އިނގިރޭސި ޕްރިމިއާ ލީގުގެ މިޑް ވީކް ފިކްސްޗާސްތަކުގައި ރޭ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލުން ކުޅުނު މެޗުތައް އެ ޓީމުތަކުން ކާމިޔާބު ކޮށްފިއެވެ.

މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހުގެ މެޗުތަކަށްފަހު ޕްރިމިއާ ލީގުން މި ހަފުތާ ތެރޭވެސް މެޗުތައް ޝެޑިއުލްކޮށްފައިވާ އިރު، ރޭގެ މެޗުތަކުގެ ނަތީޖާއާއެކުވެސް ތާވަލުގެ ގަދަ ހަތަރެއްގެ އެތުރުމަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެއްވަނައިގައި ޗެލްސީ 13 މެޗުން 30 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 13 މެޗުން 29 ޕޮއިންޓާ އެކުގައެވެ. ލިވަޕޫލް ތިންވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކުގައެވެ. މިވަގުތު ލީގުގެ ހަތަރުވަނައިގައި ވެސްޓްހަމް އޮތީ 13 މެޗުން 23 ޕޮއިންޓާ އެކުގައެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީން ރޭ ތިން ޕޮއިންޓް ހޯދީ ވޮޓްފޯޑު އަތުންނެވެ. ވޮޓްފޯޑުގެ ދަނޑުގައި ޗެލްސީން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ. މެޗުން ތިން ޕޮއިންޓް ޗެލްސީން ހޯދި ނަމަވެސް ވޮޓްފޯޑުން ވަނީ ރަނގަޅަށް ކުޅެ ޗެލްސީއަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. ޗެލްސީގެ ބަދަލުގައި މެޗު ޑޮމިނޭޓް ކޮށް ކުޅުނުތަން ވެސް ފެނުނީ ވޮޓްފޯޑުންނެވެ. އެހެން ނަމަވެސް ޗެލްސީން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިފައެވެ.

ޗެލްސީ އާއި ވޮޓްފޯޑު ވާދަކުރި މެޗު ފެށިގެން 12 ވަނަ މިނެޓުގައި މެޑަކަލް އިމަޖެންސީއެއްގައި މެޗު މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފެށީ 30 ވަރަކަށް މިނެޓް ފަހުންނެވެ. ރެފްރީ މެޗު ހުއްޓުވީ ވޮޓްފޯޑު ސަޕޯޓަރަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާ ދޭން ޖެހިގެންނެވެ. މެދު ކަނޑާލުމަށްފަހު ދަނޑަށް ނުކުމެ ޗެލްސީއަށް ލީޑު ނަގައިދިނީ މޭސަން މައުންޓެވެ. އެ ގޯލާއެކު ޗެލްސީން ހާފު ނިންމާލަން ދިޔަ ނަމަވެސް ވޮޓްފޯޑުގެ ޑެނިސް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފަށް ނުކުމެ ޗެލްސީން ޓެކްޓިކަލް ބަދަލުތައް ގެނެސް މެޗުން ނަތީޖާ ނެރުނީ ނިމެން ކައިރިވެފައި ވަނިކޮށް ހަކީމް ޒިޔެޗް ޖެހި ގޯލުންނެވެ.

މެންޗެސްޓާ ސިޓީން ރޭ އެސްޓޮން ވިލާގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ ބައްޔަކީ އެސްޓޮން ވިލާއާ އަލަށް ހަވާލުވި ކޯޗު ސްޓީވަން ޖެރާޑަށް އެ ކްލަބާއެކު ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. މެޗަށް އެސްޓޮން ވިލާއިން ނުކުތީ ޖެރާޑާއެކު ދެ މޮޅު ހޯދައި ފޯމުގައި އޮވެގެން ނަމަވެސް އެންމެފަހުގެ ޗެމްޕިއަން ސިޓީ ކައިރީ ހިފަހައްޓައި ނުލެވުނީއެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ރުބެން ޑިއާސް ސިޓީއަށް ލީޑު ނަގައިދިން އިރު، އެޓީމުން ވަނީ ހާފް ނިމުމުގެ ކުރިން ދެވަނަ ގޯލެއް ޖަހައިފައެވެ. ސިޓީގެ ދެވަނަ ގޯލަކީ ބާނާޑޯ ސިލްވާގެ ހިތްގައިމު ގޯލެކެވެ. މެޗަށް އަނބުރާ ވަނުމަށް އެސްޓޮން ވިލާގެ އޮލީ ވޮޓްކިންސް ދެވަނަ ހާފުގައި ގޯލެއް ޖެހި ނަމަވެސް އެޓީމަށް ޕޮއިންޓެއް ހޯދޭނެ ގޮތެއް ނުވިއެވެ.

ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް، އަވޭގައި ކުޅުނު ޑާބީ ކާމިޔާބުކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުގައިވެސް ލިވަޕޫލުން ކޮންމެ މެޗެއްގައި ހަތަރު ގޯލު ޖަހައިފައިވާ އިރު، މިހާތަނަށް ކުޅުނު 13 މެޗުން އެޓީމު ވަނީ ލީގުގައި 43 ގޯލު ޖަހައިފައެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ގޯލުތައް ޖަހައިދިނީ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި މުހައްމަދު ސަލާހްގެ އިތުރުން ޑިއޭގޯ ޖޮޓާ އެވެ. ސަލާހް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.