ މީހަކީ މީގެ ކުރިން ނޮވެމްބަރު 19 ވަނަ ދުވަހު ސިންގަޕޯ މަގުން މެލޭޝިއާއަށް އެތެރެވި މީހެއް ކަމަށާއި އެއީ މެލޭޝިއާ ރައްޔިތެއް ނޫންކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. މެލޭޝިއާގެ ޕެރަކް، އީޕޯގެ މަތީ ސާނަވީ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދެކުނު އެފްރިކާއަށް ނިސްބަތްވާ 19 އަހަރުގެ ދަރިވަރު އެގައުމަށް އެތެރެވިއިރު ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.