އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު އެ ރަށު މޮނަލާޒް، 57 އަހަރުގެ މަހުމޫދު އަބޫބަކުރު މަރައިލީ ފައިސާގެ ބޭނުމުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ދަނގެތީ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނިކޮށެވެ.

މަހުމޫދު މަރައިލި ކަމުގެ ތުހުމަތުގައި ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމު) ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މަހުމޫދުގެ މަރުގެ މައްސަލައާ ބެހޭ މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދު މަރާލާފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސާލިމު ދިރިއުޅުނު ދަނގެތީ ނެދުންގެ ބަލައި ފާސްކުރުމުގައި ވެސް ފައިސާތަކެއް ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި 500 ރުފިޔާގެ ވިއްސަށްވުރެ ގިނަ ނޫޓު ހިމެނޭ ކަމަށް ހަސަން ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ގެއިން ހޯދި ފައިސާއަކީ މަހުމޫދުގެ ފައިސާ ކަމަށާއި ފައިސާގެ އިތުރުން މަހުމޫދުގެ އަތުން ގެއްލުނު އެހެން ހުރިހާ ތަކެތި އެގޭ ގޯތިތެރޭގެ އެކި ތަންތަނުގައި ވަޅުލާފައި ހުއްޓައި ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ސައީދު ވިދާޅުވީ، މަހުމޫދަކީ އަބަދުވެސް ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހެއްކަމަށް ރަށު މީހުންވެސް ބުނާ ކަމަށާއި، މަހުމޫދަށް ސާލިމު ހަމަލާދިނުމުގެ ސަބަބަކީ އެއީކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ސާލިމަކީ މީގެ ކުރީގައިވެސް އެރަށުން ވައްކަމެއް ކޮށްގެން އެ މައްސަލައިގެ ތަހުގީގު އޭނާގެ މައްޗަށް ކުރިއަށްގެންދާ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ސައީދު ވިދާޅުވީ، ސާލިމާއި މަހުމޫދަކީ ދެ އެކުވެރިން ނޫން ކަމަށާއި ނަމަވެސް މަހުމޫދު މަރާލަން ހިންގި އަމަލަކީ ދުރާލައި ރާވައިގެން ހިންގި އަމަލެއްކަން ބެލެވެން ނެތް ކަމަށެވެ. އަދި އެކަމުގައި ސާލިމު ފިޔަވައި އިތުރު މީހަކު ބައިވެރިވެފައިވާކަން އެނގެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މަހުމޫދު މަރައިލި ރޭ ސާލިމު ދިރިއުޅޭ ގެއަށް މަހުމޫދު ގެންދިޔައީ ފޯނު ކޮށްގެން ކަމަށާއި އެ ދެމީހުންނަކީ އެކުވެރިން ނޫން ނަމަވެސް ފޯނުކޮށްގެން މަހުމޫދު އެގެއަށް ގެންދިއުމުގައި ގަބޫލުކުރެވޭ ކަންތައްތަކެއް ފާހަގަވެފަިއވާ ކަމަށްވެސް ވިދާޅުވިއެވެ.

"މަހުމޫދުބެ އަކީ ކާޑު ގުދަނެއްް ގެންގުޅޭ މީހެއް. އެހެންކަމުން ކޮންމެ މީހަކުވެސް އެތަނުން އެއްޗެހި ނެރެންވީމަ، ގުޅަނީ މަހުމޫދުބެއާ އެގޮތަށް ގުޅޭނެ. އެގޮތަށް މަހުމޫދުބޭގެ ނަމްބަރު ބޭނުންކޮށްގެން ޝާ އަލޮމް މިއާ ގުޅައިގެން ގެންދިޔައީ،" ހަސަން ސައީދު ވިދާޅުވިއެވެ.

މިއަދުގެ ނިއުސްކޮންފަރެންސްގައި ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއުވެސް ވިދާޅުވީ މަހުމޫދު މަރައިލަން ދިން ހަމަލާއަކީ ފައިސާގެ ބޭނުމުގައި ޓާގެޓުކޮށްގެން ދީފައިވާ ކަމަށެވެ. އަދި މަހުމޫދު މަރައިލި ކަމަށް ސާލިމު މިހާރު އިއުތިރާފުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.